ސިހުރު ހެދުމަކީ އިސްލާމްދީނުގައި ބޮޑު ފާފައެއްގެ ގޮތުގައި ހިމަނާފައިވާ ހަރާމް ކަމަކަށް ވާތީ އެކަމަށް ހިތްވަރު ލިބޭ ގޮތަށް މީޑިއާ އިން މައުލޫމާތު ނުފެތުރުމަށް ގޮވާލައި ފިގުހު އެކަޑަމީން ފަތުވާއެއް ނެރެފި އެވެ.
ސިހުރު ހެދުމާއި އުގަންނައިދިނުން އަދި އުގެނުމާ ގުޅޭ ގޮތުން ފިގުހު އެކަޑަމީން ބުނީ ބައެއް ފަރާތްތަކާއި މީޑިއާގެ ވަސީލަތްތަކުން ސިހުރުގެ އެކި މައުލޫމާތުތައް ފަތުރަމުން އަންނަ ގޮތުން އެކަމަށް ހިތްވަރު ލިބި، އާންމުން އިސްލާމް ދީނުގެ ތެދުމަގު މުޅިން އޮޅި މަގުފުރެދިގެން ހިނގައިދާނެ ކަމަށެވެ. އަދި ރުގުޔާގެ ނަމުގައި ސިހުރާއި ފަންޑިތަ ހަދައިގެން ކަންކަމުގައި އެއްވެސް ފަރާތަކުން ވާގި ނޭދުމަށް ވެސް އެ ފަތުވާގައި އެދިފައިވެ އެވެ.
ސިހުރު ހެދުމާއި ޖިންނި ޝައިތޯނުން އަވަލުމުން އެކަމަށް ފަރުވާ ކުރާނެ ގޮތްކަމަށް ބުނެ ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް ގެނެސްދެމުން އާދެ އެވެ. މީގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެސް ނަގަމުން އަންނަނީ ސިހުރުގެ ކަންކަމާ ގުޅިގެން ކަމަށ ބުނެ ސިޔާސީ އެކި ފަރާތްތަކުން އަޑުތައް ފަތުރާފައިވެ އެވެ.