ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(20 އޮކްޓޯބަރ 2019 އާ ގުޅޭ)

"މިއުޅެނީ ލިއަމްއާއެކު ވީކަކަށް ރިސޯޓަކަށް ދާންވެގެން، އޭނާ ހަމަޖެއްސި ޓްރިޕެއް، ދެ މީހުން ވެސް އަސްލު މިތިބީ ވަރަށް ސްޓްރެސްވެފަ، ވާހަކަދައްކާލަން އެ ދަތުރު ރަނގަޅުވާނެ، އެކޮޅަށް ދެވުނީމަ ލިއަމް ވެސް ހުންނަނީ ރަނގަޅު މޫޑެއްގަ" ހޭޒަލް އޭނާގެ އެކުވެރިޔާއާ އުފާވެރި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހޭޒަލްގެ ފޯނަށް ދާރިއަންގެ މެސެޖެއް އައީ ވެސް ނަޝާ ގާތު ވާހަކައިގަ އިންދަ އެވެ. މަސައްކަތް އަވަސްވާނީ ދެ މީހުން ބައްދަލުވެގެން ކަމުގައި ދާރިއަން ބުނެފައި އޮތެވެ.

"ކާކު؟... ސައިފްތަ؟... އަދިވެސް އޭނާއާ ޒެއްލު ވާހަކަދައްކަންތަ؟" ހޭޒަލްގެ ހަރަކާތްތަކާއި އެ މޫނުގައިވި އަސަރުން ނަޝާއަށް ބުނެވުނެވެ. ލިއަމް މެސެޖު ކުރި ނަމަ ހޭޒަލް އެގޮތަކަށް ފޯނަށް ބަލަހައްޓައިގެން ނީނީސްކަން ނަޝާއަށް އެނގެއެވެ.

"ސާބަސް ނޫން!... އޭނާގެ ކަންތައް މާމައްޗަށް ދިޔައީމަ އަނެއްކާ ވެސް ބުލޮކްކޮށްލައިގެން މިއުޅެނީ، ސައިފް ކަހަލަ ފިރިހެނުންނަކަށް ނޭނގޭނެ އަންހެނަކާއި ފިރިހެނަކާ ދެމެދު ރަޙުމަތްތެރިކަން ވެސް ބޭއްވިދާނެކަން، އަންހެނަކު ފެންނައިރަށް އޭނާގެ ބޮލަށް އަރަނީ ހަމައެކަނި އެންމެކަމެއް... އެއްކަލައިރު އޭނާގެ ވައިފްއޭ ކިޔައިގެން ވާހަކަދެއްކީމަ ފޫހިވިގޮތަށް ވާހަކައެއް ނުދައްކަން" ސައިފްގެ ނަމާއެކު ހޭޒަލްގެ މޫނުން ފާޅުވީ ފޫހިކަމެވެ.

"މިހާރު ރަނަށްވުރެ ވެސް އަގުބޮޑު އެއްޗަކަށް ވަފާތެރިކަން ވެއްޖެ" ނަޝާއަށް ބުނެވުނެވެ.

"ޔޫ އާ އަ ވެރީ ވައިސް ވޮމެން... އެހެންވެ އެއްނު އަހަރެން ނަޝާގެ ޚިޔާލެއް ކޮންމެކަމަކު ހޯދަނީ" ހޭޒަލް ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"އަސްލު އެހެން އެވަނީ އަހަރެމެން މުސްލިމުންނަށްވެ ތިބެ ވެސް އިސްލާމީ ރިވެތި އުސޫލުތަކުގައި ނުހިފެއްޓޭތީ، ފުރަތަމަކަމަށް ދޮގު ހެދުން... މައިންބަފައިންގެ އިހުމާލެއްނެތް މިކަމުގަ، އެމީހުން ދަރީން ބޮޑެތިކުރަނީ ހުރިހާކަމެއް ދަސްކޮށްދީގެން، މީހާ މީހަކަށްވެ ފިޔަފަޅައިގެން އުދުހެން ފެށީމަ އެއްކަލަ އަޙުލާގާއި ތަރުބިއްޔަތު އޮންނަނީ އޮންނަތަނުގައި، ހެވާއި ނުބައި ވިސްނޭ އިރުވެސް ދީނީ ކަންކަމާ މީހާ ދުރުވެފައި ހުރުމުގެ ސަބަބުން ހިތަށް ބިރުވެރިކަމެއް ވެސް ނުވަންނަނީ...." ނަޝާ ތަޤުރީރެއް ދިން ފަދައެވެ.

ނަޝާގެ ވާހަކަތަކުން ހޭޒަލްގެ ސިކުނޑިއަށް އައީ ލިއަމްގެ ޚިޔާލެވެ. ދީނީ ކަންކަމާ ލިއަމް އެހާ ދުރީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ލިއަމްގެ މަންމައާއި ބައްޕައަކީ އެފަދަ ބައެއްނޫނެވެ. ނަމާދުކުރުމަށް ލިއަމް ގާތު އެދުމުން އެއްފަހަރު ވެސް ނުކުރާނަމެކޭ ނުބުނާނެއެވެ. އެހެންވިޔަސް ކުރެވޭތަނެއް ނާދެ އެވެ. ރަމަޟާން މަހަކީ ހޭޒަލް އިންތިހާއަށް އުފާވާ މަހެކެވެ. އެ މަހު ލިއަމްގެ ފުށުން ހޭޒަލް އެދޭ ފަދަ އުޅުމެއް ފެންނާތީއެވެ. ލިއަމް ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދާނެ އެވެ. އެހެންނަމަވެސް ރަމަޟާން މަސް ނިމި ހަ ރޯދައިގެ ފަހުން ދެން އެވާގޮތެއް ބުނާކަށް ހޭޒަލްއަކަށް ނޭނގެ އެވެ. އަނެއްކާ ވެސް އިހުގެ ލިއަމް ފާޅުވެ އެވެ. ދެން ޖެހޭނީ އަނެއްކާ ވެސް ލިއަމް ގާތު އާދޭސްކުރާށެވެ. ބައެއްފަހަރަށް ދެމެދުގައި ދެބަސްވާންޖެހެއެވެ. ހޭޒަލް ނުބުންޏަސް ލިއަމް ނަމާދުކުރަންވީމަ ކުރާނަންކަމަށް އޭނާ ބުނެ އެވެ. ބޭނުމަކީ ހޭޒަލްގެ އެ ވާހަކަތައް ހުއްޓުވުންކަން ޚުދު ހޭޒަލްއަށް އެނގެ އެވެ. އެކަމަށް ހައްލެއް ހޭޒަލްއަކަށް ލިބޭގޮތެއް ނުވިއެވެ. އޭނާ ހިތުގެ އަޑުން ޝުކުރުވެރިވަނީ ވިޔާނުދާ މަގަކުން ލިއަމް ނުދާތީއެވެ. ލިއަމްއާ ވަކިވުމުގެ ޚިޔާލެއް ދުވަހަކުވެސް ހޭޒަލް ނުކުރެއެވެ. އޭނާ ގަދަކޮށްލުމަށް އެއްޗެހި ބުންޏަސް ލިއަމްއާ ވަކިން އުޅޭނޭ ގޮތެއް އޭނާއަށް ތަސައްވުރު ވެސް ނުކުރެވެއެވެ. އެހާ ވެސް ލިއަމްދެކެ ހޭޒަލް ލޯބިވެއެވެ. އޭނާގެ އަބަދުގެ ދުޢާއަކީ އެ ދެމީހުން އުމުރަށް އެކީގައި ލެއްވުމަށެވެ.

