އެންސްޕާ

ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ޖަލުގައިވާނަމަ އެހީ ދެނީ

އަށާރަ އަހަރުން ދަށުގެ ކުޑަކުއްޖާގެ ބައްޕަ ނުވަތަ މަންމަ ހަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަން ބަންދުގައި ވާނަމަ އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސަށް އެދުމުގެ ފުރުސަތުދީ ގަވާއިދު އިސްލާހު ކޮށްފި އެވެ.

ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ބުނީ އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަން ބަންދުގައިވާނަމަ އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސަށް އެދެން ހުރަހެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެހީއަށް އެދޭ ފަރާތުގެ ދަރިން ދުރުގައި ތިބޭ ނަމަވެސް އެހީއަށް އެދެވިދާނެ ހާލަތްތަކެއް އާ އިސްލާހުގައި ވަނީ ހިމަނާފައި ވެއެވެ.

އެގޮތުން ތައުލީމް ހާސިލު ކުރަން ކުއްޖާ، މަންމަ ނުވަތަ ބައްޕައާއި ދުރުގައި އެހެން ރަށެއްގައި ހުރުމާ، ކުއްޖާގެ ބަލި ހާލަތު ހުރިގޮތުން މަންމަ ނުވަތަ ބައްޕައާއި ދުރުގައި އެހެން ރަށެއްގައި ހުންނަން ޖެހުމާ، ކުއްޖާ ބަލަހައްޓާ މަންމަ ނުވަތަ ބައްޕަ ބައްޔެއްގެ ސަބަބުން ކުދިންނާ ދުުރުގައި ހުންނަން ޖެހުން އަދި އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ކުއްޖާއާ ދުރުގައި ބައްޕަ ނުވަތަ މަންމަ ހުރުމެވެ.

މީގެ އިތުރުން މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ މީހާގެ ހާލަތު ބަދަލުވެއްޖެނަމަ އެކަން އަންގަން ޖެހޭނެ ކަމަށާ އެކަން ނާންގާ ހުރެއްޖެނަމަ އެކަން އެންސްޕާއަށް އެނގޭ ހިސާބުން އެހީ މެދުކަނޑާލާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެހީ މެދުކަނޑާލީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް އެމީހާ ސާބިތުކޮށްދީފިނަމަ އަލުން އެހީ ދޭން ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ކުއްޖާގެ ބައްްޕަ ނުވަތަ މަންމައަކީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްނަމަ އެމީހެއްގެ ހުކުމް ތަންފީޒުކޮށް ނިމޭ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ދެމުންދާ އެހީ މެދުކަނޑާލާނެ ކަމަށް އައު އިސްލާހުގައި ވަނީ ބުނެފައެވެ.

އެކަނިވެރި މަންމައިންނާއި އެކަނިވެރި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހުކޮށް ކޮންމެ އެކަނިވެރި މައަކާއި ބަފައަކަށް ގިނަ ވެގެން 10،000 ރުފިޔާގެ ފައިސާގެ އިނާޔަތް ދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް އެ އަދަދަށް ފައިސާ ލިބޭނީ އަށާރަ އަހަރު ނުވާ 10 ކުދިން ތިބޭ ނަމައެވެ.