ހަބަރު

އައިއޭސީން ދިވެހިންގެ ނަމުގައި ލަންކާގެ ރައްޔިތުންނަށް އެހީވެދީފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނަށް އެހީ ބެހުމުގައި ހަރަކާތްތެރި ވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ނާއިބު ރައީސް އާދަމް ނާއިފު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހާލުގައި ޖެހުނު ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތް ތަކުގައި އައިއޭސީންވެސް ބައިވެރި ވެފައިވާ ކަމަށެވެ.

އެގޮތުން ލަންކާގައި ހާލުގަިއ ޖެހިފައިވާ މީހުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ލަންކާގެ ބައެއް ހިސާބު ތަކުގެ ރައްޔިތުން ވަނީ އެހީތެރިކަމަށް ބޭނުން ވެފައެވެ. އެމީހުންގެ ގެދޮރާ މުދާ އަދި ހިފާ ގެންގުޅޭ ސާމާނު ތައްވެސް ހަލާކުވިއެވެ.

އައިއޭސީއަކީ ދިވެހިންގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީތެރިކަން ބޭނުން ވެފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ނަމޫނާ ޖަމާއަތެކެވެ. އެގޮތުން އެ ޖަމާއަތުން ވަނީ ދިވެހި ރައްޔިތުންގެ ނަމުގައި ސީރިއާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ސުކޫލެއް އަޅައި ހުޅުވާފައެވެ.

އައިއޭސީން ބުނި ގޮތުގައި އެހީތެރިވުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. އެގޮތުން މީގެ ކުރިން "ލޯތްބާއެކު" އެ ނަމުގައި ސީރިއާ އަދި ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ވުމަށް ދިވެހިންގެ އެކި ފަރާތުން ލިބުނު އެހީ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން މިޔަންމާގައި ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް އައިއޭސީން ކުރިއަށް ގެންދިޔަ މަސައްކަތް ކާމިޔާބުވި އެވެ.