* * * * *

އޮފީހުން ހަފްތާއެއްގެ ޗުއްޓީ ނެގުމާއެކު ހޭޒަލް ގާތު އެއްބަސްވިހެން ރިޒޯޓަކަށް ލިއަމް ފުރިއެވެ. ދެމަފިރިންގެ ދެމެދަށް ވެރިވެފައި އޮތް ނުތަނަވަސްކަން ނެތި ގާތްކަން ވެރިވެއްޖެއެވެ. ހުރިހާކަމެއްގެ މަތިން ހޭޒަލް ހަނދާންނައްތާލީ ފިރިމީހާއެކު އުފާވެރި ދިރިއުޅުމަކަށް ފުރުޞަތު ދޭށެވެ. ލިއަމްއަށް ވެސް އޭނާއަށް ދިމާވި ކަންކަމުން ފިލާވަޅެއް ލިބޭނޭކަން ޤަބޫލުކުރާތީއެވެ.

ލިއަމްގެ ޢަމަލުތަކުން އޭނާއަށް ހޭޒަލްއަށްވުރެ މުހިންމު މީހަކު މުޅި ދުނިޔޭގައި ވެސް ނެތްކަން ހާމަކުރިއެވެ. ހޭޒަލްގެ ހިތް ފުރިފައިވަނީ ލިއަމްގެ ލޯތްބާއި ފިރުމުންތަކުންކަން ޚުދު ލިއަމް ދެނެހުއްޓެވެ. އެ ހިތުގައި އެހެން މީހަކަށް ވަދެވިދާނޭވަރު އެންމެ ހުސްތަންކޮޅެއް ވެސް ބައިންދާކަށް ލިއަމްގެ ގަސްދެއްނެތެވެ. ހުރިހާ ގޮތަކުން ހޭޒަލްއަކީ އޭނާގެ މިލްކެކެއެވެ. އެކަމާ އޭނާ ފަޚުރުވެރިވާ ފަހަރު މަދެއްނޫނެވެ.

ރިސޯޓުގައި ދެ ދުވަސް ހޭދަވެގެންދިޔައިރު ހޭޒަލްގެ މޫނުން އަބަދުމެ ފެންނަން ހުންނަ އުފާވެރި ހިނިތުންވުން އެނބުރި އަތުވެއްޖެއެވެ. ލިއަމްގެ ނަން އަބަދުމެ އެ ދުލުން ކިޔާ އަޑު އިވިއިވި ހުރެއެވެ. އެކުވެރިޔާގެ ޚިޔާލާއި އަމިއްލަ ހިތުގެ އަޑު ލިއަމްގެ ކަންފަތާ ހަމައަށް ހޭޒަލް އިއްވާލިއެވެ. ކައިވެނިކޮށްގެން އުޅޭތާ ހަތް އަހަރަށްވުރެ ގިނަ ދުވަސްވީއިރު ޢާއިލާއަކަށް ހޭޒަލް އުންމީދުކުރާކަން އޭނާ ހާމަކުރިއެވެ. ރޭވުންތެރިކަމާއެކު ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ވާންހުރި ތައްޔާރީތަކާމެދު އޭނާ ލިއަމްއާ ޚިޔާލު ބަދަލުކުރިއެވެ. ލިއަމް ފުރަތަމަ އެއްޗެކޭ ނުބުންޏެވެ. އެހެންވެ އެ ޚިޔާލު ލިއަމްއަށް ކަމުނުދަނީތޯ ހޭޒަލްއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ލިއަމް ކުރީ ސުވާލެކެވެ. ކުއްޖަކު ހޯދުމަށް ހޭޒަލް ތައްޔާރުތޯ އޭނާ އެއްސެވެ. ލުއި ހިނިތުންވުމަކާއެކު ހޭޒަލް ބޯޖަހާލީ ނިކަން އަވަހަށެވެ. އެކަމަށް މާބޮޑު ތައްޔާރީތަކެއް ވާކަށް ނުޖެހޭނޭ ލިއަމް ބުންޏެވެ. ހޭޒަލް ބޭނުންވަންޏާ ހަމަ ދަރިއަކު ހޯދަންވީ ކަމަށް އޭނާ އެއްބަސްވީ ދެނެވެ. ނަމަވެސް ހޭޒަލްގެ ޚިޔާލު ތަފާތެވެ. ބަލިވެ އިނދެ ބައިގެން ގޮސްފައި ހުރުމުން އޭނާގެ ވިސްނުން ހުރީ ޑަކްޓަރެއްގެ ލަފައާއެކު ބަލިވެ އިނުމަށެވެ. ދަރިމައިވުމަށް ހުރަހެއް ހުއްޓަސް އެނގޭނީ އޭރުން ކަމުގައި ހޭޒަލް ޤަބޫލުކުރެއެވެ. އެކަމާ ލިއަމް ޤަބޫލެއްނުވިއެވެ. އޭނާގެ ވާހަކައަކީ ހުރިހާ ފަހަރަކު އެއްގޮތެއް ނުވާނޭ ކަމެވެ. އޭރު އެހެން ދިމާވީ ހޭޒަލް މާބުރަކޮށް އުޅުނީމަ ކަމުގައެވެ. މިހާރު "ސްޓްރެސް" ވާންޖެހޭ އެއްވެސް ކަމެއް ހޭޒަލްގެ ދިރިއުޅުމުގައި ނެތްއިރު ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށްކަމަށް ލިއަމް ބުންޏެވެ.

