ޕްރިޔާންކާ ޗޯޕްރާ

"ފްރޯޒަން" އަށް ޕްރިޔަންކާއާ ޕަރިނީތީ އަޑު އަޅަނީ

ހޮލީވުޑްގެ އެނިމޭޓެޑް ފިލްމު "ފްރޯޒަން 2" ގެ ހިންދީ ވާޝަންގެ އެންމެ މުހިއްމު ދެ ކެރެކްޓާއަކަށް އަޑުއަޅައިދިނުމުގެ ފުރުސަތު ޕްރިޔަންކާ ޗޯޕްޅާ އަށާއި އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ޕަރިނީތީ ޗޯޕްޅާ އަށް ލިބިއްޖެ އެވެ.

ފިލްމު ޕްރޮޑިއުސްކުރާ ޑީޒްނީ އިންޑިއާ އިން ވަނީ އެ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާކަމަށްވާ އެލްސާގެ އަޑު ޕްރިޔަންކާ ލައްވާ ޑަބް ކުރުވަން ނިންމާފަ އެވެ. އަދި އަނާގެ އަޑު އަޅާނީ ޕަރިނީތީ އެވެ.

އެލްސާ އަކީ ޚިޔާލީ އަންހެންކުއްޖެއް ނަމަވެސް އެ ކެރެކްޓާއަކީ ވަރަށް ވިސްނުންތެރި އަދި އެހާމެ ކުޅަދާނަ އަންހެންކުއްޖެއްގެ ކެރެކްޓާ އެކެވެ. ޕްރިޔަންކާ ބުނި ގޮތުގައި އެލްސާގެ ރޯލަށް އަޑުއަޅައިދޭން ނިންމީ އެލްސާ އަކީ އެ ފިލްމުގައި އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ ކެރެކްޓާއަށް ވާތީ އެކަންޏެއް ނޫނެވެ. މިއީ މިހާތަނަށް ނުކުތް އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށް ވާތީ އެ ފިލްމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެލަން ބޭނުންވީމަ އެވެ.

"އެނާގެ ރޯލަށް އަޑުއަޅައިދެނީ ޕަރިނީތީކަން އެނގުމުން އަހަރެންގެ އުފާވެރިކަން އިތުރުވި. އަހަރެމެން ދެބެން އެކުގައި އަދި އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރަން. އެހެންވެ މި ފިލްމުގައި އެކުގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުނީމަ މިއީ އަބަދަށް ހަނދާނުގައި ރައްކާކުރާނެ ތަޖުރިބާއެއް،" ޕްރިޔަންކާ ބުންޏެވެ.

ޕަރިނީތީ ބުނި ގޮތުގައި ޑިޒްނީ ޕްރިންސަސް އަކަށް ވާކަށް ބަތަލާއަކަށް ވާކަށް ނުޖެހެ އެވެ. "ފްރޯޒަން"ގެ ފުރަތަމަ ބައި އޭނާޔަށް ވަރަށް މަގްބޫލުކަމުގައި ބުނަމުން ޕަރިނީތީ ބުނީ ދެ ވަނަ ބައިގައި އެނާގެ ރޯލަށް އަޑުއަޅަން ލިބިދާނެ ކަމަށް ޚިޔާލު ވެސް ކޮށްފައި ނެތް ކަމަށެވެ. ޚާއްސަކޮށް ޕްރިޔަންކާ އާ ދެބެން އެކުގައި މި ފިލްމަށް އަޑުއަޅައިދޭން ޖެހުމުން ލިބުނު އުފާވެރިކަން ބަޔާން ކުރަން ވެސް ދަތިކަމަށް ޕަރިނީތީ ބުންޏެވެ.

"އަޑު ޑަބް ކުރަމުން ދިޔައިރު ވަރަށް މަޖާނަގައި ހީނ ހެދިން. ސަބަބަކީ އަހަރެމެން ދެބެންނަކީ ހަގީގީ ދިރިއުޅުމުގައި އެލްސާ އާއި އޭނާ އުޅޭހެން އުޅޭ ދެބެންނަށް ވާތީ. މީމީ ދީދީ (ޕްރިޔަންކާ) ގެ އަޑު އެލްސާ އަށް ވަރަށް ގުޅޭ،" ޕަރިނީތީ ބުންޏެވެ.