މުހައްމަދު މަލީހު ޖަމާލް

މަލީހު، ބިޝާމަށް: ދައުވާއަށް ތައްޔާރުވޭ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށާ އެ ދައުވާއާ ކުރިމަތިލައްވަން ތައްޔާރުވެ ވަޑައިގަންނަވަން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު ވިދާޅުވީ އިއްޔެ ސިއްރުކުރި މަޖިލީހުގެ ކޮމެޓީ ބައްދަލްވުމުގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އޭނާގެ ނަން، ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފަައިވާ ކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅިގެން ޕީޖީ ބިޝާމާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެ ކުރިން ތުހުމަތު ވެސް ކުރެެވިފައި ނުވާ މީސްމީހުންގެ ނަންތައް އެކަމުގައި ޝާމިލު ކުރަމުން ގެންދަނީ ހިޔާނާތުގެ މިސްރާބު އޮޅުވާލަންތޯ ވެސް މިނިސްޓަރު މަލީހު ވަނީ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ފަހުން މިނިސްޓަރު ވަނީ "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އޮތް ކަން ހަނދާން ކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ ޕީޖީ މަގާމަކީ ވަރަށް ޒިންމާދާރު މަގާމެއް ކަމަށެވެ.

"ޕީޖީ ތައްޔާރުވެ ވަޑައިޑަތުމަށް ނަސޭހަތްތެރިވަން. އަސާސެއް ނެތި މެންދުރު ނިދީގައި ސިއްރު ކޮޓަރީގައި އަނގަ ތެޅުވުމަށްވުރެ ޒިންމާދާރު މަގާމެއް ގައުމުގައި ޕީޖީއަކީ." ބިޝާމަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެ ކޮމިޓީއަށް ޕީޖީ ހާޒިރުވެވަޑައިގެން ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން އެ ކޮމިޓީ ސިއްރު ކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެދި ވަޑައިގަތެވެ. އަދި ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

އިއްޔެގެ ކޮމެޓީ ބައްދަލްވުމުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން މިއަދު ވަނީ މަޖިލީސް ފްލޯގައި ވެސް ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ މަޖިިލީހުގައި ވާހަކަދައްކަަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް މިނިސްޓަރު މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފު ވެސް މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީހު މަގާމުން ދުރުކުރަން އުޅޭ ކަމުގެ އަޑުތައް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުގެ އާ ސްޓެރެޓެޖިޕް ޕްލޭންގައި ސައިންސް މިނިސްޓަރުގެ މައްޗަށް ބޭފުޅަކު އިންނަވާ ގޮތަށް އަދި އެއީ ރައީސް އޮފީހުގެ މަގާމެއްގެ ގޮތުގައި ހަމަޖައްސާފައި ވެއެވެ.