މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެން އުވާލުމަށް ގޮވާލާ މާދަމާ ރޭ އިހުތިޖާޖަށް

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ މާދަމާ އިހުތިޖާޖު ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

މިއަދު ހަވީރު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ ނުރައްކާތެރިކަން ސަރުކާރަށް ހާމަކޮށްދިނުމަށް ހުރިހާ ގޮތަކުންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ އަޑު ނޭހިކަމަށާ އަދި ރައްޔިތުންގެ އިލްތިމާސްތަކަށް ރައީސް ސޯލިހުވެސް އަޅާ ނުލެއްވި ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެންގެ ދަށުވާން މި ސަރުކާރަށް އޮތް މަޖުބޫރަކީ ކޮބައިތޯ މިއަދު ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ސުވާލުކޮށްލަން ބޭނުން މި ސަރުކާރަށް، ކޮން ޕްރެޝަރެއްތޯ އޮތީ މި ސަރުކާރަށް. ކޮބައިތޯ އެމްޑީއެން އުވާނުލަން ނުކުރިގެން އުޅޭ ސަބަބަކީ." ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީއެން އުވާލަންދެން ސަރުކާރަށް ޕްރެޝަރު ކުރުމުގައި އިދިކޮޅު ދެމި އޮންނާނެ އެވެ. އަދި މާދަމާ ރޭ ޕީޕީއެމް އޮފީސް ކުރިމަތީ އެމްޑީއެން އުވާލުމަށް ގޮވާލާ އިހުތިޖާޖު ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މި އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލި ކައުންސިލްތަކުގެ އަދަދު 78 ކަށް އަރާފައިވާއިރު، ރަށްރަށުގައި ވަނީ އިހުތިޖާޖު ކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.