އަވަސް ޖަވާބެއް ހޯދަން މީހަކަށް އުނދަގޫ ނުކުރާށެވެ. މިފަދަ ވަގުތެއްގައި ޕްރެޝަރުގައި ޖަވާބު ދޭން ޖެހިއްޖެނަމަ ކޮންމެ މީހަކުވެސް ހަދާނީ ދޮގު ކަމަށް ސައިންސްވެރިން ބުނެ އެވެ.
ސައިކޮލޮޖިކަލް ސައިންސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި އެބޭފުޅުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ވިސްނާލާނެ ވަގުތު ނުދީ ޖަވާބެއް ދޭން މީހަކު ކައިރީގައި އެދިފިނަމަ އެ މީހަކު ތެދެއް ނުހަދަ އެވެ. އޭނާ ގިނަ ފަހަރަށް ދޭނީ ސުވާލު ކުރާ މީހާ ބޭނުންވާ ކަހަލަ ޖަވާބެކެވެ.
މި ހޯދުމަށް ތައްޔާރު ކުރި ސުވާލު ކަރުދާހުގައި ހުރީ ވަރަށް އާދައިގެ 10 ސުވާލެކެވެ. މި ސުވާލުތަކުގެ ތެރޭގައި "އަހަރެން ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ނުވުމުން އަހަރެން ވަރަށް ރުޅި އާދެއެވެ". "ކޮންމެ މީހަކު އަހަންނާ ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަންނަކީ ވަރަށް ރަނގަޅަށް އެމީހަކު ދައްކާ ވާހަކަ އަޑު އަހާ މީހެކެވެ،" ފަދަ ސުވާލުތައް ހިމެނުނެވެ.
ޖަވާބު ދިނުމުގައި ބައިވެރިވި މީހުން ދެ ގްރޫޕަކަށް ބަހާލައި ފުރަތަމަ ގްރޫޕް ކައިރީ ބުނީ މި ސުވާލުތަކުގެ ތެރެއިން ކޮންމެ ސުވާލެއްގެ ޖަވާބު 11 ސިކުންތަށް ވުރެ އަވަހަށް ދިނުމަށެވެ.
ނަތީޖާ ދެއްކި ގޮތުގައި އަވަހަށް ޖަވާބު ދީފައިވާ އެންމެން ވެސް ޖަވާބު ދީފައި ހުރީ އެހެން މީހުން ހިތްހަމަޖެހޭ ގޮތަށެވެ.
ދެވަނަ ގްރޫޕްގެ މީހުންނަށް ޖަވާބު ދޭކަށް ވަކި ވަގުތެއް ކަނޑައަޅާފައެއް ނުވެ އެވެ. ހަމަޖެހިލައިގެން ތިބެ ވިސްނާފައި އެމީހަކު ބޭނުން ޖަވާބެއް ދޭންވީ އެވެ. ނަތީޖާ ދެއްކީ ވަރަށް ތަފާތު ކޮށެވެ. ގިނައިރުން ވިސްނާފައި ޖަވާބު ދިން މީހުންގެ ޖަވާބުތަކުގައި ހުރީ އެކަމާ މެދު އެމީހުން ދެކޭ އަސްލު ގޮތެވެ.