އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ މައުލޫމާތެއް ނުވަތަ ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ހިމެނޭނަމަ އެކަމެއް ރައްޔިތުންނާ ހިއްސާކުރުމަށް އެދި މިނިސްޓަރު މަލީހް، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ބިޝާމަށް ފޮނުއްވި ސިޓީ ޓްވިޓާގައި މިނިސްޓަރު ވަނީ އާންމު ކުރައްވާފައެވެ.
އެ ސިޓީގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި މަލީހުގެ މައުލޫމާތެއް ނުވަތަ ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ހިމެނޭނަމަ ތިން ދުވަސްތެރޭގައި މީޑިއާ ރައްޔިތުންނާ ހިއްސާކުރުމަށާ އެފަދަ ލިޔެކިޔުމެއްގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިފައިވެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މަލީހް ބައިވެރިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަަކަ ދައްކަވަމުން ވިދާޅުވެފައިވާނެތޯ ސާފުކޮށްދެއްވުމަށާ އަދި އެފަދަ ވާހަކައެއް ދެއްކެވިނަމަ އެކަމެއްގެ ތަފްސީލް ދެއްވުމަށްވެސް ވަނީ އެދިފައެވެ.
މަލީހްގެ ސިޓީގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން މިހާތަނަށް އެއްވެސް ތުހުމަތު ކުރެވި ނުވަތަ އެކަމާއި ގުޅިގެން އެއްވެސް އިދާރާއަށްވެސް ހާޒިރުކޮށްފައިނުވާ ކަމަށެވެ.
"އަދި ދައުލަތަށް އިޚްލާސްތެރި މަސައްކަތްތަކެއް ފާއިތުވެދިޔަ 19 ވަރަކަށް އަހަރު އެކި ހައިސިއްޔަތުން ކޮށްފައިވާތީ އަޅުގަނޑާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެފަދަ ވާހަކައެއްް ކަމަނާ ވިދާޅުވެފައި ވާނަމަ އެކަމެއް އެއްވެސް ވަރަކަށް ސިއްރުކޮށްފައި ބާއްވަން އަޅުގަނޑު ނޭދޭތީ އެކަމުގެ އެންމެހާ ތަފްސީލް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުން އެދެމެވެ." ޕީޖީއަށް މިނިސްޓަރު މަލީހް ފޮނުއްވި ސިޓީގައި ވެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފަ އެވެ.
އެ ކޮމެޓީ ބައްދަލްވުމުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން ވަނީ މަޖިލީސް ފްލޯގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ މަޖިިލީހުގެ ޖަލްސާގައި ވާހަކަދައްކަަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް މިނިސްޓަރު މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފު ވެސް މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.