ހަބަރު

މެންބަރުން މަދުވާތީ ޕީޕީއެމުން އީސީއަށް

އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުނަށް ނޭނގި އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ބުނެ އެ މައްސަަލައާ ގުޅިގެން ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ބައްދަލު ކޮށްފި އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް ނޭނގި އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ކަން ފާހަގަ ކުރެވުމުން އީސީއަށް އެ މައްސަލަ ހިއްސާ ކުރަން ޕީޕީއެމްގެ ފަރާތުން މިއަދު އެ ކޮމިޝަނަށް ވަޑައިގަތީ ޕީޕީއެމްގެ ތިން ނައިބު ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން، އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވަޑައިގަތެވެ.

އީސީގެ މެންބަރުންނާ ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ބައެއް އާންމު މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާ އެ ޕާޓީގެ ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އީސީގައި ފިންގަޕްރިންޓް ވެރިފައި ކުރެވޭ ނިޒާމެއް ނެތުމުން ޝިޔާމް ވަނީ އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވައިފަ އެވެ. އެހެންކަމުން ޕީޕީއެމް އިން ބޭނުންވާ ހައްލެއް އީސީއަށް ދެވެން ނެތް ކަމަށާއި ހަމައެއް ނެތި ރަޖިސްޓްރީވެފައިވާ ޕާޓީ ނޫން އެެހެން ޕާޓީތަކަށް މީހުން ރަޖިސްޓްރީވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވަގަށް މެންބަރުން ވައްދާ ކަމަށް ބުނެ ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކުރިއިރު، މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެފައި ވަނީ އެ ކޮމިޝަންގައި ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތައް ކަށަވަރު ކުރެވޭނެ ވަސީލަތެއް ނެތް ކަމަށެވެ.

"ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިހާތަނަށް ވެސް ކޮމިޝަންގައި ފިންގަ ޕްރިންޓް ވެރިފިކޭޝަން ސިސްޓަމެއް ގާއިމެއް ނުކުރެވޭ. ފިންގަ ޕްރިންޓް ޖެހުމާއި ނުޖެހުމެކޭ ހަގީގަތުގައި އެއްވެސް ތަފާތެއް ނެތް. ފިންގަ ޕްރިންޓް ސްކޭން ކުރަން އަޅުގަނޑުމެން ފުލުހަށް ވެސް މި ގެންދަނީ މައްސަލައެއް ދިމާވެއްޖެއްޔާ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެންބާޝިޕް ބެލެހެއްޓުމަކީ އީސީގެ މެންޑޭޓުގައި އޮންނަ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވަސީލަތްތައް ހުރި އިދާރާއެއްގައި އެ ކަން ކުރާ ގޮތަށް ހުށަހެޅުމުގެ ވިސްނުން ކޮމިޝަނުން ގެންގުޅޭ ކަމަށެވެ.