ފިލިޕީންސް

ޑެންގީ ޖެހިގެން މަރުވި ދަރިފުޅުގެ މެޑެއްޔާ ހަވާލުވީ ބައްޕަ

އޭނާއަކީ ސްކޫލްގެ އެންމެ މޮޅު އެއް ދަރިވަރެވެ. ނަމަވެސް އަލީޒާ މަރީ ޓެކްސަންގެ ހުވަފެނަށް ނިމުމެއް އައީ ޑެންގީގެ ޝިކާރައަކަށްވެ މި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހުމުންނެވެ. އެހެންވެ ސީނިއާ ހައި ސްކޫލުން އަލީޒާ ގްރެޖުއޭޓްވީ ދުވަހު އޭނާގެ އެވޯޑްތަކާ ހަވާލުވާން ދާން ޖެހުނީ އޭނާގެ ފިލިޕީންސް ބައްޕަ އަށެވެ.

އަލީޒާ އަކީ ފްލައިޓް އެޓެންޑެންޓަކަށް ވުމުގެ ހުވަފެން ދެކެމުން އައި ކުއްޖެކެވެ. އަދި ވަރަށް މުރާލިކަމާއެކު ބުރަ މަސައްކަތުން ކިޔަވައި ރަނގަޅު ނަތީޖާ ނެރެމުން އައި ކުއްޖެކެވެ. ޑެންގީ ޖެހިގެން ހޮސްޕިޓަލުގައި އޮތްއިރުވެސް އަލީޒާ އޭނާގެ ސްކޫލް ޕްރޮޖެކްޓްތައް ނިންމުމުގެ މަސައްކަތް ކުރި އެވެ.

އޭނާ ބައްޔާ ވަރަށް ހަނގުރާމަ ކުރި ނަމަވެސް އޭނާގެ ޅަނދޮޅު ހަށިގަނޑަށް ޑެންގީއިން ސަލާމަތެއް ނުވެވުނެވެ. މިއަހަރުގެ މާޗް 18 ވަނަ ދުވަހު އެލީޒާ މި ދުނިޔެއިން ވަކިވިއިރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ.

އަލީޒާ ބަލިވިއިރު އޭނާގެ ބައްޕަ ހުރީ ސައޫދީ އަރަބިޔާގައި ވަޒީފާ އަދާކުރަން ގޮހެވެ. އަލީޒާ ހޮސްޕިޓަލުގެ ބަލި އެނދުގައި އޮތްއިރު އޭނަގެ ބައްޕަ ވީޑިއޯ ކޯލް ކޮށްގެން އަލީޒާއަށް ވަރަށް ހިތްވަރުދީ ހެދި އެވެ. ނަމަވެސް އަލީޒާގެ ފުރާނަ ސަލާމަތް ނުވެ އޭނާ މަރުވީ އެވެ.

މަރުވިއިރު އަލީޒަ ކިޔަވަމުން ދިޔައީ ފިލިޕީންސްގެ ސޭބޫ ސިޓީގެ ސީނިއާ ހައި ސްކޫލް ޑިޕާޓްމަންޓް އޮފް އޭޝިއަން ކޮލެޖު ޔުނިވަސިޓީގެ ބުލަކާއޯ ކެމްޕަސްގަ އެވެ. ދުނިޔޭގައި ހުރި ނަމަ އެންމެ މަތީ އޮނާޒް އަލީޒާ އަށް ލިބުނީސްކަން އޭނާގެ ބައްޕައަށް އެނގުމުން ގްރެޖުއޭޝަންގައި ބައިވެރިވެ އަލީޒާގެ ފަރާތުން އެވޯޑާ ހަވާލުވާން އޭނާގެ ބައްޕަ ނިންމީ އެވެ. ސަބަބަކީ އަލިޒާގެ އެވޯޑުތަކަކީ އޭނާ ކުރި ވަރަށް ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވާތީ އެވެ.

މި އެވޯޑާ ހަވާލުވާން އަލީޒާގެ ބައްޕަ ސްޓޭޖަށް އެރިއިރު އެ ހޯލްގައި ތިބި އެންމެންނަށް ވެސް ތިބީ ރޮވިފަ އެވެ. އަލީޒާގެ ބައްޕަ ސްޓޭޖަށް އެރިއިރު އޭނާގެ ފަހަތުން އޭނާގެ ބޮޑުދައިތަ ވެސް ސްޓޭޖަށް އެރި އެވެ. ގްރެޖުއޭޝަން ހެދުމެއް އަޅުވާފައި ހުރި އަލީޒާގެ ފޮޓޮއެއް ހިފައިގެންނެވެ.

އަލީޒާއަށް ލިބުނު މެޑަލް ވަރަށް ފަޚުރުވެރިކަމާއެކު އޭނާގެ ބައްޕަގެ ކަރުގައި އެޅުވި ވަގުތަކީ ވެސް ވަރަށް އަސަރުގަދަ ވަގުތުކޮޅެކެވެ.