ޗެމްޕިއަންސް ލީގް

މޮޅުވުން މަޖުބޫރު މެޗެއް، ޒިދާނަށް ވަޒީފާގެ ބިރު

ޔޫއެފާ ޗެމްޕިއަންސް ލީގްގައި ގަލަތަސާރާއީ އާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ރެއާލް މެޑްރިޑް މޮޅު ނުވެއްޖެނަމަ އެ ޓީމު މުބާރާތުން ކަޓާނެ އެވެ. މެޗުން މޮޅު ނުވެއްޖެނަމަ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ ވަޒީފާވެސް ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި ޕީއެސްޖީ އަތުން ބަލިވެ، އަދި ދެ ވަނަ މެޗުން ބެލްޖިއަމްގެ ކުލަބު ބުރޫޖް އަތުން އެއްވަރު ވެފައި ވުމުން ރެއާލްއަށް ޕްރެޝަރު އެބައޮތެވެ. އަދި މިިދޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ދެ ވަނަ ޑިވިޝަނުން އައި ރެއާލް މަޔޯކާ އަތުން ބަލިވުމުން ރެއާލްގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މީޑިއާ ތަކުން ފަތުރަމުންދާ ހަބަރަތަކުގައި ބުނެދެނީ ޒިދާން ވަކި ކުރުމަށް ފަހު ރެއާލްގެ ކޯޗްކަން ހޯޒޭ މޮރީނިއޯއާ ހަވާލު ކުރަން އުޅޭ ވާހަކަ އެވެ. ޒިދާން ބުނީ، ކުލަބުގެ ބޭރުން ބަޔަކު ދައްކާ ވާހަކަ އަޑުއަހަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް ޓީމު މިހާރު އޮތް ހިސާބުން އޭނާއަށްވެސް ޕްރެޝަރު ބޮޑުކަމަށް ޒިދާން އެއްބަސް ވެއެވެ. ޗެމްޕިއަންސް ލީގްގައި ރެއާލް އޮތީ ގުރޫޕްގެ ފުލުގަ އެވެ.

ރެއާލް އާ އެކު ޖެހިޖެހިގެން ތިން ފަހަރު އެ މުބާރާތް ހޯދި ކޯޗް ބުނީ، ފުޓްބޯޅައިގައި އަބަދުވެސް ވާހަކަ ދައްކާނީ އެވަގުތެއްގައި އޮންނަ ހާލަތަށް ކަމަށާއި ކުރިން ކިތަންމެ ބޮޑު މަސައްކަތެއް ކޮށްފައި އޮތް ނަމަވެސް އެކަން ފާހަގަ ނުކުރާނެ ކަމަށެވެ.

"ވީ ކަމެއް އެ ވަނީ ފާއިތުވެފަ، މިހާރު އަހަރެން ކުރަން ޖެހޭނީ އަހަރެންގެ މެކްސިމަމް ދިނުން، އަދި ޕޮޒިޓިވް ކޮށް ވިސްނުން،" ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑަށް ކުރިމަތިވި ހާލަތާ ބެހޭގޮތުން ޒިދާން ވާހަކަ ދެއްކި އެވެ. "އަހަންނަކަށް ނޭނގެ ގަލަތަސަރާއީ މެޗަށް ފަހު އަހަންނަށް ގެއްލޭނީ ކިހާ ވަރެއްގެ އެއްޗެކަމެއް ބުނާކަށް، އަހަރެން ބޭނުން ރެއާލްގައި އުމުރަށް ހުންނަން، އަހަންނަށް އެނގޭ ހާލަތު އެކަމަކު ކަލޭމެން [ނޫސްވެރިން] އެހެން މީހެއްގެ ގާތުން އަހާ."

ގަލަތަސާރާއީ ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 12:00 ގަ އެވެ.