މުހައްމަދު މަލީހު ޖަމާލް

ޕީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރާނަން: މަލީހު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު ވިދާޅުވީ އިއްޔެ ސިއްރުކުރި މަޖިލީހުގެ ކޮމެޓީ ބައްދަލްވުމުގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އޭނާގެ ނަން، ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފަައިވާ ކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅިގެން ޕީޖީ ބިޝާމާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެ ކުރިން ތުހުމަތު ވެސް ކުރެެވިފައި ނުވާ މީސްމީހުންގެ ނަންނަން އެކަމުގައި ޝާމިލު ކުރަމުން ދަނީ މިސްރާބު އޮޅުވާލަންތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސިއްރު ކުރި މީޓީންގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އަޅުގަނޑުގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއަކު [އަޅުގަނޑަށް] ދީފި. [އެކަމާ] ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނަން. މިހާތަނަށް ތުހުމަތެއް ވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންބާ؟ ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ." މަލީހު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ކޮމިޓީއަށް ޕީޖީ ހާޒިރުވެވަޑައިގެން ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި އިތުރު މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން އެ ކޮމިޓީ ސިއްރު ކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެދި ވަޑައިގަތެވެ. އަދި ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

އިއްޔެގެ ކޮމެޓީ ބައްދަލްވުމުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން މިއަދު ވަނީ މަޖިލީސް ފްލޯގައި ވެސް ވިދާޅުވެފަ އެވެ.

ސިއްރުކުރި މީޓީންގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އަޅުގަނޑުގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއަކު ދީފި. ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނަން. މިހާތަނަށް ތުހުމަތެއް ވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންބާ؟
މުހައްމަދު މަލީހް ޖަމާލް | ކޮމިއުނިކޭޝަން މިނިސްޓަރު

މިއަދުގެ މަޖިިލީހުގައި ވާހަކަދައްކަަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ މްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް މިނިސްޓަރު މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފުވެސް މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު މަގާމުން ދުރުކުރަން އުޅޭ ކަމުގެ އަޑުތައް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.