ބޭރު ކުޅިވަރު

އެމެރިކާގެ އެލްއޭ ގެލެކްސީން ޖެރާޑަށް 02 މިލިއަން ޕައުންޑް ހުށަހަޅަނީ

ލަންޑަން (ޖެނުއަރީ 3) – މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ އެ ޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑް ގެންނަން އެމެރިކާގެ އެލްއޭ ގެލެކްސީން އޭނާ އަށް 20 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

އެލްއޭ ގެލެކްސީގެ ތަރި ލެންޑަން ޑޮނަވަން މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވުމުން، އޭނާގެ ބަދަލުގައި ޖެރާޑް ގެންނަން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ހަފުތާއަކު 100،000 ޕައުންޑްގެ މުސާރައެއް އެލްއޭ ގެލެކްސީން ހުށަހަޅާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މީޑިއާތަކުން ޖެރާޑް އެލްއޭ ގެލެކްސީ އަށް ބަދަލުވާން އުޅޭ ކަމަށް ބުނި ނަމަވެސް، އެލްއޭ ގެލެކްސީން ރަސްމީކޮށް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

"މި ކްލަބަށް ނިސްބަތްނުވާ ކުޅުންތެރިއަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާނަން،" އެލްއޭ ގެލެކްސީގެ ރައީސް ކްރިސް ކްލެއިން ބުންޏެވެ.

މި ސީޒަނަށް ފަހު އެމެރިކާ ލީގަށް ޖެރާޑް ބަދަލުވާނެ ކަމަށް ބެލެވިފައިވާއިރު، ލިވަޕޫލް އިން އަންނަ އަހަރުގެ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޖެރާޑް ގެންނަން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އުމުރުން ނުވަ އަހަރުގައި ލިވަޕޫލްގެ އެކެޑަމީއާ ގުޅުނު ޖެރާޑް ލިވަޕޫލްގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 1998 ވަނަ އަހަރު އެވެ. ލިވަޕޫލްގެ ކެޕްޓަންކަމާ ޖެރާޑް ހަވާލުވީ 2003 ވަނަ އަހަރެވެ. ޖެރާޑްގެ ކެޕްޓަންކަމުގެ ދަށުން ލިވަޕޫލް އިން ވަނީ 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ލިވަޕޫލްއާއެކު ޖެރާޑް ވަނީ އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޔުއޭފާ ކަޕް ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް 2000 ވަނަ އަހަރުން ފެށިގެން ޖެރާޑް ވަނީ 114 މެޗު ކުޅެފަ އެވެ. ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މި އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން އިންގްލެންޑް ކެޓުމުންނެވެ.