* * * * *

ހޭޒަލްއާ ބައްދަލުވާނޭކަމުގެ އުންމީދުގައި ހުރި ދާރިއަންއަށް ނުތަނަވަސްކަން ގެނުވީ ހޭޒަލް ހަފްތާއަކަށް މާލޭގަ ނޫޅޭނެކަން ބުނެފައި އޮތުމުންނެވެ. ބައެއްފަހަރަށް ޚުދު އޭނާއަށް މިކުރެވެނީ ބޭކާރު އިންތިޒާރެކޭ ހީވާ ފަހަރު އާދެއެވެ. އެކަމަކު އެ ޚިޔާލުތައް ހާވިޔާކޮށްލަނީ ހިތުގެ ގޮވާލުމެވެ. އެހެން އަންހެނަކު ދާރިއަންއަށް ކަމުދާނެތޯ އެ ހިތް ސުވާލުކުރެއެވެ. އެތައް އަންހެން ކުދީންނަކާ ބައްދަލުވާއިރު އެމީހުންނަކީ ވެސް ހުތުރު ބައެއް ނޫނެވެ. ދާރިއަން އަތް ދަމާލައިފިއްޔާ އެ އަތުގައި ހިފާނެ ކިތަންމެ އަންހެންކުއްޖެއް ވާނޭކަން އަމިއްލަ ނަފްސަށް ވެސް ޔަގީންކުރެވެއެވެ. އެހެންވިޔަސް އެ ހިތް ކުރާ ސުވާލަށް ދޭނޭ ޖަވާބެއް އަދިނެތީއެވެ. ހޭޒަލް ކަމުދިޔަ ވަރަށް އެހެން އަންހެންކުއްޖަކު ކަމުދިޔަ ދުވަހަކުން އޭނާއަށް ހޭޒަލްއާމެދު ކުރެވޭ ޚިޔާލުތަކަށް ނިމުން އަތުވެދާނެއެވެ. އެކަމަކު އަދި އެކަން އެހެންވާކަށް ނެތެވެ.

ކޮޓަރީގައި ޓަކި ދިން އަޑު އިވި ދާރިއަން ބެލްކަނިން ކޮޓަރި ތެރެއަށް ވަނެވެ. އޭރު އެ ކޮޓަރިއަށް ޒުކަން ވަންނަނީއެވެ. އެކަކުއަނެކަކަށް ފެނުމާއެކު ދެ މީހުން ވެސް ހުއްޓިއްޖެއެވެ.

"މަންމައާއި ބައްޕަ ނެތިން އިނގޭ... މާމައަށް ބަލާލައްޗޭ" ޒުކަން ބުންޏެވެ. ދާރިއަން ހަމައެކަނި ބޯޖަހާލީއެވެ.
އެނބުރި ދާރިންގެ ކޮޓަރިން ޒުކަން ނުކުތެވެ. އޭނާ ސިޓިންރޫމާ ދިމާއަށް އަންނަނިކޮށް އިބާ ވެސް ކޮޓަރިން ނުކުމެއްޖެއެވެ. އެ ދެ މީހުން އައިސް ތަހުމީނާގެ ކޮޓަރިއަށް ވަނެވެ.

"އެ މަންޖެ މަންމައަށް ދައްކާލަން އެއްފަހަރު ވެސް ނުގެނޭ... މިހާރު ހާދަ ބޮޑެވެފައޭ ހުންނާނީ" ތަހުމީނާއަށް ބުނެވުނެވެ.

"އޭނާ ރުހޭނަމަ ގެންނާނަން، އެންމެ ފަހުން ފެނުނީ އެކުއްޖާގެ އުމުރުން ސޯޅަ އަހަރުގަ، މިހާރު ފުރިހަމަ އަންހެނަކަށް އޭނާވާނެ... އިއްޔެ ނާވީ ގުޅީ، އެނގޭ ޖިޔާ ބުނެގެންކަން އެ ގުޅީ، އަހަންނާ ބައްދަލުކުރަން ބޭނުންވީމަ ނޫނެކޭ ބުނާކަށް ނުވާނެއެއްނު، އައިކުއާއި ދާރިއަންއަށް ވެސް އެނގެން ވާނެތާ... އެކަމަކު އިހަށް އަހަންނާއި އިބާއާ ބައްދަލުކުރަން ދާނީ" ޒުކަން ބުންޏެވެ.

"އާން!... އެކުދީންނަށް ވެސް އެނގެންވާނެ، ލަދުވެތި ވާހަކައެއް، އެހެންވިޔަސް ނުބުނެ ތިބެގެން ހީނުކުރާ ކަހަލަ ކަމެއް ކުރިމަތިވެދާނެ... ދެން ދޭ... މަންމަ އެކުދީންނަށް ކާން ގޮވާނަން" ތަހުމީނާ ބުންޏެވެ.

"އައިކު ނެތް ގެޔަކު، ދާރިއަން ކޮޓަރީގަ އެބައިން... އޭނާ ގާތު ބުނެލާފަ މިދަނީ" އިބާ ބުންޏެވެ. ތަހުމީނާ ބޯޖަހާލިއެވެ.

ޒުކަންގެ ކާރުގައި އެމީހުންގެ މަންޒިލަށް ދަތުރުކުރިއެވެ. ޒުކަންގެ ހަނދާނުން ފުހެނުލެވުނު މާޒީއާ ކުރިމަތިލާން ޖެހޭއިރު އޭނާއެކޭ އެއްގޮތަށް އެކަމުގެ ޚަބަރު ލިބިފައިވާ އިބާ ވެސް އިނީ ހިސާބަކަށް ހާސްވެފައެވެ. ނާވީގެ ދަޢުވަތަށް އެގެއަށް ޒުކަން އަންނަނީ އިބާ ވެސް ގޮވައިގެންކަން އޭނާ އޮތީ ބުނެފައެވެ. އަނބިމީހާއަށް ސިއްރުން އެއްވެސް ކަމެއް ކުރާކަށް ޒުކަން ބޭނުމެއްނޫނެވެ. މާޒީއިން ލިބުނު ފިލާވަޅު އެކަމަށް ފުދެއެވެ. އެހެންވިޔަސް އޭނާގެ ހިތުގައި އަނބިމީހާނޫން ފަރާތަކަށް ޚާއްޞަ ކަމެއް ދެވިފައި ވެއެވެ. އެ މަޤާމަށް ބަދަލެއް ނައެވެ.

ކާރު ޕާކުކޮށްލުމަށްފަހު އެ އިން އިބާއާ ދެ މީހުން ފޭބިއެވެ. ކާރު ތަޅުލުމާއެކު މަގުގެ އަނެއްފަރާތުގައި ހުރި އުސް އިމާރާތާ ދިމާއަށް ޒުކަންއާއި އިބާ އައެވެ. އެންމެ ތިރީގައި ހުރީ ބޭކަރީއެއް ހުޅުވާފައެވެ. އެ ބޭކަރީއާ ޖެހިގެން ފަހުގެ ސެކިއުރިޓީ ސިސްޓަމް ހަރުކޮށްފައިވާ ދޮރާށީގަ ހުރި ފިތަށް ޒުކަން އޮބާލިއެވެ. ގިނައިރެއްނުވެ ދޮރޯށި ހުޅުވިއްޖެއެވެ. ޒުކަންގެ ފަހަތުން އިބާ ވަނެވެ. ނާވީ ބުނިހެން ލިފްޓަށް އަރައި ޒުކަން އޮބާލީ ތިންވަނަ ފަންގިފިލާއަށް ދިއުމަށެވެ.

"ނާވީ..." ދޮރުހުޅުވާލި އިސްކޮޅުން ދިގު ފިރިހެން މީހާއަށް ޒުކަން ގޮވާލިއެވެ.

"ޒުކަން... އަވަހަށް ވަދޭ..." ހިނިތުންވުމަކާއެކު ނާވީ ބުންޏެވެ. އަދި އޭނާ ބޮޑަށް ދޮރު ހުޅުވާލައި ފަހަތަށް ޖެހިލައި ޒުކަންގެ ދެމަފިރިން ވަނުމަށް ތަންދެއްކިއެވެ. އެމީހުން ގޮވައިގެން ނާވީ އައިސް އިށީނުމަށް ސިޓިންރޫމުގައި ހުރި ސޯފާތައް ދައްކާލިއެވެ.

"އިޝްވާ ވީ ކޮޓަރީގަ... ޖިޔާ ވެއްޖެ ބަދީގޭގަ، އަންނާނަން ގޮވާލާފަ" ނާވީ ބުންޏެވެ.

ނާވީއަށް ބޯޖަހާލުމަށްފަހު ޒުކަން ސޯފާގައި ހަމަޖެހިލިއެވެ. އޭނާގެ ގާތުގައި އިބާ އިނެވެ. މި ނޫނީ ނާވީއާއި ޖިޔާ އުޅޭ ގެއަކަށް އެ ދެމީހުން ނާދެއެވެ. ވަށައިގެން ނަޒަރު ހިންގާލުމުން ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެއްކަން އެނގެއެވެ. ޒުކަންގެ ނަޒަރު ހުއްޓުނީ އެތެރެއިން އައި އިސްކޮޅުން ކުރު އަންހެން މީހާ ފެނިފައެވެ. ބޭއިޚްތިޔާރުގައި އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މާޒީގެ ސަފްޙާތަކުގެ ތެރެއިން ކުލަވެގެން އައީ ވާރޭގެ ތެރެއިން ހުދު ހެދެއްމައިގަ ފެނުނު ކުޑަކުޑަ ޕަރީއެވެ. މަޢުސޫމް އަލި މޫނެއް ލިބިފައިވާ ކުޑަކުޑަ އަންހެންކުއްޖާއެވެ. ނަމަވެސް އެ އަންހެންކުއްޖާވީ ޒުކަންގެ މާޒީގަކަން އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ. މިހާރު ކުރިމަތިން ފެންނަން އެ ހުރީ ނާވީގެ އަނބިމީހާއެވެ.

"ޖިޔާ..." ޒުކަން ގޮވާލިއެވެ. ޖިޔާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ޖިޔާ ދޮން މޫނުކޮޅު ފިޔަވައި އެ ހަށިގަނޑުން އެއްވެސް ތަނެއް ނުފެނެއެވެ. ފެހި ޝޯލްއާއި މެރޫން ކުލައިގެން ދިގު ހެދުމުގެ ތެރޭގައި އެ ރީތިކަން ވަނީ ފޮރުވާލެވިފައެވެ. ނާވީއާއެކު ޖިޔާ ވެސް އައިސް ޒުކަންމެންގެ ދެމަފިރިން ތިބި ސޯފާއާ ޖެހިގެން ހުރި ސޯފާގައި އިށީނދެއްޖެއެވެ.

"އިޝްވާ އެދިގެން ޒުކަން ގާތު އަންނަން އެދުނީ" ނާވީ ވާހަކަދެއްކިއެވެ.

"އިޝްވާއަށް ގޮވާލަންވީނު" ޒުކަން އެދުނެވެ. އެއާއެކު ޖިޔާ ކޮއްޓާލީ ނާވީގެ ފައިގައެވެ.

"އޭގެ ކުރީން އިހަށް ހިނގާ ކާން، އަހަރެމެން މަޑުކޮށްގެން މިތިބެނީ ޒުކަންމެން އަންނަންދެން... މިރޭ ކައިގެން ދެން ވާހަކަދައްކާނީ" ނާވީ ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ.

ކާމޭޒު ދޮށުން ޒުކަންއާއި އިބާއަށް ވެސް އިޝްވާ ފެނުނެވެ. އޭނާއާއި ޒުކަންގެ ދެ ކުދީންނާ ވައްތަރު ގޮތެއް ހުއްޓެވެ. ނަމަވެސް އިޝްވާއަށް ލިބިފައިވަނީ ޖިޔާގެ ދޮންކަމާއި މަޢުސޫމްކަމެވެ. ޖިޔާގެ އޮންނަ ފަދަ ބަނޑިއެއްނުވާ ފަން އިސްތަށި ގަނޑެކެވެ. އިޝްވާގެ އުނަގަނޑާ ހަމައަށް ދިގުކޮށްލާފައި އޮތެވެ. އިޝްވާގެ ދިގު އިސްކޮޅަކީ އޭނާގެ މަންމަ ފަރާތުން ވާރުތަކުރި ސިފައެއްނޫންކަން ބުނަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އިޝްވާގެ އިސްތަށިގަނޑު ކާތަށްޓަށް ވަންނާނޭ ބުނެ ކަންބޮޑުވުން ފާޅުކުރި ޖިޔާގެ އަޑު އަހަރުތަކަށްފަހު ފުރަތަމަ ފަހަރަށް ޒުކަންގެ ކަންފަތަށް އިވުނެވެ. އޭނާގެ ނަޒަރު އެ ދެމައިންނަށް ހުއްޓުނެވެ. ޖިޔާ އައިސް އިޝްވާގެ އިސްތަށިގަނޑު ދެއަތުން އެއްކޮށްލައި ފުރަގަހަށް ހުޅިއެއް ޖަހާލަ ދިނެވެ. ނަމަވެސް އެ އުފާވެރި ހިތްގައިމު މަންޒަރު ފުނޑުފުނޑުވެ ރިހުން ޒުކަންނަށް އިޙްސާސްވީ "ޑެޑީ"އޭ ކިޔާ ނާވީއަށް އިޝްވާ ގޮވާލައި ވާހަކަދެއްކުމުންނެވެ.

