ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާލުފާޅު ކުރަންވާނީ މަސްލަހަތު ނުގެއްލޭ ގޮތަށް: ރައީސް

އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާ ލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ގޮވާލެއްވީ ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައް ވެސް ކަނޑައެޅިފައި އޮންނަނީ އެބައެއްގެ މެދުގައި ސުލްހަވެރި ކަމާއި ހަމަޖެހުން ގާއިމު ކުރުމުގެ މައްޗަށް ކަމަށެވެ. އެހެން ކަމުން އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފަން ރައީސް އިލްތިމާސް ކުރެއްވި އެވެ.

މި ބައްދަލްވުމުގައި ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ރައްޔިތަކު ވެސް މިކަންކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް އެ ކަންކަމަށް އިސްކަން ދިނުމަށް ގޮވާލެއްވި އެވެ.

ޖަޕާން ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯދުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.