ކެބިނެޓް

ތިން ވަޒީރަކު ވަކިކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރަކު މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

މެންބަރު ތޯރިގު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތޯރިގުގެ މި ވާހަކަތަކާއި ގުޅިގެން މަޖިލީސް ހޫނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާތަކެއް ނަންގަވާ ތޯރިގުގެ ވާހަކަތަކަށް ހުރަސްއަޅާފައެވެ.

ތޯރިގު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެ ބޭފުޅުންގެ ބޮލުގައި އެޅުވުމަށްފަހު ކަމަށް ތޯރިގު ވިދާޅުވިއެވެ. ތޯރިގު ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޒީރުކަމުން ދުރުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާ، ފިޝަރީޒް މިނިސްޓަރު ޒަހާއާ، ޔޫތު މިނިސްޓަރު މަހުލޫފް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ބޭރުކޮށްލާނެ ގޮތެއް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަނީ. ބޭރުކޮށްލަން ވީނުތޯ.. ކީއްވެތޯ އިސްތިއުފާން ދޭން ނޭންގެނީ. ހަޑި ނަމެއް އަޅުވާފައި، އެމްއެމްޕީއާރުސީގެ ލިސްޓްގެ ތެރޭގައި މި ދެންނެވި ތިން މިނިސްޓަރުން ބޭރުކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަމުން ގެންދަނީ. އެ ވެދާނެ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނަށް ނުވާތީ ކަމަށް." ތޯރިގު ވިދާޅުވިއެވެ.

ތޯރިގު މިހެން ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ވަނީ ތޯރިގަކީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރެއް ކަމަށް ވިދާޅުވެ ތޯރިގު ދައްކަވަމުން ގެންދަވަނީ މަސްލަހަތު ހިމެނޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ތާއީދުކުރައްވާ މަޖިލީހުގެ ރައީސް ވަނީ މަސްލަހަތު ހިމެނޭ ވާހަކަތައް ނުދެއްކެވުމަށް ތޯރިގަށް ދަންނަވާފައެވެ.

ނަމަވެސް ތޯރިގުގެ ވާހަކަ ހުއްޓާނުލައްވާ ކުރިއަށް ގެންދެވުމުން ތޯރިގުގެ މައިކްގެ އަޑު އަޑާލާ، ވަގުތުން އިށީންދެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެންގެވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާ، ފިޝަރީޒް މިނިސްޓަރު ޒަހާއާ، ޔޫތު މިނިސްޓަރު މަހުލޫފް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ބޭރުކޮށްލާނެ ގޮތެއް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަނީ. ބޭރުކޮށްލަން ވީނުތޯ.. ކީއްވެތޯ އިސްތިއުފާން ދޭން ނޭންގެނީ. ހަޑި ނަމެއް އަޅުވާފައި، އެމްއެމްޕީއާރުސީގެ ލިސްޓްގެ ތެރޭގައި މި ދެންނެވި ތިން މިނިސްޓަރުން ބޭރުކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަމުން ގެންދަނީ. އެ ވެދާނެ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނަށް ނުވާތީ ކަމަށް
އަހުމަދު ތޯރިގު | މަހިބަދޫ ދާއިރާގެ މެންބަރު

ފަހުން ލިބިވަޑައިގެންނެވި ފުރުސަތުގައިވެސް ތޯރިގު ވަނީ ސަރުކާރާ، މަޖިލީހުގެ ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ތޯރިގު ވިދާޅުވީ މި ސަރުކާރު އަބަދުވެސް އުޅެނީ ކޮންމެވެސް މީހެއްގެ ކިބައިން ސަލާމަތް ނުވެގެން ކަމަށެވެ. އެންމެ ފުރަތަމަ މި ސަރުކާރުން އުޅުނީ ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީގެ ކިބައިން ސަލާމަތްނުވެގެން ކަމަށާާ މިހާރު ސަރުކާރުން އުޅެނީ އެމްޑީއެންގެ ފައުންޑަރު ޝަހިންދާ އިސްމާއީލްގެ ކިބައިން ސަލާމަތް ނުވެގެން ކަމަށެވެ.

"މި ސަރުކާރަކީ ހާޖަރާގޭ ބޮޑު ލުތުފީ ކައިރިން ސަލާމަތްނުވި ސަރުކާރެއް، މި ސަރުކާރަކީ އެމްޑީއެން ރިޕޯޓް ލިޔުނު ޝަހިންދާ ކައިރިން ސަލާމަތްނުވި ސަރުކާރެއް. އިއްޒަތްތެރި ރައީސް ތިޔަ އޮންނަވަނީ އަބަދު ސަޖިދާގައި. ތެދުވެވޭ ގަނޑީގައި ތިޔަ ވިދާޅުވަނީ ޝަހިންދާ ބަރާބަރޭ." ސަރުކާރާ، ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ތޯރިގު ވިދާޅުވިއެވެ.

މި ސަރުކާރަކީ ހާޖަރާގޭ ބޮޑު ލުތުފީ ކައިރިން ސަލާމަތްނުވި ސަރުކާރެއް، މި ސަރުކާރަކީ އެމްޑީއެން ރިޕޯޓް ލިޔުނު ޝަހިންދާ ކައިރިން ސަލާމަތްނުވި ސަރުކާރެއް. އިއްޒަތްތެރި ރައީސް ތިޔަ އޮންނަވަނީ އަބަދު ސަޖިދާގައި. ތެދުވެވޭ ގަނޑީގައި ތިޔަ ވިދާޅުވަނީ ޝަހިންދާ ބަރާބަރޭ
އަހުމަދު ތޯރިގު | މަހިބަދޫ ދާއިރާގެ މެންބަރު

ތޯރިގުއަށް ފަހު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަދައްކަވަމުން ފެއްޓެވުމުންވެސް މަޖިލީސް ވަނީ ހޫނު ވެފައެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ކަމަށާ މި ސަރުކާރަށް އިގްތިސާދު ހަމައަކަށް ނޭޅުވުނު ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓަށް ފިޔަވަޅު އެޅުމަށްވެސް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވިއެވެ.