(22 އޮކްޓޯބަރ 2019 އާ ގުޅޭ)
ރިސޯޓުން އައިތާ ހަފްތާއެއް ފަހެވެ. ފޯނުން ފެންނަމުންދިޔަ ކަލަންޑަރަށް ބަލަން ހުރި ހޭޒަލް ހިނިތުންވެލިއެވެ. އަދި ޚިޔާލަކަށް ގެއްލިފައި ހުރި މީހަކު ފަދައިން ދަށްބަނޑުގައި ފިރުމާލިއެވެ.
"ޕްލީޒް، ޕްލީޒް... ޕްލީޒް ގޯޑް..." އަތުގައި އޮތް ފޯނާއެކު ދެއަތް ޖޯޑުކޮށްލަމުން ގެނެސް މޭގައި ޖައްސާލި ހޭޒަލް ދެ ލޯ މަރާލިއެވެ. ހިތާހިތުން ދުޢާކޮށްލިއެވެ. އަދި އެނދުމަތީ އޮތް އަތްދަބަސް ނަގައިގެން ހޭޒަލް ކޮޓަރިން ނުކުތެވެ. ޢާންމުކޮށް ހެނދުނު ދިހައެއްގެ ފަހުން ލިއަމް އޮފީހުގައި ބިޒީވާނެއެވެ. އޭނާއަށް ގުޅިޔަސް ގިނަ ފަހަރަށް ކޯލު ބިޒީކޮށްލާނީއެވެ. ނޫނީ ފަހުން ގުޅާނަމޭ ބުނެ މެސެޖު ކުރާނެއެވެ. އެހެންވެ ލިއަމްއަށް ގުޅުމުގެ ބަދަލުގައި ހޭޒަލް ގެއިން ނުކުތީ ފާމަސީއަކަށް ދާށެވެ.
"ހޭއި..." ދޮރޯށިން ހޭޒަލްއަށް ނުކުމެވުނުތަނާ މަގުގެ އަނެއްފަރާތުގައި ސައިކަލެއްގެ މަތީ ޖައްސާލައިގެން ސިނގިރޭޓެއް ބޯން އިން ހުސެންގެ އަޑު އިވުނެވެ.
"ރަބަރޭ ކީއްކުރަނީ؟" ހޭޒަލް އަހާލިއެވެ.
"މި ސައިބޮއެގެން ނުކުމެ ފެގެއް ޖަހާލަނީ، ބުނީމެންނު މި ގޭގައޭ އުޅެނީ" ފެހިކުލަ ލާފައި ހުރި އިމާރާތައް ހުސެން އިޝާރާތްކޮށްލަމުން ހޭޒަލްއަށް ހަނދާންކޮށްލަ ދިން ކަހަލައެވެ. އޭނާ އިނީ އޮފީސް ހެދުމުގައެވެ. އެހެންވެ އެ އައީ އޮފީހުގައި އުޅެފައިކަން ހޭޒަލްއަށް ވިސްނުނެވެ.
"ތި ގޭގަ ދޯ އުޅެނީ، ކުރިން ދުވަހަކު ދަބަސްތަކެއް ހިފައިގެން ނުކުމެ ޓެކްސީއަކަށް އަރަނިކޮށް ދުށީން.... އޭގެ ކުރީން ވެސް ދެ ދުވަހަކު ތިގެން ނުކުތްތަން ފެނުނު، ތަނަކަށް ގޮސްފަތަ ތިއައީ؟" ހުސެން އަހާލިއެވެ.
"އާން!... މިގޭގަ އުޅެނީ..." އިތުރަށް ދޮގު ހަދައިގެން ސަލާމަތް ނުވާނޭކަން އެނގި ހޭޒަލް ބުނެލިއެވެ. ހޭޒަލްގެ ގެއަށް ދަޢުވަތު ދޭށޭ ހުސެން ބުނެފާނެތީ ހޭޒަލް ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. ހުސެންގެ ފަރާތުން ހޭޒަލްއަށް ފުރައްސާރައެއް ކުރިމަތި ނުވިޔަސް އޭނާއާއި އޭނާގެ އެކުވެރީންނަކީ އަޙުލާޤީ ގޮތުން ރަނގަޅު ބައެއް ނޫނެވެ. ހުސެން އަންނައިރު އޭނާ އަންނާނީ އޭނާގެ ރަޙުމަތްތެރިން ގޮވައިގެންކަން ހޭޒަލްއަށް ޔަގީންވެއެވެ. އެ ދިރިއުޅުން ހޭޒަލް ދޫކޮށްލުމަށްފަހު އެފަދަ ބަޔަކާއެކު އަލުން ވަގުތު ހޭދަކުރުމުގެ ގަސްދެއް ހޭޒަލްގެ ނެތެވެ.
"ތަނަކަށް ދާންތަ ތިދަނީ؟... އެކަނިތަ؟... ހިނގާ އަހަރެން ވައްޓާލަދޭނަން، ކުޑަބެ ސައިކަލު މަށަށް ލިބިއްޖެ، މިހާރު ދެން މޮއްގަނޑުގަ އުޅޭކަށް ނުޖެހޭނެ" ހޭޒަލް ހުރި ގޮތް ބަލާލައި ހުސެން ނިކަން ހިނިއައިސްފަ ބުންޏެވެ. އޭނާ އެހެން އެ ބުނީ ނުބައި ގޮތަކަށްނޫންކަން ހޭޒަލްއަށް އެނގެއެވެ. ކުރިން ވެސް ހުސެންއަކީ ހޭޒަލްއަށް "ލިފްޓް" ދޭ ރަޙުމަތްތެރިއެކެވެ. އެކަމަކު އެއީ ލިއަމްއާ ކައިވެނި ކުރުމުގެ މާކުރިއެވެ.
"ތޭންކްސް، އެހާ ދުރަކަށްނޫން މިދަނީ... ފިހާރައަކަށް، ހުސެން އިނދެލާ، ދަނީ އިނގޭ" ހޭޒަލް ބުންޏެވެ. ހުސެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ހޭޒަލް އެނބުރި ގެއަށް އައިއިރު ގޭދޮށުގައި ހުސެން ފެންނާކަށް ނެތެވެ. އެހެންވެ ހަމަޖެހިލައިގެން އައިސް ގެއަށް ވަނެވެ. އެޕާޓްމެންޓަށް ވަނުމާއެކު ފޯނު ވައިފައިއާ ކަނެކްޓުވިއެވެ. ދާރިއަންގެ މެސެޖެއް އައީ އެވަގުތެވެ. މަސައްކަތް މަޑުޖައްސާލީތޯ އޭނާ އަހާފައި އޮތެވެ. އޭނާ އެ އުޅެނީ ހޭޒަލްގެ ފަރާތުން ޚަބަރެއް ނުވެގެންކަމެއް ހޭޒަލް ނުދެނަހުއްޓެވެ. މަސައްކަތަކީ ދާރިއަން ދައްކާ ބަހަނާއެއްކަމެއް ވެސް ހޭޒަލްއަކަށް ނޭނގެއެވެ. ފޯނަށް ބަލަލާލާފައި ވެސް ދާރިއަންއާ ވާހަކަދައްކާނީ ފަހުންނޭ ހޭޒަލްގެ ހިތަށް އެރިއެވެ. އެއަށްވުރެ އޭނާ މިވަގުތު އެހުރީ އެހެންކަމަކަށް ހިތް އަވަސްވެފައެވެ.
ފާޚާނާގައި ހުރި ހޭޒަލްގެ ނަޒަރު ހުއްޓިފައިވަނީ މޫނުދޮންނަ ތަށި ހަރުކޮށްފައިވާ "ކައުންޓާރ ޓޮޕް" މަތީ ހުރި ޓެސްޓު ކިޓު ތަކަށެވެ. ކެތްތެރިކަން ކުޑަވެފައިވާ ބެލުމަކުން ހޭޒަލް ބަލަމުންދިޔައިރު އޭނާ ތުންތަޅުވަމުންދިޔައީ ހިތާހިތުން އެއްޗެއް ކިޔާ ފަދައިންނެވެ.
"ވައި؟..." ކުއްލިއަކަށް ހޭޒަލްގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. ހުރިހާ ކިޓުތަކުން ވެސް ފެންނަން ހުރީ "ނެގެޓިވް" ކަމަށެވެ. ހިތްމަރުވެފައިވާ މީހަކު ފަދައިން މަތިއަޅާފައި ހުރި ފާޚާނާ ތަށީގައި ހޭޒަލްއަށް އިށީނދެވުނެވެ. ފިނީނޭވާއެއް ދޫކޮށްލައި އޭނާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ. ދެކަކުލުގައި އުޅަންބޮށިކޮޅު ހޭޒަލް ވިއްދާލައިގެން ކުރިއަށް ގުދުވެލައިގެން އިނެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު މޫނުން އަތްނަގައި ފުންނޭވާއެއް ލިއެވެ. ދެފަރާތަށް ބޯހޫރުވާލައި ކޯތާފަތުގައި ދެ ފަރާތުގައި އަތުން މަޑުމަޑުން ތަޅާލިއެވެ.
"އަދި ނޭނގެނީކަމަށްވާނީ، ތަންކޮޅެއް ފަހުން ޓެސްޓުކޮށްލީމަ އޯކޭވެދާނެ... ބީ ޕޮޒިޓިވް ޒެއްލު..." އަމިއްލަ ނަފްސަށް ހިތްވަރުލާދޭން ހޭޒަލް ބުނެލިއެވެ. އަދި އެ ތެދުވިގޮތަށް ޓެސްޓިކުތައް ނަގައި މޫނުދޮންނަ ތަށީގެ ދަށުގައި ބަހައްޓާފަ ހުރި ކުނިވަށިގަނޑަށް އަޅާލައިފިއެވެ. އެއިން އެއްވެސް ކަމެއް ލިއަމް ގާތުގައި ބުނުމުގެ ގަސްދެއް ހޭޒަލްގެ އަދި ނެތެވެ. އޭނާ މަޑުއެކުރަނީ ނަތީޖާ ބަދަލުވާނޭކަމުގެ އުންމީދުގައެވެ. އެވަގުތަކުން ލިއަމްއަށް އެ އުފާވެރި ޚަބަރު ދޭށެވެ.
