އާސަންދަ

އިންޑިއާގައި ތިބި ދިވެހިންނަށް މެރަނަ ސްކީމް ކިޔައިދެނީ

Oct 23, 2019

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް މެރަނަ ސްކީމްގެ މައުލޫމާތު ދިނުމަށް އާސަންދަ ކުންފުނީގެ ޓީމެއް އިންޑިއާއަށް ފުރައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ އެ ޓީމް އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރާނީ މިއަދު ހަވީރު އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގައި ކަމަށެވެ.

މި ބައްދަލުވުމުގައި "މެރަނަ" ސްކީމްގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ސްކީމްގެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލު ކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރާނެ އެވެ.

އަދި އާސަންދަ ޓީމުން، އިންޑިއާގައި އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްދޭ ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭނެ ގޮތްތައް ހޯދަން މަޝްވަރާ ކުރާނެ އެވެ.

މިއަދު އޮންނަ ބައްދަލުވުމުގައި އާސަންދައިގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.