ކާމޭޒުމަތީ އިޝްވާ އެއްވެސް ވާހަކައެއް ޒުކަންއާ ނުދެއްކިއެވެ. ނާވީގެ ހިތުގައި ޒުކަންއާ މެދު އެއްވެސް ނުރުހުމެއް ނެތެވެ. އިޝްވާއަކީ އޭނާގެ ދަރިއަކަށް ނުވިޔަސް އިޝްވާގެ ދިރިއުޅުމުގައި އެ ރޯލު މިހާތަނަށް ފުރަމުންއައީ ނާވީއެވެ. އެ ޒިންމާ އެހެން މީހަކާ ހަވާލުކުރުމުގެ ގަސްދެއް ވެސް ނާވީގެ ނެތެވެ. މިއަދު ޒުކަން އައިސް އެ އިނީ ހަޤީޤަތް އެނގެން އިޝްވާ ބޭނުންވާތީ އެހެންވެއެވެ. އޭނާގެ ދިރިއުޅުންވަނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އެހެން އެކަން ދިމާވީ ޖިޔާގެ ސަބަބުންނެވެ. ބައްޕަނެތްކަމުގެ ހުތުރު ނަމުން އެ ދަރިފުޅު ސަލާމަތްކުރަން ހަދައިގެން ހެދުނު ބޮޑު ގޯހެކެވެ. އުމުރުގައި ވެސް އެމީހެއްދެކެ އެންމެ ނަފުރަތުކުރިމީހާގެ ނަން އިޝްވާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ބައްޕަގެ ނަންޖަހާ ގޮޅީގައި ޖެހީ ޚުދު ޖިޔާ އަމިއްލައަށް ނޫނަސް އެކަން މަނާކުރުމުގެ އިޚްތިޔާރު އޮތެވެ. އޭރު އެކަން ކުރީ މުސްތަޤުބަލުގައި ދިމާވެދާނޭ ހުރަސްތަކާމެދު އެއްވެސް ވަރަކަށް ވިސްނާފައެއްނޫނެވެ. އެކަން އެހެންވެފައި އޮތްކަމެއް ޒުކަންއަކަށް ވެސް ނޭނގޭނެއެވެ. އެކަމަކު އެކަން ސިއްރެއްގެ ގޮތުގައި ބޭއްވެންނެތުމުން މިއަދު ހުރިހާ ސިއްރެއް ފާޅުކުރަން ޖިޔާއަށް ވަނީ މުޖުބޫރުވެފައެވެ. ދަރިފުޅަށް ޓަކައެވެ.

"އަދި ހުރެއެއްނު ކުއްޖެއް... ކޮބާ އޭނަ؟" ޒުކަން އަހާލިއެވެ.

"ޖިޔާން ދޯ... އޭނާ އަންނަން އަދި މަހެއްހާ ދުވަސް އެބައޮތް" ނާވީ ބުންޏެވެ. ޖިޔާންއަކީ ނާވީއާއި ޖިޔާއަށް ލިބުނު ފިރިހެން ދަރިފުޅެވެ.

އެންމެންނަށްވުރެ ކުރީން އިޝްވާ ކާމޭޒު ދޮށުން ތެދުވެއްޖެއެވެ. އޭނާއަށް ފޯނެއް އައިސްގެންނެވެ. ޖިޔާ ދަރިފުޅަށް ގޮވާލިއެވެ.
"ޔާފް ދޮންބެ އެގުޅީ، އެއައީ އަހަރެންގެ ލެޕް ހިފައިގެން..." އިޝްވާ ބުންޏެވެ. އަދި ހަލުވިކޮށް އެޕާޓްމެންޓުން ނުކުންނަން އޭނާ ދިޔައެވެ.

ކައި ނިންމާފައި ޒުކަންގެ ދެމަފިރިންނާއެކު ސިޓިންރޫމަށް ނުކުތީ ނާވީއެވެ. ސޯފާގައި އެންމެން އިށީނދެ ހަމަޖެހުމުން ނާވީ ވާހަކަދައްކަން ފެށިއެވެ. އޭނާ އެދުނީ ޒުކަންއާ އެކަނި ވާހަކަދައްކާލަން ޖިޔާ ބޭނުންވާ ކަމަށެވެ. އޭނާ ޒުކަން ގާތު ދައްކަން ބޭނުންވާ ވާހަކަތަކެއް އެބަހުރި ކަމަށެވެ. ޒުކަން ބަލާލީ އިބާއަށެވެ. އަނބިމީހާގެ ރުހުން ހޯދަން ކަހަލައެވެ. އިބާ މަޑުމަޑުން ބޯޖަހާލީއެވެ. ޖިޔާ ސިޓިންރޫމަށް އައުމުން ނާވީ ބޮލުން ކޮށްލި އިޝާރާތް ޖިޔާ ދެނެގަތެވެ. އޭނާ ޒުކަންއަށް ގޮވާލުމާއެކު ބެލްކަންޏަށް ނުކުމެލަން އިޝާރާތްކުރިއެވެ.

"ޖިޔާ ކިހިނެއްތަ؟" ދެ މީހުން އެކަނިވުމުން ޒުކަން އަހާލިއެވެ.

"ރަނގަޅު... އިޝްވާ... އިޝްވާއަކީ ޒުކަންގެ ދަރިއެއް" ޖިޔާއަށް މާޒީގެ ވާހަކަތައް ދައްކަން އުނދަގޫވިއެވެ.

"އެނގޭ... އެންމެ ފުރަތަމަ ބުނި ދުވަހު ވެސް އަހަރެން ޤަބޫލުކުރީމެންނު، ޖިޔާގެ ރީތިކަން އެކުއްޖާއަށް ލިބިފަވޭ" ޒުކަން ހިނިތުންވެލިއެވެ.

"އަހަރެން ޒުކަންއަށް ކިޔައިނުދޭ ކަންކަން އެބަހުރި، ކުރީން ހިޔެއްނުކުރަން އެ ހުރިހާކަމެއް މުހިންމުވާނޭ، ހިޔާޕާކުން އަހަރެމެން ދެ މީހުން ބައްދަލުވި ރެއަކީ މީހެއްގެ ހިމާޔަތަކަށް އަހަރެން ބޭނުންވެފައިވީ ރެޔެއް، އަނިޔާވެރި ދިރިއުޅުމަކުން އަހަރެން ބޭރުކޮށްލީ އަހަރެންގެ ބޭނުން ފުދުނީމަ، އެހެންވިޔަސް ސަލާމަތްވީމަ އުފާވި، އެކަމަކު އަހަރެންނަށް ހިމާޔަތްދޭންޖެހޭ މީހުން އަހަރެން ބަލައިގަންނަން ތިބީ ތައްޔާރަކަށްނޫން، އެރޭ ދާނޭ ތަނެއްނެތިގެން ދެންކަންތައްވާނޭ ގޮތަކާމެދު ހާސްވެކަންބޮޑުވެފައި ހުއްޓާ ވާރޭ ވެހިގަތީ، އެ ޕާކަށްވަނީ އެހެންވެ.... ޒުކަންއަށް ދަޢުވަތުދެވުނީ އަހަރެން ވެސް ހުރިހާކަމެއްގެ މަތިން ހަނދާންނައްތާލަން ބޭނުންވެފައި ހުރުމުން" ޖިޔާގެ ވާހަކަ ޒުކަން ހުއްޓުވިއެވެ.

