ގުޅިފަޅު

ގުޅިފަޅު ހިއްކަން ހަވާލު ކުރީ ޑީލަކަށް: ސައީދު

ގުޅިފަޅު ބަނދަރަށް ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދޭން ނިންމި ނިންމުން ރިވިއު ކުރަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އެމްޓީސީސީގެ ބައެއް އިސް ބޭފުޅުން ވިދާޅުވުމާއި ގުޅިގެނެވެ. އެމްޓީސީސީގެ އިސްވެރިން ވަނީ ގުޅިފަޅުން ބިން ހިއްކުމުގެ މަޝްރޫއު ބިޑަށްލިނަމަ އެ ކުންފުނިން ވެސް އެކަމަށް ކުރިމަތިލާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ އެ ނިންމުމަށް ފާޑު ވިދާޅުވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އަޑުތައް އިވެނީ 817 މިލިއަން ރުފިޔާއަށް ބިޑް ކުރުމެއްނެތި ގުޅީ ފަޅު ހިއްކަން ބޮސްކާލިސްއަށް ދިން ވާހަކަ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ހަވާލު ކުރީ އެކަމަށް ނެގޯޝިއޭޓް ކުރި މީހުންގެ ކޮންމެވެސް ރިސޯޓެއް ހަދަން ފަޅެއްގައި ދެ ރަށް ހިއްކާ ގޮތަށް ކަމަށެވެ.

"މިއަށް ނަޒާހަތްތެރިއޭ ކިޔާކަމަށް ވާނަމަ އަޅުގަނޑުގެން މަޖިލީހުގެ ރައީސަށް ވެސް މުޚާތަބު ކުރަން ބޭނުން ވަނީ އިއްޒަތްތެރި ނަޒާހަތްތެރި ރައީސްގެ ގޮތުގައި." ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ބިޑް ކުރުމެއްނެތި ގުޅީ ފަޅު ހިއްކަން ދިން މައްސަލަ ރިވިއު ކުރަން ގޮވާލައްވާފަ އެވެ. އޭނަ ވިދާޅުވީ މި ސަރުކާރުން ހަމައެއް އުސޫލެއްނެތި އެތައް ބަޔަކަށް ދިވެހި ރައްޔިތުންގެ މާލިއްޔަތުން ބަދަލު ދެމުންދާ ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް 17 ހާސް މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

ގުޅިފަޅު ބަނދަރަށް ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދިނުމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރި ނަމަ "މަހާ ޖައްރާފް" ބޭނުން ކޮށްގެން އެންމެ ގިނަ ވެގެންވެސް 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ހަތް މިލިއަން ޑޮލަރަށް ތޮށިލައި ނިމޭނެ ކަމަށެވެ. އެހެން ކަމުން މި މަޝްރޫއަށް އެންމެ ގިނަ ވެގެންވެސް ހޭދަވާނީ 44 މިލިއަން ޑޮޮލަރު ކަމަށެވެ.

"އެންމެ ގިނަ ވެގެން ޖުމްލަ 44 މިލިއަން ޑޮލަރަށް މި މަޝްރޫއު ނިމޭނެ. އަދި ފައިސާ ލިބޭނީ ދިވެހި ރައްޔިތުންގެ ކުންފުންޏަށް." މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅު ބަނދަރު މަސައްކަތަށް، ފަށަން، ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު ބޮސްކާލިސް ކުންފުންޏަށް ދިނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.