ގުޅިފަޅު

ގުޅީފަޅުގައި ހިންގަނީ އަޑިނޭނގޭ މަސައްކަތެއް: ސައީދު

ޕޯޓް ބަދަލު ކުރުމުގެ ނަމުގައި ގުޅީފަޅުގައި ހިންގަނީ އަޑި ނޭނގޭ މަސައްކަތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ.

މާލޭގެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމަށް ސަރުކާރުންް ވަނީ ނިންމާފަ އެވެ. މާލޭގެ ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމަކީ މި ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ފެށި އެންމެ ބޮޑު މަޝްރޫ އެވެ. އެގޮތުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލު ކޮށްގެން އެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެކަމާ ގުޅުވައި އިދިކޮޅުން ވެސް ގިނަ ތުހުމަތުތަކެއް ކުރެ އެވެ.

ކުރީގެ އިކްނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ޕޯޓް ބަދަލު ކުރުމުގެ ނަމުގައި ގުޅީފަޅުގައި ހިންގަނީ އަޑި ނޭނގޭ މަސައްކަތެއް ކަމަށެވެ. ތިން ގުނަ ކުޑަކޮށް ތިލަފުށީ ހުޅަނގު އުތުރު ތަރައްގީ ކުރުމުން އިސްރާފު ކުޑަވުމުގެ އިތުރުން ގުޅީފަޅު ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހަގީގީ 'ސިނާއީ ރަށަކަށް' ތިލަފުށި ވެގެންދޭ." އޭނާ ވިދާޅުވި ވެއެވެ.

ސައީދު ވިދާޅުވީ ގުޅިފަޅު ހިއްކާ ނިމޭއިރު ހަރަދުވާ 1.8 ބިލިއަން ރުފިޔާއަކީ ބޮޑު އިސްރާފެއް ކަމަށެވެ. މި އިސްރާފު ހުއްޓުވުމުން ދައުލަތަށް މާލީ ބުރަ ކުޑަވުމުގެ އިތުރުން ތިމާވެށްޓައް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށެވެ.

"އެއީ މުސްތަގުބަލައްޓަކައި ލާޒިމް ކަމެއް. މިކަން ކުރާއިރު ތިލަފުއްޓާއި ގުޅީފަޅާއި ޕޯޓްސް ލިމިޓެޑަށް އެނގުމެއްވޭބާ؟." ސައީދުގެ ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ގުޅީފަޅުގައި ޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ.