ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ބަހައްޓާ ކޮންމެ ދުވަހަކީ ބަދަލަށް އެދި ވޯޓް ދެއްވި ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގެ ބައްދަލްވުމުގައި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ވިދާޅުވެ، ޕީޖީ ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި މަލީހްވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން މަލީހް ގެންދަވަނީ ބިޝާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މަލީހް މިއަދު ވިދާޅުވީ ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ބަހައްޓާ ކޮންމެ ދުވަހަކީ ބަދަލަށް އެދި ވޯޓް ދެއްވި ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
"އަޅުގަނޑުމެން ނިކުތީ ނުހައްގު ދައުވާ އުފުލާ އުފުލާ، ގާނޫނޫ އަސާސީ މަގުމަތިވިއިރު މަގާމުގެ ޖާހަތަށްޓަކައި އެޅިހާ ބަތަކަށް ރިހަ އަޅުއްވަން އުޅުއްވި ޕީޖީ {ބިޝާމް} ފަދަ ބޭފުޅުންނާ ދެކޮޅަށް." މަލީހް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކަށް ބޮޑެތި ދައުވާތައް އުފުލާފައިވަނީ ބިޝާމް ޕީޖީއަަކަށް ހުންނަވައިގެންނެވެ. އެ ދައުވާތަކަކީ ސިޔާސީ ނުފޫޒު އޮވެގެން އުފުލި ދައުވާތަކެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބުމުންވެސް ބިޝާމް ވަކިކުރަން މަސައްކަތް ކުރިއެވެ. އަދި 19 ވަނަ މަޖިލީހުންވެސް ވަނީ ބިޝާމް މަގާމުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ފެށުމާއެކު ކޮންމެވެސް ސަބަބުތަކާއި ގުޅިގެން އެކަން ހުއްޓެއެވެ.