މެންދުރުވީ ފަހުން ލިއަމް ގުޅުމުން ހޭޒަލް ބުނީ ޕްރޮޖެކްޓުގެ ކަންކަން މާބޮޑަށް ފަސްކުރެވިއްޖެކަމެވެ. ދާރިއަން އެކަމާ ސުވާލުކުރާކަމެވެ. އެހެންވެ މިއަދު އޭނާއާ ބައްދަލުކުރަން ދާން ނިންމާފައި ވާކަމެވެ. ހަތަރުގަޑި ބައިގަ ދާރިއަންއާ ބައްދަލުކުރަން ދާންވާއިރަށް ލިއަމް އަންނާނަންކަމަށް ބުންޏެވެ. އެ ދެމެދުގައި އިތުރު ވާހަކަތަކެއް ނުދައްކައެވެ.
ހަވީރުގެ ވަގުތެވެ. ދާރިއަންއާ ބައްދަލުކުރަން ހޭޒަލް އައީ ލިއަމްއާއެކުއެވެ. ބީޗުގައި ހުރި ރެސްޓޯރެންޓަކަށެވެ. ގެއަށް ދާންވީމަ ލިއަމްއަށް ގުޅުމަށް ހޭޒަލް ގާތުގައި ބުންޏެވެ. ހޭޒަލް ބޯޖަހާލައި ރެސްޓޯރެންޓާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ.
"ހާދަ ވަރަކަށް ތި ބަލަނީ..." ދާރިއަން އިން މޭޒު ދޮށުގައި އިށީންނަމުން ހޭޒަލް ބުންޏެވެ. އެހިނދު ދާރިއަން އަވަސް އަވަހަށް ނަޒަރު ވަކިކޮށްލައިފިއެވެ.
"ކިހިނެއްތަ؟" ދާރިއަން އަހާލިއެވެ.
"ރަނގަޅު...." އާދައިގެ މަތިން ބުނެލާހެން ހޭޒަލް ބުންޏެވެ.
"ސީރިއަސްކޮށް ބުނެބަލަ... އެއްޗެއް ހުރީތަ މޫނުގަ" ހޭޒަލް އަހާލިއެވެ. އަދި އަތުގައި އޮތް ފޯނުން މޫނު ބަލާލިއެވެ.
"ހިކިއްޖެހެން ހީވަނީ... މީހަކު ފަލައޭ ބުނީތަ؟" ދާރިއަން ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ.
"އެހާ ދުވަސްކޮށްފަ ފެނުނީމަ ހީވާ ގޮތެއް... ކޮފީ ގެންނަން ބުނަންވީނު، ކޯއްޗެއްތަ މިތާ އެންމެ ސަޅީ" ހޭޒަލް ވާހަކަދެއްކިއެވެ.
މަސައްކަތާ ބެހޭ ގޮތުން ދެ މީހުން ވެސް މަޝްވަރާ ކުރިއެވެ. ފުރަތަމަ ހޭޒަލް ހަދަން ގަސްދުކުރީ ފޮށްޓެކެވެ. ހަދިޔާގެ ގޮތުގައި އެއްޗެހި އަޅާފައި ދޭ ކަހަލަ ފޮށްޓެކެވެ. އެއަށްފަހު ދެން އޭނާ ހަދަން ގަސްދުކުރާ އެއްޗެހީގެ ލިސްޓެއް ވެސް ހޭޒަލް ދެއްކިއެވެ. ހޭޒަލް އައިސް އިނީ އޭނާގެ އައިޕެޑާއި "ސްކެޗްބުކް" ވެސް ހިފައިގެންނެވެ. އަމިއްލަ ވާހަކައެއް ނުދެކެވެއެވެ. އެހެންވިޔަސް ދާރިއަން އިނީ ހިތްހަމަޖެހިފައެވެ. އޭނާގެ ކުރިމަތީގަ ހޭޒަލް ފެންނަން އިނީތީއެވެ. އޭނާއާ އެހާ ގާތުގައި ވަގުތުކޮޅަށް ނަމަވެސް އިންނާނޭ ފުރުޞަތު ފަހިވީމައެވެ.
"ހެލޯ... ނިމިގެން މިގުޅާލީ" ގެއަށްދާން ނިންމާ ހޭޒަލް ލިއަމްއަށް ގުޅިއެވެ.
"މިހާރުތަ... އަހަރެން ދެންމެ މި ކޮފީއަކަށް އެރީ، ތާޓީމިނެޓްސް ދީ، ޕްލީޒް" ލިއަމް ވާހަކަދެއްކީ ވަރަށް އަވަސްއަރުވާލާފައެވެ.
"ނިންމާފަ ގުޅާށޭބުނީމަ... އަހަރެން ހިނގައިދާނަމޭ، އޯކޭވާނެ" ހޭޒަލް ބުނެލިއެވެ.
"ނޫން!ނޫން!... ނާންނާތި... މިބުނީނު އަހަރެން ދާނަމޭ، ދާރިއަން ތަނަކަށް ދާންޖެހުނީތަ؟" ލިއަމް އެއްސެވެ.
"އެހެނެއްނޫން..." ހޭޒަލްގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ. އޭރު ވެސް އޭނާ އިނީ ހޭޒަލްއަށް ބަލާށެވެ.