"ތިހެން ނުބުނޭ... އަހަރެން ވެސް އެ ކުށުގައި ޝާމިލްވި... އަހަންނަކީ ވެސް ކުށްވެރިއެއް، ގޮތްހުސްވެފައި ހުރި އަންހެންކުއްޖެގެ ކިބައިން ފައިދާ ނެގުނީ އަހަންނަށް، އޭރު ވެސް އަހަންނަކީ މީހެއްގެ ފިރިއެއް، އެކަން ހަނދާންނައްތާލީ އަހަރެން އަމިއްލައަށް" ޒުކަންއަށް ވެސް އިސްޖަހާލެވުނެވެ.

"އަހަރެމެން ދެ މީހުންނަށް ވެސް ކުރެވުނީ ބޮޑުވެގެންވާ ފާފައެއް، އެކަމަކު އަހަރެންގެ ކުށް މާބޮޑު.... ރިހާމާ ކައިވެނިކުރަން ޖެހުނީ މަޖުބޫރުން، އަހަރެން ބަނޑުބޮޑުވެދާނޭތީ އޭނާ އުޅެނީ ވަރަށް ބަލައިގެން، އޭނާ ދޭ ބޭސްތައް ހުއްޓާލިއިރު އަހަރެން ވަރި ވެސް ކޮށްފި، އެގެއިން ނުކުމެ އަހަންނާ ދިމާވީ ޒުކަން.... އެރެއަށްފަހު އަހަރެން ޒުކަން ހޯދަން ވަރަށް މަސައްކަތްކުރިން، ބަލިވެ އިންކަން އެނގުނީމަ ވަކިން ބޮޑަށް ޒުކަން ހޯދަން ބޭނުންވި، ޒުކަންގެ ދަރިއެއްކަން އިޝްވާއަކީ ޔަގީންވަނީ އެހެންވެ... އެކަމަކު... ވިހޭއިރު ވެސް ޒުކަންއެއް ނުފެނުނު... އަހަރެންގެ މަންމައަށް ރިހާމު ވަރަށް ކަމުދޭ، މަންމަ ހީކުރީ އަހަރެން ވިހޭ ރިހާމުގެ ދަރިއެއްކަމަށް، އަހަރެން އެއީ ރިހާމުގެ ދަރިއެއްނޫނޭ ބުނީމާ ވެސް މަންމަ ޤަބޫލެއްނުކުރި، އެގޮތް މިގޮތުން އިޝްވާގެ ސެޓްފިކެޓް ތައްޔާރުކުރިއިރު އޮތީ ރިހާމު ނަން އިޝްވާގެ ބައްޕަ ކަމުގަ ޖަހާފަ، ބައްޕައެއްނެތް ކުއްޖަކަށް އިޝްވާ ވާކަށް އަހަރެން ވެސް ބޭނުމެއްނޫން، މަންމަ ވެސް އެހެން ކަންތައް އެކުރީ އެ ހުތުރު ނަމުން ސަލާމަތްވާންހެން ހީވަނީ، އަހަންނަށް ވެސް މާބޮޑުކަމެއް ނުކުރެވުނީ ކޮންމެ ގޮތަކުން ވިޔަސް އިޝްވާއަށް ބައްޕަގެ ނަން ދޭން ބޭނުންވެފައި ހުރުމުން... އޭރު ހިތަކަށްނާރާ އެތައްކަމެއް އޮޅުން ބޮޅުން ވެދާނޭ... އެ ދަރިފުޅުގެ ބައްޕަ ކަމުގައި ރިހާމު ބަލައިގަންނާކަށް އަހަރެން އެއްވެސް ވަރަކަށް ނޭދެން، އިޝްވާ މިހާރު އެހުރީ ހުރިހާކަމެއް ވިސްނޭވަރު ވެފަ... އެ ދަރިފުޅަށް ހަޤީޤަތް އަހަރެން ކިޔައިދިނީ ރިހާމުގެ ހިޔަނި އެ ދަރިފުޅަށް އެޅިދާނެތީ" ޖިޔާގެ އަޑުގައި އެތައް އަސަރެއް ވިއެވެ. އެ މޫނުން ކުށްވެރިކަމާއި ކަންބޮޑުވުމާއި ޖެހިލުންވުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.

"ކޮބާ ތިބުނާ ރިހާމު؟" ޒުކަން އެއްސެވެ.

"ޖަލުގަ... މަސްތުވާތަކެތީގެ މައްސަލައެއްގަ، އޭނާ ތިންވަނައަށް އިން މީހާއަށް އެކަނި ދަރީން ތިބީ، އޭނާގެ ދެ ކުދީން އެބަތިބި... އުފަންދުވަހުގެ ސެޓްފިކެޓަށް ބަލާނަމަ އިޝްވާއާ އެކުދީންނަކީ އެއްބަފާ ކުދީންނަށްވާނީ، ޒުކަން... އަހަންނަށް މިހެދުނީ ކިހާ ބޮޑު ގޯހެއް.... ރިހާމާ ގުޅުން ހުރި މީހަކާ ވެސް އިޝްވާ ގާތްވާކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު ރަސްމީ ލިޔެކިޔުމުން އިޝްވާ އެމީހާގަނޑުގެ ދަރިއަކަށް ނުވާނޭ ގޮތެއްނެތް" ޖިޔާ ބުންޏެވެ.

"ތިކަން ތިވީ ވަރަށް ދެރަކޮށް... އަހަރެން ވެސް ގިލްޓީވީވަރުން ޖިޔާގެ ޚަބަރެއް ހޯދަން އުޅެވުނީ މާފަހުން، އެހެންނޫންނަމަ އެ ސެޓްފިކެޓްގަ އޮންނާނީ އަދި އޮންނަން ޖެހޭނީ ވެސް އަހަރެންގެ ނަން، އޭރުން ޖިޔާއާއި އިޝްވާ ވެސް ތިބީހީ އަހަރެންގެ ބެލުމުގެ ދަށުގައި، އެކަމަކު ކަންތައްތައް ހިނގައިދިޔައީ އަހަރެމެން އެކަކުވެސް ބޭނުންވި ގޮތަކަށްނޫން، އަހަންނަށް ޖިޔާއާއި ދަރިފުޅު ފެނުންއިރު މާ ބޮޑަށް ވެސް ލަސްވެއްޖެ، އަހަރެންގެ ހައްޤަކަށް ހަދަން ބޭނުންވިޔަސް އެ ފުރުޞަތު އަހަންނަށް ގެއްލުނީ... ފިނޑީ އަހަރެން، ޖިޔާއާއެކު އެ ހިސާބަށް ދިއުމަށްފަހު ޖިޔާއަށް ވީގޮތެއް އަހަރެން ބަލަން ޖެހޭނެ، އަހަންނަށް ޖިޔާ ނުލިބޭނެކަން އެނގުމުން އެތައް ފަހަރަކު ހިތަށްއެރި، އިރުއަރާ ޖިޔާއަށް ހޭލެވެންދެން އެރޭ މަޑުކުރެވުނު ނަމައޭ، ޖިޔާއަކީ ކާކުކަން އެނގި ދެ މީހުން ވަކިވީނަމައޭ، އޭރުން ފަހުން ހޯދަން ބޭނުންވިޔަސް ހޯދަން ދާނީ ކޮންތާކަށްކަން އޮންނާނީ އެނގިފައޭ.... އައި ރިއަލީ ސޮރީ... ކިތަންމެ ވަރަކަށް ދެއްކިޔަސް ހަޤީޤަތެއް ބަދަލެއްނުވާނެ، އިޝްވާ!... މިކަމުގައި އެކުއްޖާ ކީކޭ ބުނަނީ..." ޒުކަން އެއްސެވެ.

"ހަޤީޤަތް އެނގުމުން އެހީ ޒުކަން ޤަބޫލުކުރޭހޯ އިޝްވާއަކީ ޒުކަންގެ ދަރިއެއްކަން، އަހަރެން އާނއެކޭ ބުނުމުން ބުނީ ޒުކަންއާ ބައްދަލުވެދާނެހޯ، އޭނާ ދައްކަން ބޭނުންވަނީ ކޮންވާހަކައެއްކަމެއް ނޭނގެ... އެ ދަރިފުޅުގެ ގައިގާ ހިނގަނީ ޒުކަންގެ ލޭ އެކަމަކު އެ ކުއްޖާގެ ނަމާ ގުޅިފައިވަނީ މުޅިން އެހެން މީހެއް... ރިހާމުގެ ވާހަކަތައް ޒުކަންއާ ޚިއްޞާކުރަން އަހަރެން ބޭނުންވީ އިޝްވާގެ ބަދަލުގައި އަހަރެންގެ ދުލުން ކަންތައްވީގޮތް ކިޔައިދޭންވެގެން.... އަހަރެން ވެސް ބޭނުން އިޝްވާއަށް ބުނެދޭން އޭނާއާ އެއްލޭ ހިނގާ ކުދީންނަކީ ކޮބައިކަން" ޖިޔާ އޭނާގެ މާޒީއާ މެދު ލަދުގަނެ ހިތާމަކުރެއެވެ. ނަމަވެސް މިއަދު ކަންތައްތައް މިވަނީ އަލުން ރަނގަޅުކުރެވޭ ވަރަށްވުރެ ގޯސްވެފައެވެ. އެ ސިއްރުތައް ދުނިޔެއަށް ހާމަކޮށް އެތައް ބަޔަކު ފަޟީހަތްވުމުގެ މާނައެއްނެތެވެ. ހުރިހާކަމާއި އެކަމާ ގުޅިފައިވާ ގަސްދުތައް މޮޅަށް ދެނެވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި އިލާހެވެ. ކުށްފާފައިން ސަލާމަތްކުރެއްވުމަށް އެދި ޖިޔާ އެކަލާނގެއަށް ނުދަންނަވާ އިރެއް ނުދެއެވެ. އޭނާގެ ޠަޢުބާ ޤަބޫލުކުރެއްވުމަށް އެދި ތާއަބަދު ދަންނަވައެވެ.

"އިޝްވާއާ ބައްދަލު ނުވިޔަސް އަހަރެން ވެސް ގަސްދުކޮށްގެން ހުރީ އެކުއްޖާގެ ވާހަކަ އިބާއަށް ލިބުނު ދެބެން ގާތު ބުނަން" ޒުކަންގެ ޚިޔާލު ހާމަކުރިއެވެ.

"އަހަރެން އިޝްވާއަށް ވަޢުދުވީން އޭނާގެ ކިޔެވުން އެއްކޮށް ނިމުނީމަ ޒުކަންއާ ބައްދަލުކޮށްދޭނަންކަން، މާލެ އާދެވުނީމަ ފުރަތަމަ ވެސް އެހީ އަހަރެންވީ ވަޢުދުގެ މަތީން ހަނދާންހުރިތޯ... އަހަރެން ބުނިން ފުރަތަމަ އަހަރެމެން ބައްދަލުކުރުމަށްފަހު އިޝްވާއާ ޒުކަން ބައްދަލުކުރާނީއޭ" ޖިޔާ ބުންޏެވެ.

"އެންމެ ރަނގަޅު... އަހަރެން އެ ދުވަހުވެސް ބުނި ހަނދާންވޭ، ޖިޔާ އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އަހަރެން ގާތު ބުނައްޗޭ، މީގެ ކުރީން އެ ދަރިފުޅު އަހަރެން ދުށީ ދުރުން... މިހާ ގާތުން ބައްދަލުވާނޭ ފުރުޞަތު ލިބޭނެކަމަކަށް ހިޔެއްނުކުރަން، އިޝްވާ ބޭނުންވުމުން އެގޮތާ ޖިޔާ އެއްބަސްވީމަ އަހަރެން ވަރަށް އުފާވެއްޖެ، އެކަމަކު ދެރަވެސް ވޭ... އެއީ އަހަރެންގެ ދަރިއަކަށްވާއިރު އެ ދަރިފުޅަށް އެއްވެސް އެއްޗެއް އަހަންނަކަށް ނުދެވުނު، ލަދުގަނޭ ކުރިމަތިލާން... އޭނާ މި ދުނިޔެއަށް އުފަންވީ އަހަރެންގެ ސަބަބުން، އޭނާގެ މަންމަގެ ގައިގާ އަހަރެން ބީހުނީ ހަލާލު ގޮތުގައެއްނޫން، މިހުރިހާކަމެއް މިހެންވާން ޖެހުނު ހަޤީޤީ ސަބަބަކީ އަހަރެންގެ ނުކެރުން... ވަގުތު އަނބުރާ ލިބޭނަމަ އެހުރިހާކަމެއް އަހަރެން ބަދަލުކުރަން ބޭނުން" ޒުކަން ބުންޏެވެ.

