ހަބަރު

ގުޅީފަޅަށް ޕޯޓް ބަދަލު ކުރުމަކީ ބޮޑު ގޯހެއް: ސައީދު

ގުޅީފަޅަށް މާލޭ ކޮމާޝަލް ޕޯޓް ބަދަލު ކުރުމަކީ ގޯހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސްް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވުމާއި ގުޅިގެނެވެ.

ރައީސްގެ އެ ނިންމެވުމާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ކުރީގެ މިނިސްޓަރު ވިދާޅުވީ މާލޭން ތިލަފުއްޓަށް، ތިލަމާލެ ބްރިޖުން ގުޅާލުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ވިޔަފާރި އާއި ސިނާއީ ހަލުއިކަން އިތުރުކޮށް ބައިނަލްއަގްވާމީ ވައިގެބަނދަރާއި ކަނޑުގެ ބަނދަރަކީ ގުޅިފައިވާ ސަރަހައްދަކަށް ހެދުން ކަމަށެވެ.

"ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ކޮމާޝަލް ޕޯޓް ބަދަލުކު ރުމަކީ ބޮޑު ގޯހެއް."

ސައީދު ވިދާޅުވީ ގުޅީފަޅަކީ ކޮމާޝަލް އަދި ރެސިޑެންޝަލް ޒޯނެއް ކަމަށާ ބޯހިޔާވަހި ކަމަށް ހައްލު ހޯދުމަށް ހުޅުމާލެ ތިނެއްގެ ގޮތުގައި ގުޅީފަޅު ތަރައްގީ ކުރަން ރައީސް ޔާމީން ނިންމަވާފައި އޮތް ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ކުރެހުންތައް ވެސް ސައީދު ހިއްސާ ކުރައްވާފައި ވެއެވެ.

މަޖިލީސް މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ނިންމާ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.

"ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މި ބަނދަރު ތަރައްގީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން." ރައީސް ވިދާޅުވި އެވެ.