ހަބަރު

ޔާމީން، ރައީސްއަށް: "ދައުރަކީ އޮށްވަޅުގޮނޑި ކުޅުންތޯ؟"

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު އިސްލާމް ދީނަށް ފުރައްސާރަ ކުރި ރިޕޯޓާ ގުޅިގެން ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފާޑުވިދާޅުވީ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެމްޑީއެންއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީއެން އުވާލަން ގޮވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންއަކީ ޑިމޮކްރަޓިކް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި އެއީ ރާއްޖެއަށް ލާދިނީ ފިކުރު ގެންނަން މަސައްކަތް ކުރާ ބައިގަނޑެއްގެ ޖަމިއްޔާއެއް ކަމަށެވެ. އެމީހުންނަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އިސްލާމީ ދައުލަތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި މީހުންނަކީ ނެތިދާން ޖެހޭ ބައެއް، އެމްޑީއެން އުވާލަންވީއެއް ނޫން، އެމްޑީއެން ފުނޑާލަންވީ، މިއީ ޖާގަ ލިބެން ޖެހޭ ބައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ މަގާމުގައި އެމްޑީއެންއަށް ނިސްބަތްވާ މީހުން ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކުށެއް ކޮށްފައި އެ ކުށުން ބަރީއަވެއްޖައީމައޭ ބުންޏަސް އެކަމުން ސަލާމަތެއް ނުވެވޭނެ ކަމަށެވެ. އެ ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި މީހުންނަކީ އެ ޖަމިއްޔާގެ އެންމެން ކުށްވެރިވާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރަކީ ލާދީނީ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައި އެމްޑީޕީއަށް ޔަހޫދީ ޖަމިއްޔާތަކުން ފަންޑު ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެމްޑީޕީއާ ގުޅިފައި އޮތް، އެމްޑީއެންއަކީ ނުބައި ނިޔަތެއްގައި އުފެދުނު ތަނެއް ކަމަށެވެ.

"އެމްޑީއެންއަކީ ލާދިނީ ވިސްނުގައި އެ ފިކުރުގައި ތިބި ބައެއް، މި ފިކުރު ދަމަހައްޓަން ބޭނުންވާތީ ނޫންތޯ ދައުލަތުގެ މަގާމުތަކަށް އެ މީހުން މި ގެންނަނީ، އެހެންވެ ނޫންތޯ މި ނޫން ބަޔަކު ރައީސް އޮފީހަށް ވައްދަން ރައިސުލްޖުމްހޫރިއްޔާއަށް ކަމު ނުދަނީ، އެމްޑީއެން އެއީ ލާދިނީ ބައިގަނޑެއް، އެ ދިފާއު ކުރާ މީހުންނަކީ ލާދިނީ ބައިގަނޑެއް، އިރާދަކުރެއްވިއްޔާ ލާދިނީ ފިކުރު ބްރިޖުން ބޭރުން ދުއްވާލަން، މިތާ އެ ފިކުރަށް ޖާގައެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަނީއޭ ކިޔާތާ މަަސް ދުވަސްވީ ކަމަށާއި އަދިވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ. މިކަމުގައި ތަހުގީގު ކުރާނެ ކަމެއް ނެތް ކަމަށާއި ހުރިހާ އެއްޗެއް ހުރީ ސާފުކޮށް ފެންނަން ކަމަށް ވެސް ރައީސް ޔާމީން ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ.

