ގާސިމް އިބްރާހިމް

12 މިލިއަނަށް ގާސިމް ގެއެއް ބައްލަވައިގެންފި

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، މާލެއިން އަނެއްކާ ވެސް ގެއެއް ބައްލަވައިގެންފި އެވެ.

މަޝްހޫރު ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ބައްލަވައިގެންފައި ވަނީ މ. ވާދީބިލްޑިންގެވެ. އެމަނިކުފާނު އެ ގެ ބައްލަވައިގެންފައި ވަނީ 12 މިލިއަން ރުފިޔާ އަށެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ މ. ވާދީރޯސް، މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގުގެ ނަމުގައިވާ 413.33 އަކަފޫޓްގެ ފިހާރަ ބިމުގައިވާ އެންމެހާ އިމާރާތްތަކާ، ނުއުފުލޭ މުދަލާއި އަމިއްލަ ބިން، މާފަންނު މާފަންނުވިލާ ގާސިމް އިބްރާހިމް ގަނެ، އަގުދުކޮށް، މި ވިޔަފާރީގެ އަގު ޚަލާސްކޮށްފައި ވާ ކަމަށާއި އެ ވިޔަފާރީގެ ސައްހަ ކަމަށެވެ.

އަދި އެ ވިޔަފާރީގެ ސަބަބުން މ. ވާދީރޯސް، މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިން ކިޔާ 413.33 އަކަފޫޓްގެ ފިހާރަ ބިމުގައިވާ އެންމެހާ އިމާރާތްތަކާ، ނުއުފުލޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީ ގާސިމް އިބްރާހިމް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ހަތަރު އަނބިންނާއި ގިނަ އަދަދަކަށް ބޭފުޅުން ވެސް ތިއްބަވާ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް، މީގެ ކުރިން ވެސް ވަނީ މާލެއިން ގިނަ ގޯތިތައް ބައްލަވައިގެންފަ އެވެ.

ގާސިމްގެ ސިޔާސީ ހަރަކާތް ހިނގާ ކުނޫޒަކީ ވެސް އެގޮތަށް ބައްލަވައިގެންފައިވާ ގެއެކެވެ. ބައްލަވައިގަތް ގިނަ ތަންތަން ރަނގަޅު ފެންވަރުގައި އަދި ހައްދަވާފައެއް ނުވެއެވެ.