"ނަމައަކުން އަހަރެމެން ކުރި ފާފަ ފުހެވިގެނެއްނުދާނެ... ދެން ހިނގާ އެތެރެއަށް" ޖިޔާ ހަޤީޤަތް ހާމަކުރިއެވެ. އޭނާގެ ފަހަތުން ޒުކަން ހިނގައިގަތީ އެކަން ޤަބޫލުކުރާ ހާލުގައެވެ.

ސިޓިންރޫމަށް ޖިޔާއާއި ޒުކަން އައިއިރު އެތަނުގައި ރިހާމާއި އިބާގެ އިތުރުން އިޝްވާ ވެސް އިނެވެ. އޭނާގެ ނަޒަރު ފަރުވާތެރިކަމާއެކު ޖިޔާއާއި ޒުކަންގެ ސޫރައަށް ހުއްޓިފައި ވިއެވެ. ނަމަވެސް އެ ދެ މީހުން އައީ އިސް އޮބާލައިގެން ތިބެއެވެ. ޒުކަން އައިސް އިބާ ގާތު އިށީނެވެ. ނާވީއާއި އިޝްވާ އިން ސޯފާގެ ކޮޅުގައި ޖިޔާ އިށީނެވެ. އެހިނދު ވާހަކަދައްކަން ފެށީ ނާވީއެވެ. އޭނާ އިނދެފައި ޒުކަންއަށް އިޝާރާތްކޮށް އިޝްވާ ބައްދަލުކުރަން ބޭނުންވާ މީހަކީ އެއީއޭ ބުނެލިއެވެ. އިޝްވާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެއާއެކު އެ އަތުގައި ނިކަން އަވަހަށް ޒުކަން ހިފައިފިއެވެ. އިޝްވާ ވާހަކަދައްކާލަން ޒުކަން ގެންދިޔަޔަސް އެންމެ ރަނގަޅުތޯ އިބާގެ ގާތުން އޭނާ އެއްސެވެ. ލުއި ހިނިތުންވުމަކާއެކު އިބާ ބޯޖަހާލީއެވެ.

އިޝްވާގެ ކޮޓަރިތެރެއަށް ޒުކަން ނަޒަރު ހިންގާލިއެވެ. ތަރުތީބު ކުރެވިފައިވާ ކޮޓަރިއެކެވެ. ޝެލްފުތައް ފުރި ކޮޓަރީގެ އެއްދިމާއެއްގަ ބަރިބަރިއަށް ފޮތް ޖަހާފައި ހުއްޓެވެ. އިޝްވާ މަސައްކަތްކުރާ މޭޒު ދޮށުގައި ހުރި ގޮނޑީގައި ޒުކަން އިށީނުމުން އޭނާ އައިސް ޒުކަންއާ ކުރިމަތިވާނޭހެން އެނދުގެ އަރިމަތީ އިށީނެވެ. އިރުކޮޅަކު ޒުކަންއަށް ބަލަން އިނުމަށްފަހު އިޝްވާ ވާހަކަދެއްކިއެވެ. ޖިޔާގެ ފަރާތުން އިޝްވާގެ ބައްޕައަކީ ކާކުކަން އެނގުނީއްސުރެން އިޝްވާ ހުރީ އެމީހަކު ބަލާލަން ބޭނުންވެފައިކަން އޭނާ ބުންޏެވެ. ޖިޔާގެ އަތުގައި ޒުކަންގެ ފޮޓޯއެއްހާ ހިސާބު ވެސް ނެތުމާއެކު އޭނާ ކިޔާދިނުމުން ވެސް ޒުކަން ސިފަވާގޮތެއް ނުވި ކަމަށެވެ. ޒުކަން ގާތު އޭނާއާ މުޚާޠިބުކުރަންވީ ކޮންނަމުންތޯ އިޝްވާ އެއްސެވެ. ހިމޭނުން އިނދެފައި ޒުކަން ބުނީ "ބައްޕަ" ކިޔުމަށެވެ. އިޝްވާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެން ވާހަކަދެއްކީ ޒުކަންއެވެ. އިޝްވާއަކީ އޭނާއާ ދުރުމީހެއްނޫންކަމެވެ. ޒުކަންގެ ޢާއިލާއާއި އިޝްވާއާ ދެމެދު ގާތް ގުޅުމެއް އޮންނަން ޒުކަން އެދޭކަން ހާމަކުރިއެވެ. އޭނާގެ ދެ ފިރިހެން ދަރީންގެ ވާހަކަ އިޝްވާއާ ޚިއްޞާކުރިއެވެ. އަދި އިޝްވާގެ ދިރިއުޅުމުގެ ކަންކަން ޒުކަން އެއްސެވެ. ސައިކޮލޮޖިކަލް ދާއިރާއިން ޑަކްޓަރޭޓް ހާސިލުކޮށްގެންކަން އިޝްވާ އައިސް އެހުރީ ބުންޏެވެ. އަދި ފަހުރުވެރިކަމާއެކު އޭނާއަކީ މިހާރު ލައިސެންސްޑް ސައިކޮލޮޖިސްޓެއް ކަން ހާމަކުރިއެވެ. އިޝްވާގެ ހަރަކާތްތަކާއި ބުނެލި ގޮތުން ޒުކަންއަށް ހީނލެވުނެވެ. ޖިޔާއާއި ނާވީ ވަނީ އިޝްވާ ބޮޑު ކުރުމުގައި ވަރަށް ވެސް ފުރިހަމަ ރޯލެއް އަދާކޮށްފައިކަން ޒުކަންގެ ހިތަށް އެރިއެވެ. ދާރިއަންއާއި އައިކުއާ ބައްދަލުކުރުމަށް ޒުކަންމެން ގެއަށް އިޝްވާ އެއްދުވަހަކުން އަންނަންވާނޭކަން ޒުކަން ހާމަކުރިއެވެ. އެ ދަޢުވަތު ޤަބޫލުކުރަން އިޝްވާ އިނީ ތައްޔާރަށެވެ. މިހާ ދުވަހު އަމިއްލަ ސޫރައިން އޭނާގެ ބައްޕަ ހޯދަމުން އައި އިޝްވާއަށް އޭނާގެ ލޯ ކުރިމަތިން ޒުކަން ފެނުމުން އެ ދެމީހުންގެ ސިފައިގަ ހުރި އެއްގޮތްކަން އިތުރަށް ނަގައިގަނެވުނެވެ.
* * * * *

ރިސޯޓުން އައިތާ ދެ ހަފްތާ ފަހެވެ. ފޯނުން ފެންނަމުންދިޔަ ކަލަންޑަރަށް ބަލަން ހުރި ހޭޒަލް ހިނިތުންވެލިއެވެ. އަދި ޚިޔާލަކަށް ގެއްލިފައި ހުރި މީހަކު ފަދައިން ދަށްބަނޑުގައި ފިރުމާލިއެވެ.

(ނުނިމޭ)