"މަސް ދުވަސް ވެގެން މިދަނީ، ކޮބައިތޯ ވަލިއުލްއަމުރުގެ ދައުރަކީ، އަބަދުވެސް އޮށްވަޅު ގޮނޑި ކުޅެންތޯ މަސައްކަތް ކުރައްވަނީ، ކޮބައިތޯ އެމްޑީއެންއާ ގުޅޭ ގޮތުން ބުނާ ބަހަކީ، ހަރުކަށި ފިޔަވަޅު އަޅާނަމޭ ބުނާނެ، ދެ ޝޭހަކު ވަދެފައި ބުނާނެ ހަރުކަށި ފިޔަވަޅު އެބަ އަޅުއްވައޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެން މިކިޔަނީ މި ތަހުގީގު ކުރަނީއޭ، ކޯޗެއް ތަހުގީގު ކުރަން އޮތީ، ހުރިހާ އެއްޗެއް އެހުރީ ފެންނަން، ހުރިހާ ލިޔުންތަކެއް އެ ހުރީ ފެންނަން، މީގައި އުޅޭ މީހުން މި އުފެއްދި މީހުން މި ބޮޑު ކުރި މީހުން އެ ތިބީ ރައީސް އޮފީހުގައި، ނޫނީ ދައުލަތުގެ މަގާމުތަކުގައި، މި މީހުން ތިބެގެން ކޮން ތަހުގީގެއްތޯ ހިންގޭނީ، މިކަމުގެ އެންމެ އިންސާފުވެރި ތަހުގީގެއް ހިންގޭނީ ޕީޕީއެމްއާ ހަވާލުކޮށްގެން، އަޅުގަނޑުމެން އެ ތަހުގީގު ހިންގައިދޭނަން،"

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ލާދިނީ ފިކުރުގެ އެއްވެސް މީހަކަށް ދައުލަތުގެ އެއްވެސް ގޮނޑިއެއް ނުދޭނެ ކަމަށެވެ. އެއީ އެ ޕާޓީއިން ގަބޫލު ކުރާނެ އަދި ބަލައިގަންނާނެ ހަމައެއް ވެސް ނޫން ކަމަށެވެ. ލާދިނީ ފިކުރަކީ ކިތަންމެ މޮޅު ފިކުރެއް ކަމަށް ދައްކަން އުޅުނަސް އެކަން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަން ހިޔާލޭ ވިދާޅުވިޔަސް މިއީ ދުނިޔޭގެ އެންމެ މަގުބޫލު ފިކުރޭ ވިދާޅުވިޔަސް މިއީ ޒުވާނުންގެ ފިކުރޭ ވިދާޅުވިޔަސް މިއީ ލާދިނީ ފިކުރު، މިއީ އިސްލާމީ ދައުލަތެއްގައި ގަބޫލު ކުރާނެ ކަމެއް ނޫން، މިއީ ހިތާމަކުރަން ޖެހޭ ކަމެއް މިފަދަ ލާދިނީ ކަންކަން އާންމުވަމުންދާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ސްކޫލްތަކުގައި ކިޔަވައިދޭ މަންހަޖު މި ސަރުކާރުން ބަދަލު ކުރަން އުޅޭތީ ވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ މަންހަޖު ބަދަލު ކުރަނީ ލާދިނީ ފިކުރު ފަތުރަން ކަމަށެވެ. އެ ފިކުރު ތުއްތު ކުދިންގެ ސިކުނޑިއަށް ވައްދައި ތަގައްޔަރު ކުރުމަށް ކަމަށެވެ. އެހެންވެއްޖެނަމަ ސްކޫލްތައް ވެސް ބޮއިކޮޓް ކުރަން ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ ސަޕޯޓަރުންތައް އެއްވެ އޮތް އެ އެއްވުމުގައި ވާހަކަފުޅު ނިންމާލައްވަން ރައީސް ޔާމީން ވަނީ އެމްޑީއެން ޖެހޭނީ "ފުނޑާލަން ފުނޑާލަން ފުނޑާލަން" ކަމަށް ވިދާޅުވެފަ އެވެ.

މި އެއްވުމުގައި އެ ދެ ޕާޓީގެ އެހެން އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން ވާހަކަ ދެއްކެވި އެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ އިސްލާމް ދީން ހިޔާމަތް ކުރުމުގެ ހުވައާ މި ސަރުކާރުން ހިލާފުވެފައިވާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ވާހަކަ މި ދަނޑިވަޅުގައި ދައްކަނީ ފޯކަސް ގެއްލުވާލަން ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އެމްޑީއެން އުވާލަންދެން މަގުމަތީ ހަރަކާތްތައް އެ ދެ ޕާޓީއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.