ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލް ކޯޓަށް ވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތަކުން ނޫން

ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޯޓަށް ވަޑައިގެންފައިވަނީ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާ އެމަނިކުފާނު ކޯޓަށް ވަޑައިގެންފައިވަނީ ސަލްޓަން ޗެންބާސްގެ ވަކީލެއްގެ ގޮތުގައި އެ ޗެންޕާސްއަށް ހުށައެޅުނު މައްސަލައެއްގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ލޯ ފާމުން ބުނެފި އެވެ.

ސަލްޓަން ޗެންބާސް އިން މިހެން ބުނެފައިވަނީ ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

ގާނޫނީ ވަކީލެއްގެ ޚިދުމަތް ހޯދާ ލިބިގަތުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާ ހައްގެއް ކަމަށާ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށްމެ ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާ އެކަށީގެންވާ ވަސީލަތްތައް އަދި އެމީހަކު ބޭނުންވާ ގާނޫނީ ވަކީލަކާ މަޝްވަރާކޮށް ކުށުން ބަރީއަވުމަށް އެ ވަކީލަކާއެކު މަސައްކަތް ކުުރުމުގެ ހައްގު ކޮންމެ ލިބިގެންވާ ކަމަށް ސަލްޓަން ޗެންޕާސް ވަނީ ބުނެފައެވެ. އަދި ވަކި މީހަކު ތަފާތު ކުރުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ކަމާއެެކު ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަކީލުންގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޝަރުއީ ކޯޓަކުން އެމީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭ ހިނދަކު އެއީ ކުށްވެރިއެއް ކަމަށް ބެލޭނެ ހަމައެއް ނެތުމުން އެ ޗެންބާސްގެ މުވައްކިލުގެ ހައްގަށް އުނިކަން އަންނާނެ ގޮތަކަށް އެއްވެސް ފަރާތަކުން އަދި މީޑިއާއަކުންވެސް އަމަލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ ވަގަށް ނަގާ މަރާލިކަމަށް ބެލެވޭ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނީ ޖަމީލްގެ އަނބިކަނބަލުންގެ އާއިލާގެ މީހެއްގެ ދިފާއުގައި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރާފައެވެ.

ޑރ. ޖަމީލް އިއްޔެ ހައިކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާފައިވަނީ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ޕާސްޕޯޓް ހިފެހެއްޓި ފަނަރަ މީހުންގެ ތެރޭގައި ހިމެނޭ އަލީ ޝިޔާމްގެ މައްސަލައެއްގައެވެ.