"އެހެންވީރު އަދި މަޑުކޮށްލަންވީނު، މިދަނީ ކޮފީ ނިންމާލާފަ، މިތިބީ އެންމެންނާއެކު ޑީވާސްގައޭ..." ލިއަމް އާދޭސްކުރާ ރާގެއްގަ ބުންޏެވެ. އެންމެފަހުން ހޭޒަލް އޯކޭއޭ ބުނެލިއެވެ.
"ގެއަށް ގެންގޮސްދޭންވީތަ؟..." ދާރިއަން އަހާލިއެވެ.
"އިޓްސް އޯކޭ... ލިއަމް އަންނާނެ، ދާރިއަން ދާން ބޭނުންވަންޏާ އޯކޭ ދިޔަޔަސް" ހޭޒަލް ހިނިތުންވެލިއެވެ.
"ހޭޒަލް ދާށޭ ބުނެފިއްޔާ ހިނގައިދާނަން، އެކަމަކު ދާހިތަކުންނޫން ދާނީ އިނގޭ" ދާރިއަން ބުންޏެވެ.
"އެހެންވީރު ލިއަމް އަހަރެން ބަލާ އަންނަންދެން މަޑުކޮށްލަންވީނު، ހިނގާ އެއްޗެއް ކާލަމާ، އަހަރެންގެ ޓްރީޓެއް އިނގޭ..." ހޭޒަލް ބުންޏެވެ. އަދި ދުރުގައި ހުރި ވެއިޓަރަކަށް ހޭޒަލް އިޝާރާތްކޮށްލިއެވެ.
ބައިގަޑިއިރޭ ބުނި ލިއަމްއަށް ގުޅުނީ ގަޑިއެއްގެ އިރުވާން އުޅެނިކޮށެވެ. އެ ހުރިހާއިރު ހޭޒަލްއާއެކު ދާރިއަން މަޑުކުރިއެވެ. މިފަހަރު ވެސް އޭނާ ހޭޒަލްއާއެކު ނާދެއެވެ. އޭނާ ރެސްޓޯރެންޓުން ނުކުތީ ލިއަމްއާއެކު ހޭޒަލް ދާހާ އިރުކޮށްފައެވެ.
އެޕާޓްމެންޓަށް ލިއަމްގެ ފަހަތުން ވަނުމާއެކު ހޭޒަލްއަށް ދުވި ގަދަވަހުން ނޭފަތުގައި ހިފަހައްޓާލެވުނެވެ. މެޝިނު ބަހައްޓާފައި ހުރި ބައިގެ ދޮރުފަތް ކަހާލާފައި ހުއްޓާ ފެނުނެވެ. ވަދެގެން އައިސް ސޯފާއަށް އަތްދަބަސް ދޫކޮށްލައި ކޮފީ މޭޒުމަތީ އަތުގައި ހުރި ސާމާނުތައް ބެހެއްޓިއެވެ.
"އެއަރފްރެޝްނާ ޖެހީތަ؟... ހާދަވަރަކަށް ޖަހާލާފަ، އެ ނުޖަހާށޭ ބުނީމެންނު..." ހޭޒަލްގެ ނޭފަތަށްވެފައި ހުރި އުނދަގޫގަ ބުނެލިއެވެ.
"ނުބައިވަސް ދުވާހެން ހީވާތީ ޖަހާލީ، ފާޚާނާ ވެސް ހުންނާނީ ދޮވެދީފަ... ގެސްޓްރޫމުން ވެސް ފީވަސްދުވާހެން ހީވާތީ ބެޑްޝީޓު ވެސް މެޝިނަށްލީ... މިހާރު ހުންނާނީ ނިމިފަހެން ހީވަނީ... ވަރަށް ޑަޔަޑް ވެސް ވެއްޖެ" ލިއަމް ބުނެލިއެވެ.
"ހީވިއޭ ގަނޑެއްގަނެފަހެން ލިއަމްއައީ..." ހޭޒަލް ބަދިގެއާ ދިމާއަށް އައެވެ.
"ވަޓް..." ލިއަމްއަށް ކުއްލިއަކަށް ބުނެވުނެވެ.
"ލިއަމް ފެނިފަ ވަރުބަލިވެފަ ހުރިހެން ހީވި، އެހެންވެ ހިތަށް އެރީ ގޭގަ ކޮންމެވެސް ކަމެއްކޮށްފައޭ އެ އައީ، އެނީވޭސް... އޭރު ކުނި ބޭރުކުރިއިރު އަހަރެން ބުނަން ހަނދާންކޮށްގެން ހުރީ ފާޚާނާ ސާފުކޮށްލަ ދެއްޗޭ، އެކަމަކު ހަނދާންނެތުނީ... ތޭންކްސް އިނގޭ" ހޭޒަލް ވާހަކަދައްކަމުން އައިސް އެއްޗެހި ދޮންނަ ބަޔަށް ވަނެވެ. މެޝިނު ހުޅުވާލިއިރު ގެސްޓުރޫމްގެ ބެޑްސެޓު އޭގައި ހުއްޓެވެ. އޭނާ އެ ނަގައި ހިއްކާ މެޝިނަށް އަޅަން ފެށިއެވެ. ލިއަމް އައިސްއަލަމާރި ހުޅުވާލައި ޖޫސްޕެކެޓެއް ނަގައިން އައިސް އައިލެންޑް ކައިރީ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އެހެން އިންއިރު އޭނާއަށް ހޭޒަލް އުޅޭނޫޅޭ ގޮތް ފެނެއެވެ.
"އަހަންނަށް ފެންނަނީ ބޮޑު ފޮތިގަނޑެއް ހޯދާ އެކޮޓަރީގެ ފަރުނީޗަރުތައް ކަވާކޮށްލާފަ ބަހައްޓަން، ބޭނުންނުކުރާއިރު އެހެން ބެހެއްޓުމުގެ ބޭނުމެއްނެތެއްނު" ހިއްކާ މެޝިނު ޖައްސާފައި އެތަނުން ނުކުމެގެން އައި ހޭޒަލް ބުންޏެވެ.
"އޯކޭ... ފަހުން ދޯ ދެން" ލިއަމް ބުންޏެވެ.
"އެވަގުތު ކޮޅުތެރޭ ތި ހުރިހާކަމެއް ތިކުރީ... ސާފުކޮށްފަ، ކޮފީއަށް އަރާފަ..." ހޭޒަލް އައިސް ލިއަމް ގާތުގައި މަޑުކޮށްލިއެވެ.
"އަހަންނަކީ ކުޅާދާނަ މީހެކޭ" ލިއަމް ހީނލިއެވެ. އެ ހުނުމުގައި ހޭޒަލް ބައިވެރިވެލިއެވެ.
* * * * *
ހޭޒަލް ބަނޑުބޮޑު ތޯ ބެލިތާ ތިން ދުވަސް ފަހެވެ. ލިއަމް އޮފީހަށް ދިއުމުން ޕާމަސީއަށް ގޮސް ޓެސްޓްކިޓު ގަނެގެން އައެވެ. މިފަހަރު ވެސް އޭނާ އައީ ދެތިން ކިޓު ގަނެގެންނެވެ. އެންމެ އެއްޗަކުން ޤަބޫލުކުރަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް މިފަހަރު ވެސް އައީ ކުރީން ފެނުނު ނަތީޖާއެވެ.
"އިޓްސް ލޭޓް... ދެން ކީއްވެ؟... ބްލަޑް ޓެސްޓްކުރަންވީ ކަންނޭނގެ" މާޔޫސްވެފައި ހުރެ ހޭޒަލްއަށް ބުނެވުނެވެ. ހިތްހަމަނުޖެހިފައި ހުރިހެން ޑަސްބިން ތެރެއަށް ޓެސްޓްކިޓުތައް ހޭޒަލް އުކާލިއެވެ. ބަނޑުބޮޑުވާން އޭނާ ނުހަނު ބޭނުމެވެ. ޑަކްޓަރަށް ދައްކަންވީކަމުގެ ޚިޔާލު ސިކުނޑިއަށް ވަނީ އެވަގުތެވެ. މިހާ ދުވަސްވީއިރު ބަނޑުބޮޑު ނުވެގެން އުޅެނީ ކީއްވެތޯ އޭރުން އެނގިދާނޭ ހޭޒަލްގެ ހިތަށް އެރިއެވެ. ލިއަމް ޑަކްޓަރަށް ދާން ބޭނުންނުވަންޏާ ހޭޒަލް އަމިއްލައަށް ގޮސްގެން ވިޔަސް މިވާގޮތެއް އެނގެން އޭނާ ބޭނުމެވެ.
ނަޝާއަށް ގުޅައި ހޭޒަލް އެދުނީ އޭނާއާއެކު ހަވީރު ހޮސްޕިޓަލަށް ޖައްސާލަ ދިނުމަށެވެ. ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުން ނަޝާ ވަރަށް ހާސްވިއެވެ. މައްސަރުކަންތައް މި މަހު މާބޮޑަށް ލަސްވެއްޖެކަމުގައި ހޭޒަލް ބުނުމުން ނަޝާ އުފަލުން ހަޅޭލަވައިގަތް އަޑު އިވުނެވެ. ހޭޒަލްއަށް ވެސް ހީނލެވުނެވެ. ނަޝާ ހުރީ ހޭޒަލްއާއެކު ހޮސްޕިޓަލަށް ދާން ތައްޔާރަށެވެ. ފަހެއް ޖަހާކަން ހާއިރު ނަޝާމެންގެއަށް ދަމުން ހޭޒަލް ގުޅާނަން ކަމަށް ބުންޏެވެ.
އަސުރުން ފައިބައިގެން އައިސް ސޯފާގައި އޮތް ހޭޒަލްއަށް އުނދަގޫތަކެއް ކުރެވޭތީ އޭނާ ތެދުވިއެވެ. ބަނޑާއި އުނަގަނޑުމަތީގައި ހުރި ރިހުން ގަދަވިއެވެ. މަޑުންމަޑުން އައިސް ކޮޓަރި ފާޚާނާއަށް ވަނެވެ. ލޭގެ އަސަރު ފެނުމާއެކު ހޭޒަލްއަށް ފާޑަކަށް ހުއްޓުން އެރީއެވެ. ދަތްކުނޑިވިކާލެވުމާއެކު އޭނާ ދެތުންފަތް ބައްދާ ބާރުކޮށްލިއެވެ. މަޑުތުރުތުރެއް ތުންފަތުން ފާޅުވުމާއެކު ފެނުނީ އެ ދެ ލޯ ފުރިބަންޑުންވާން ފެށިތަނެވެ. ފަހަތަށް ޖެހެވެމުން ގޮސް ފާޚާނާގެ ފާރުގައި ހޭޒަލް ޖެހިއްޖެއެވެ. ހިތް ޝަކުވާއިން ފުރުނެވެ. އޭނާގެ އުންމީދު ފުނޑުފުނޑުވީތީއެވެ. މި ނޫނީ ބަލިވެ އިންކަމަށް އެހާ ބޮޑަށް ޔަގީންކުރެވުނު ފަހަރެއް ނެތެވެ. ދަރިއަކު ނުހަނު ބޭނުންވެފައިވާ އަންހެނާގެ ކެތްތެރިކަން އިމްތިހާން ވެގެންދާއިރު އެއީ ކިހާ ހިތްދަތި ވޭނުން ފުރިގެންވީ އިޙްސާސެއްކަން މިއަދު ހޭޒަލްއަށް ވިސްނުނެވެ. އަންހެނަކަށް ވީތީއޭ ކިޔާފަ ދަރިމައިވުމަކީ ހުރިހާ އަންހެނުންނަށް ލިބިފައިވާ ނަސީބެއް ނޫނެވެ. އެކަމަކު އެކަން ނުވިސްނެނީ ވެސް އަންހެނުންނަށެވެ. އައް އަންހެނަކު އަނެއް އަންހެނާއާ ބައްދަލުވުމުން ދަރިއަކު ހޯދަނީ ކޮންއިރަކުންހޭ އަހާލެވެނީ ވަރަށް އާދައިގެ ކަމެއް ގޮތުގައެވެ. ނަމަވެސް އެ ސުވާލުން އަނެކާގެ ހިތަށް ކުރާނޭ އަސަރާއި އޭނާއަކީ ކިހާ ނުކުޅެދޭ އަންހެނެއްކަން އިޙްސާސް ކޮށްދެވެނީކަމެއް އެއްފަހަރު ވެސް ވިސްނާ ނުލެވެއެވެ. ކައިވެންޏަކަށް ފަހު ދަރިއަކު ބޭނުންނުވާނޭ ދެމަފިރިއަކު ނުހުންނާނެއެވެ. ދަރިއަކު ނެތުމަކީ އެމީހުން ދަރިއަކު ހޯދަން ބޭނުންނުވާ ކަމުގެ ހެއްކެއް ވެސް ނޫނެވެ. ﷲ އިންސާނުންނަށް ބުއްދިދެއްވީ މިފަދަ ކަންކަމާމެދު ވެސް ވިސްނާށެވެ. ދެމަފިރިއެއް ޒާތީކަންކަމާ ސުވާލުކުރުމުގެ ހައްޤު ލިބިފައެއް ނުވެއެވެ. އޭނާ އެފަދަ ކަމަކާ ޚިޔާލު ބަދަލުކޮށްލަން އިސްވެ ނޭދޭހާ ހިނދަކުއެވެ.
ލިއަމް އޮފީސް ނިންމާފައި އެޕާޓްމެންޓަށް ވަންއިރު ސިޓިންރޫމުގައި ޓީވީ ހުޅުވާފައި ހުއްޓާ ފެނުނެވެ. އެހެންނަމަވެސް ހައިރާންކަން ލިބުނީ ކޮޓަރިއަށް ވަންއިރު ރަޖާއަޅައިގެން ހޭޒަލް އެނދުގައި އޮތީމައެވެ. އިރުއޮއްސޭގަޑިއަށް ހޭޒަލް ނިދަން އަރާ ނޯންނޭކަން ލިއަމްއަށް އެނގެއެވެ. އެއާއެކު ލިއަމްގެ ހިތަށް ވަނީ ހޭޒަލްއަށް ކަމެއްވީބާއެވެ. އޭނާ އައިސް ހޭޒަލްގެ މަގަތުން އިށީނެވެ.
"ކިހިނެއްވީ އެނދުގަ ތިއޮތީ..." ހޭޒަލްގެ ބޮލުގައި ފިރުމާލަމުން ލިއަމް އަހާލިއެވެ.
"ކަމެއްނުވޭ" ހޭޒަލް ބުނެލިއެވެ.
"ޒެއްލު... ކޮންމެވެސް ކަމެއްވެއްޖެ، މޫޑީވެފަ ތިއޮތީ" ލިއަމް ބުންޏެވެ.
"ޕްލީޒް ލިއަމް... މިވަގުތު އަހަރެން މިހެން އޮތަދީބާ" ރަޖާގެ ތެރޭ މޫނު ފޮރުވާލަމުން ހޭޒަލް ބުންޏެވެ. ލިއަމްއަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނާ ގަދަކަމުން ހޭޒަލް ނަގަން އުޅުނެވެ. އެއާއެކު ހޭޒަލް ގައިގަ ރިއްސާ ވާހަކަ ބުނެލިއެވެ. ވަރުބަލިވާތީ ޖައްސާލައިގެން އޮތީއޭ ބުންޏެވެ. އެވަރުން ހޭޒަލްއަށް ވީގޮތެއް ލިއަމްއަށް އެނގިއްޖެއެވެ. އަވަހަށް ބޭސްކައިފިންތޯ ލިއަމް އަހާލިއެވެ. ހޭޒަލް ބޯޖަހާލިއެވެ. ހޭޒަލް ހީކުރީ އޭނާ "ޕީރިއަޑް"ވީ ލަހުންކަން އެނގުނީމަ ލިއަމް އެކަމާ މެދު ވާހަކަދައްކާނެ ކަމަށެވެ. ނަމަވެސް ލިއަމްގެ ފުށުން އެއްވެސް ތަފާތެއް ނުފެނެއެވެ. އޭނާ އެއްވެސް ސުވާލެއް ވެސް ނުކުރިއެވެ. އިތުރަށް ހޭޒަލްގެ ހިތަށް ތަދުވީ އެހެންވެއެވެ. އޭނާގެ ފުށުން ދަރިއަކު ލިއަމް ބޭނުންނުވަނީބާއޭ ފުރަތަމަ ފަހަރަށް ހޭޒަލްގެ ހިތަށް އެރިއެވެ.
ނަޝާ ގުޅުމުން ހޭޒަލް ފޯނުކޯލު ނުނެގިއެވެ. އޭގެ ބަދަލުގައި އޭނާ ނަޝާއަށް މެސެޖުކޮށްލީއެވެ. ހޮސްޕިޓަލަށް ދިއުމުގެ ބޭނުމެއްނެތްކަމުގައި ބުނެފައެވެ. ހޭޒަލްއަށް ހިތްވަރު ދިނުގެ ބަސްތައް ނަޝާ ބުނެފައި ޖަވާބު ފޮނުވާލިއެވެ. އަދި ވަގުތު ނުޖެހެނީ ކަމުގައި ވެސް ނަޝާ ބުންޏެވެ.
* * * * *
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ލިއަމްއަށް ޕްރޮމޯޝަން ލިބިގެން އެކަމުގެ ކެއުން ހޭޒަލްމެންގެ އެޕާޓްމެންޓުގައި އޮތެވެ. ލިއަމްގެ އޮފީހުން ވަރަށް ގިނަ މީހުން އައެވެ. ލިއަމްއާ އެންމެ ގާތްކޮށް އުޅޭކަމަށް ހޭޒަލްއަށް ފާހަގަކުރެވިފައި ދެތިން މީހުން އައީ އެ މީހުންގެ އަނބިން ވެސް ގޮވައިގެންނެވެ. މީގެ ކުރީން ވެސް އެމީހުންނާ ހޭޒަލް ބައްދަލުވެފައި ވެއެވެ. އެހެންވެ ދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ. އެންމެން ވެސް އެއްބަސްވާ ކަމަކީ ލިއަމްމެންނަށް އޮފީހަށްވުރެ މުހިންމު ތަނެއް ނޯންނަކަމެވެ.
"މީނައަށް ޒެއްލުއާނުލާ ނޫޅެވޭނެ އިނގޭ، އޮފީހުގަ އިނދެފައި ވެސް ޒެއްލުގެ މޫނު ބަލަން ދާންޖެހޭ ވިއްޔަ" ރަމީޒު ބުންޏެވެ.
"ތިދެން ކޮންވާހަކައެއް..." ލިއަމް ބުންޏެވެ. އަދި ރަމީޒު ގޮވައިގެން ސިޓިންރޫމުގައި ތިބި މީހުން ގާތަށް ލިއަމް ހިނގައިގަތެވެ.
އެންމެން ގެއަށް ގޮސް ނިމުމުން އެޕާޓްމެންޓް ސާފުކުރުމުގައި ހޭޒަލްއަށް ލިއަމް އެހީވާން އުޅުނެވެ. ރަމީޒު ދެއްކި ވާހަކައާ ގުޅޭ ގޮތުން ހޭޒަލް ސުވާލުކުރިއެވެ.
"ލިއަމް އޮފީހުގަ އިނދެފަ ގެއަކަށް ނާންނަމެންނު، ދެން ކީއްވެ އަހަރެންގެ މޫނު ބަލަން ދާންޖެހެޔޭ އެބުނީ" ހޭޒަލް އެއްސެވެ.
"އެއީ... އޭނާ ސަމާސާއަކަށް ބުނި އެއްޗެއް، ވޭޕްކޮށްލަން ނުކުމެހުރެ ފޯނުން ޒެއްލުގެ ފޮޓޯއެއް ބަލަން ހުއްޓާ ފެނިކަން އެކަމާ އަބަދު ދިމާކުރާނެ... އެހެންވެ ބުނި އެއްޗެއްކަމަށްވާނީ" ލިއަމް އަވަހަށް ހަމަޖައްސާލިއެވެ. އިތުރަށް ހޭޒަލް އެއްޗެކޭ ނުބުންޏެވެ.
