ހަބަރު

ޝަހީދުންގެ ބިނާ ޑިޒައިން ކުރުމުގެ މުބާރާތް ފަސްކޮށްފި

Oct 21, 2019
1

ރާއްޖޭގައި ހިނގާފައިވާ އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ހަދަން ޑިފެންސް މިނިސްޓްރީން ނިންމައި، އެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ އެ މުބާރާތުގައި ބައިވެރިކުރާ ޑިޒައިން މިމަހުގެ 24 ވަނަ ދުވަހުގެ 10:00 އަށް ހުށަހަޅަން ޖެހޭ ގޮތަށެވެ.

ނަމަވެސް، އެމްއެންޑީއެފުން މިއަދު ބުނީ ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތް ފަސްކުރީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ އިތުރުން އުފެއްދުންތެރި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އަދި ބުނީ އެ މުބާރާތް ބޭއްވޭނެ ތާރީހު ފަހުން އިއުލާނުކުރެވޭނެ ކަމަށެވެ.

ނޮވެމްބަރު 3، 1988 ޝަހީދުވި ދިވެހިން ޒިކްރާ އާކުރުމުގެ ގޮތުން ސިފައިންގެ މައި މަރުކަޒުގެ ފުރަގަހުގައި ވެސް ވަނީ ޝަހީދުންގެ ބިނާއެއް ހުރެ އެވެ.

ދިވެހިންގެ ބަޔަކާއި، ލަންކާގެ ބަޔަކު ގުޅިގެން ރާއްޖެ އަރައި ދިން އުދުވާނީ އެ ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އެ ދުވަހު ބާޣީން ވަނީ ސިފައިންގެ ތެރެއަށް ވަނުމަށް ސިފައިންގެ ފާރުން ބައެއް ގޮއްވާލާފަ އެވެ. ޝަހީދުންގެ ބިނާ ހަދާފައި ވަނީ އެ ބާގަނޑު ހުރި ދިމާއިން ބާގަނޑުވެސް ރަމްޒުވާ ގޮތަށެވެ.