ހަބަރު

އެމްޑީއެން މައްސަލާގައި އަޒްރާ ހާޒިރުވާން އަންގައި އިއުލާން ކޮށްފި

Oct 20, 2019
2

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ނެރެފި އެވެ.

ފޮޓޯއާއެކު ފުލުހުން އިއުލާން ނެރެފައިވަނީ އަޒްރާއަށް ޗިޓް ހަވާލު ނުކުރެވިގެންނެވެ. ފުލުހުން ބުނީ އޭނާ އުޅޭ ތަނެއް އެނގިފައި ނުވާ ކަމަށާއި އާއިލާއަށް ވެސް އޭނާ އުޅޭ ތަނެއް ނޭނގޭ ކަމަށެވެ. އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އާންމުކޮށް އިއުލާން ކުރީ ކަމަށެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވެއެވެ. މައްސަލައާ ގުޅިގެން އެމްޑީއެންގެ ބަޔަކަށް ޗިޓް ފޮނުވާފައިވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރަން ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ. ޔޫތް މިނިސްޓްރީއިން ވަނީ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އާންމުން ގެންދަނީ އެ މައްސަލާގައި ތަހުގީގު ކުރަން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރަމުންނެވެ.