ދިރިއުޅުން

ފުން ވަޅަކަށް ވައްޓާލި ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްފި

އިންޑިޔާގެ ޔޫޕީގެ ބުލަންދުޝަހަރްގައި ހިނގި ހާދިސާއެއްގައި 15 ފޫޓު ފުން ވަޅުގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖަކު އާދަޔާޚިލާފު ގޮތަކަށް މަރުނުވެ ސަލާމަތްވެއްޖެ އެވެ.

މީގެ އެތައް ހަފުތާއެއް ކުރިން ހިނގި މި ހާދިސާގައި ޗިއްކީ ނަމަކަށް ކިޔާ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބި މިހާތަނާ ޖެހެންދެން ވެސް ފަރުވާ ދެމުން ދިޔައީ އެއިމްސް ޓްރައުމާ ސެންޓަރުގަ އެވެ.

ތިން އަހަރުގެ މި ކުޑަ ކުއްޖާ ވަޅުގަނޑަށް ވެއްޓިފައި އޮއްވާ ފެނިގެން ނަގައި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ވަޅުގަނޑުން ނެގިއިރު ކުއްޖާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ޗިއްކީގެ ބޮލުގެ ނާށިގަނޑުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައިވާއިރު ސިކުނޑިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ. އަދި ސިކުނޑިއަށް ލިބިފައިވާ އަނިޔާތަކުގެ ބޮޑުކަމުން ކުއްޖާގެ ކަނާތްފަޅި އޮތީ ވަރަށް ބަލިކަށިވެފަ އެވެ.

އެ ހޮސްޕިޓަލުގެ ނާސިން އޮފިސަރު ސަންގީތާ އަފާރިއާ އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނީ ޗިއްކީއަށް ޝިފާ ލިބިފައިވަނީ "މުއުޖިޒާތެއް" ފަދަ ގޮތަކަށް ކަމަށެވެ. ހޮސްޕިޓަލުގައި އެއްވެސް ހަރަކާތެއް ނެތި އެތައް ދުވަހަކު މި ތުއްތު ކުއްޖާ އޮތް ނަމަވެސް މިހާރު އާދައިގެ ކުއްޖެއް ހެން ހީނ، ކުޅެ ހަދާ ކަމަށެވެ.

މި ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އިންޑިއާގެ ފުލުހުންނަށް އަދިވެސް ކުއްޖާގެ މައިންބަފައިންނަކީ ކޮބައި ކަމެއް ހޯދިފައެއް ނެތެވެ.

ފާއިތުވީ ތިން ހަފުތާގައި ޗިއްކީގެ މައިންބަފައިން ހޯދަން ފުލުހުން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާއިރު މިހާރު ބޮޑަށް ބެލެވެނީ މި ތުއްތު ކުއްޖާއަކީ އޭނާގެ މައިންބަފައިން ނުބަލަން މަގުމައްޗަށް އެއްލާލާފައިވާ ކުއްޖެއް ކަމަށެވެ.
އެހެންވެ މިހާޜު ދަނީ ކުއްޖާ އެންޖީއޯއަކާ ހަވާލު ކޮށްގެން އޭނާ އެޑޮޕްޓް ކުރާނެ ބަޔަކު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.