ހަބަރު

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލަން ގިނަ މީޑިއާތަކުން ތާއީދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި މީޑިއާތައް ރެގިއުލޭޓް ކުރުމަށް އެއް މުއައްސަސާ ބޭއްވުމަށް ތާއީދުކޮށް މީޑިއާތަކުގެ އިސް ވެރިން މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ ކަމަށް އެ ކޮމިޓީގެ ތެރެއިން ހަތަރު މެންބަރުންގެ ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގައި ތިއްބަވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.

މީޑިއާތަކަށް އެއް މުއައްސަސާއެއް ބޭއްވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން، އެ މަސައްކަތް ކުރަމުންދާ ސަބް ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް މީޑިއާތަކުގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކޮށްފަ އެވެ. މިޑީއާ ކައުންސިލާއި ބްރޮޑްކޮމް ވެސް އުފައްދާފައި ވަނީ ދެ ގާނޫނެއްގެ ދަށުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީއަށް ހާޒިރުވި މީޑިއާތަކުގެ ގިނަ ބޭފުޅުން ފާހަގަ ކުރެއްވީ ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށް އުފައްދާ އާ މުއައްސަސާގައި މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުންގެ އިތުރުން މަޖިލީހުން ކަނޑައަޅާ މެންބަރުންތަކެއް ވެސް ތިބޭ ގޮތަށް އެ މުއައްސަސާގެ އެކުލެވުން ބައްޓަން ކުރުމަށެވެ.

ބްރޯޑްކޮމް އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުންދީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކުން އިންތިހާބު ކުރާ މީޑިއާތަކުގައި މަސައްކަތް ކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންގެ މައްޗަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އަވަސް އޮންލައިންގެ ޗީފް އިން އެޑިޓާ އާދަމް ހަލީމް ވާހަކަ ދައްކަވަމުން ހުށަހެޅުއްވީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް އުފެއްދުމަށެވެ. އެ ކޮމިޝަންގައި މީޑިއާތަކުން އިންތިހާބު ކުރާ ފަސް މެންބަރުންނާއި މަޖިލިހުން ކަނޑައަޅާ މެންބަރުންތަކެއް ވެސް ހިމެނުމަށް އާދަމް ހަލީމް ހުށަހެޅުއްވި އެވެ.

ސަން މީޑިއާގެ ޗީފް އިން އެޑިޓާ އަހުމަދު ޒާހިރު ވެސް ހުށަހެޅުއްވީ މީޑިއާތަކަށް އޮންނަ ކޮމިޝަންގެ މެންބަރުންގެ މެޖޯރިޓީއަކީ މީޑީއާތަކުން އިންތިހާބު ކުރާ މެންބަރުން ތިބޭ ގޮތަށް އޮތުމަށެވެ. އަދި އާންމުންގެ ތެރެއިން އިތުރު މެންބަރުންނާއި އެހެނިހެން ގޮތް ގޮތުން އިތުރު މެންބަރުން ވެސް އެ ކޮމިޝަންގައި ތިބޭ ގޮތަށް ހެދި ދާނެ ކަމަށެވެ.

ރާއްޖެ ޓީވީގެ އާމިރު ހުށަހެޅުއްވީ މީޑިއާތަކަށް އޮންނަ ކޮމިޝަންގައި ހަތް މެންބަރުން ތިބޭ އެކުލެވުމެކެވެ. އެ ގޮތުން ބްރޯޑްކޮމްއަށް މެންބަރުން ނަގާ ގޮތަށް މަޖިލީހުން އައްޔަން ކުރާ ފަސް މެންބަރުންނާއި މީޑިއާ ކައުންސިލަށް މެންބަރުން ނަގާ ގޮތަށް ދެ މެންބަރަކު ތިބޭ ގޮތަށް ހަދަން ހުށަހެޅުއްވި އެވެ.

ވަން އޮންލައިންގެ އިބްރާހިމް ޒަކީ ވެސް ހުށަހެޅުއްވީ މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުންނާއި މަޖިލީހުން ކަނޑައަޅާ މެންބަރުން ތިބޭ ގޮތަށް މީޑިއާ ކޮމިޝަން އެކުލެވުމަށެވެ. ނަމަވެސް ވަކި ހާއްސަ އަދަދެއް ކޮމިޝަންގައި ތިބުމަށް އޭނާ ހުށަހެއް ނާޅަ އެވެ.