* * * * *
ވާހަކައެއް ދައްކަން ބޭނުންވެފައި އިން ޒުކަންއަށް ފުރުޞަތު ލިބުނީ ދާރިއަންއާއެކު ސާރާ ނުކުމެގެން ދިޔައީއެވެ. އެގެއަށް ސާރާ އައިސް އުޅުނަސް ޒުކަންއާއި އިބާ އެއްޗެކެ ނުބުނަނީ ކުޑައިރުއްސުރެ ސާރާ އެގެއަށް އައިސް އުޅޭތީއެވެ. ހާނިމްގެ ހުރިހާ ކުދީންގެ ތެރެއިން އެމީހުންނާ ގާތްކަމެއް ބާއްވާ ކުއްޖަކީ ވެސް ސާރާއެވެ.
"އަހަންނަށް ހީވަނީ ސާރާއަށް ދާރިއަން ވަރަށް ކަމުދާހެން" ކާމޭޒު ދޮށުގައި އިނދެފައި ޒުކަން ބުންޏެވެ.
"ސާރާ ދޯ... މަށަށް ވެސް ކަމުދާ ގޮތެއް ހުރޭ... އެކަމަކު ތި ޚިޔާލުކުރާ ގޮތަށް ކަންކަން ނުވެދާނެ އިނގޭ" ސިންކު ކައިރީ ހުރި އިބާ ވާހަކަދެއްކިއެވެ.
"ދާރިއަން އެއްބަހެއްނުވާނޭ... އެހެންނު އިބާ ބުނަން ތިއުޅެނީ" ޒުކަން ބުންޏެވެ.
"އޭނާ ކަމެއްކުރިޔަސް އަހަރެމެންނަށް ވަރަށް ވަގަށް އެކުރަނީ... އައިކު ގޮތެއްނޫން އޭނަ، އައިކުނަމަ ފުރަތަމަ ވެސް އައިސް މަށަށް ފޮޓޯ ދައްކާނެ، ކަމުދޭތޯ އަހާނެ... ދެހަފްތާ ފަހުން ބުނާނެ އެހާ ކަމުދާ ކުއްޖެއްނޫނޭ، މަންމައާ ވެސް އެހާ ގުޅޭނެހެން ހިޔެއްނުވެޔޭ" ކުޑަކޮށް ހިނިއައިސްފަ ހުރެ އިބާ ބުންޏެވެ.
"އެހެންވިޔަސް ހެޔޮ... ވާހަކަދައްކާލަނިކޮށް އެނގިދާނެ ބުނާއެއްޗެއް، އަހަރެމެންނަށް ވެސް ސާރާ ކަމުދަންޏާ އެވާހަކަ ދެއްކުމަކުން ގޯހެއްނެތް، ފަހަރެއްގަ ބުނަން ނުކެރިފަ ދާރިއަން ހުރެދާނެ" ޒުކަން ބުންޏެވެ.
"ހަދާގޮތެއް ބަލަން އަޅެ ބުނެބަލަ" އިބާ ވެސް ޒުކަންއާ އެއްބަސްވީއެވެ.
* * * * *
މެންދުރު ފަހު ވަގުތެކެވެ. ހޭޒަލް ގެއިން ނުކުތީ ކައިރީގަ ހުރި ސުޕަމާކެޓަށް ދާށެވެ. އޭނާއަށް ހުސެން ގޮވާއަޑު އިވިގެން ވަށައިގެން ހޯދާލިއެވެ. މަގުމަތިން ހުސެން ފެންނަން ނެތީމައެވެ. އެއާއެކު މަތި ބަލާލަން ހުސެން ބުންޏެވެ. ހޭޒަލް އިސްއުފުލާލިއިރު މަތީގައި ހުރި ބެލްކަންޏެއްގަ ހުސެން ނުކުމެ ހުއްޓެވެ.
"މަޑުކޮށްލަބާ... ވާހަކައެއް ބުނަންވެފަ އެބައޮތް..." އަތުން މަޑުކުރާށޭ ބުނާހެން ހުސެން އިޝާރާތްކުރިއެވެ. ހައިރާންވެފައި ހޭޒަލް ހުރީ ހުސެންގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އޭނާ ފާރުކައިރިއަށް ޖެހިލާ މަޑުކޮށްލިއެވެ. ގިނައިރެއްނުވެ ދޮރޯށި ހުޅުވާލާފައި ހުސެން ނުކުމެއްޖެއެވެ. އޭނާ އަތުން އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ.
"ޔޫ ގެ ފިރިމީހާ އެއީ ކީއްކުރާ މީހެއް؟..." ހޭޒަލް އައިސް ހުއްޓުމުން ހުސެން އަހާލިއެވެ. ހޭޒަލްއަށް ބަލާލެވުނީ ސުވާލު ނަޒަރަކުންނެވެ.
"ކިހިނެއްވީ؟..." ހޭޒަލް އެއްސެވެ.
"ވަރަށް އެހެންކަހަލަ ކަމެއް ފެނިގެން... ލުކް ބަޑީ... އަހަރެން ބުނަން މިއުޅެނީ އަހަރެންގެ ލޮލަށް ފެނުނު މަންޒަރެއް، ހޭޒަލް ޤަބޫލުކުރާނެކަމެއްނޭނގެ، އަހަންނަކީ ވެސް މާރަނގަޅު މީހެއްނޫންވިއްޔަ" ބޮލުގެ ފުއްކިބަ ކަހާލަމުން ހުސެން ބުންޏެވެ.
(ނުނިމޭ)