ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރިއުޅުން

މަންމައަށް ދަރިފުޅަކު ހިންދީ ލަވަޔަކުން ކީ އަސަރުގަދަ އަލްވަދާއު

ކޮވިޑް-19ގެ ދެ ވަނަ ރާޅުގައި އިންޑިއާ އިން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. މިގޮތަށް މަރުވާ މީހުންގެ އާއިލާތަކުގެ މީހުން ކުރާ ހިތާމަތަކަކީ ބަޔާން ކޮށްދޭން ވެސް ނޭނގޭ ވަރުގެ ހިތްދަތި ތަޖުރިބާ ތަކެކެވެ. އެމީހުންގެ އެންމެ ލޯބިވާ މީހުން މި ދުނިޔެއާ ވަކިވެގެން ދާއިރު އެންމެ ކުޑަމިނުން އެމީހުން ކައިރީގައި މަޑުކޮށްލާނެ ފުރުސަތު ވެސް އާއިލާއަކަށް ނުލިބެ އެވެ. އަދި އެކަށީގެންވާ ގޮތެއްގައި ޖަނާޒާ ބާއްވާނެ ގޮތެއް ވެސް ހޯދައި ނުދެވެ އެވެ.

މިފަދަ މަންޒަރުތަކާއި ވީޑިއޯތައް މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދައުރުވަމުން ދެއެވެ.

މިކިޔައިދެނީ މިފަދަ އެންމެ ވީޑީއޯއެއްގައި ފެންނަ މަންޒަރުތަކެއްގެ ވާހަކަ އެވެ. މި ވީޑިއޯގައި ފެންނަނީ މީހަކު އޭނާގެ މަންމައަށް އަލްވަދާއު ކިޔަން ހިންދީ ލަވައެއް ކިޔާ މަންޒަރެވެ. ފޯނުން އޭނާ މަންމައަށް ކިޔައިދެނީ 1973 ގައި ނުކުތް "އާ ގަލޭ ލަގް ޖާ" ކިޔާ ހިންދީ ފިލްމެއްގެ ވަރަށް މާނަ ފުން ލަވަ އެކެވެ.

"ތެރަ މުޖްސޭ ހެ ޕެހެލޭ ކަ ނާތާ ކޮއީ، ޔޫހީ ނެހި ދިލް ލުބާތާ ކޮއީ"
[އަހަންނާއި ތިބާގެ މި ހަޔާތުގެ ކުރިން ވެސް ގުޅުމެއް އޮތް ކަހަލަ އެވެ. ނޫންނަމަ އަހަރެމެންގެ ހިތް އެކަކު އަނެކަކަށް މިހާވަރަށް ނޭދުނީހެވެ.] އެ މީހާ އޭނާގެ މަރުވަމުންދިޔަ މަންމައަށް ކިޔައިދެމުން ދިޔަ ލަވައިގެ ޖުމްލަ މާނައިގައި ބުނަނީ މިކަހަލަ ވާހަކަ ތަކެކެވެ.

މި އަސަރުގަދަ ވާހަކަ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ މި ފިރިހެން މީހާގެ މަންމައަށް ފަރުވާ ދިނުމުގައި އެ ވަގުތު އެ މީހާ ކައިރީ ހަރަކާތްތެރި ވަމުންދިޔަ ޑޮކްޓަރެކެވެ.

ޑރ. ދީޕްޝިކާ ގޯޝް ކޮށްފައިވާ ޓުވީޓްތަކެއްގައި މި ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.

ޑޮކްޓަރު ބުނެފައިވާ ގޮތުގައި އޭނާގެ ޝިފްޓް ނިމުމުގެ ކުރިން އޭނާ ފަރުވާ ދެމުންދިޔަ ވަރަށް ހާލުބޮޑު ބަލި މީހެއް ކަމަށްވާ ސަންގަމިތުރާ ޗެޓަޖީގެ އާއިލާއަށް އޭނާ ވީޑިއޯ ކޯލެއް ކޮށްދިނެވެ. އެއީ އޭނާގެ ހޮސްޕިޓަލުގައި އެމީހުން އާންމުކޮށް ކުރާ ކަމެއް ކަމަށް ވެސް ޑޮކްޓަރު ލިޔެފައި ވެއެވެ.

"މާ ގިނައިރު ސަންގަމިތުރާ ދުނިޔޭގައި ނޯންނާނެ ކަމަށް ފެންނާތީ އާއިލާގެ މީހުންނަށް އެމީހުންގެ ލޯބިވާ މީހާއަށް އަލްވަދާއު ކިޔާނެ ފުރުސަތެއް ހޯދައިދިނުމަށް އަހަރެން އެ އާއިލާއަށް ވީޑިއޯ ކޯލް ކުރިން. ބަލިމީހާގެ ދަރިފުޅު ސޯހަމް ޗެޓަޖީ އެދުނު އޭނާއަށް މަދު މިނިޓް ކޮޅެއް ދިނުމަށް. ސޯހަމް ބޭނުންވީ އޭނާގެ މަންމައަށް އަލްވަދާއު ކިޔުމުގެ ގޮތުން ލަވައެއް ކިޔައިދޭން. ސޯހަމް އޭނާގެ މަންމައަށް ކިޔައިދިނީ 'ތެރަ މުޖްސޭ ހެ ޕެހެލޭ ކަ ނާތާ ކޮއީ" އެ ލަވަ. އަހަރެން ފޯނު ހިފަހައްޓައިގެން ސޯހަމް ލަވަކިޔައިދީ ނިމެންދެން ހުރިން. ނަރުހުން ތައް ވެސް އައިސް އެ މަންޒަރު ބަލަން ތިބި. ލަވައިގެ ވަކި ހިސާބަކުން ސޯހަމް އަށް ރޮވިގެން ލަވަ މެދު ކެނޑުނު. ދެން އޭނާ ލަވަ ނިންމާފައި މަންމަގެ ހާލު އަހާފައި ފޯނު ބާއްވައިފި،" ޑޮކްޓަރުގެ ޓުވީޓްގައި ލިޔެފައިވެ އެވެ.

ޑޮކްޓަރު ބުނި ގޮތުގައި އެ ވަގުތު އެ ތަނުގައި އެ މަންޒަރު ބަލަން ތިބި އެންމެންގެ ލޮލުން ވެސް ކަރުނަ އައެވެ. އެހާވެސް އެ ވަގުތުކޮޅު އެންމެން ޖަޒުބާތުގައި ޖެހުނެވެ.

މި ތަޖުރިބާ އެމީހުންގެ ހިތުން ދުވަހަކުވެސް ފިލާ ނުދާނެ ކަމަށް ވެސް ޑޮކްޓަރު ލިޔެފައި ވެއެވެ. އަދި މި ހާދިސާއަށް ފަހު މި ލަވައަކީ އެ ދެމައިންގެ އެއްޗެއް ކަމަށް އޭނާ އަބަދުވެސް ދެކޭނެ ކަމަށްވެސް ޑރ. ދީޕްޝިކާގެ ޓުވީޓްގައި ބުނެފައި ވެއެވެ.

މި ލަވަ ކިޔައިދިންތާ މާ ގިނަ އިރެއް ނުވެ ސޯހަމްގެ މަންމަ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

ތެރަ މުޖްސޭ ލަވަ އިނގިރޭސި މާނަ އާއެކު