ލައިފްސްޓައިލް

ބީރު މީހަކު ތުއްތު ދަރިފުޅާ ކުރި މުއާމަލާތް!

އެމެރިކާގެ ބާސްކެޓްބޯޅަ ޕްރޮފެޝަނަލް އެއް ކަމަށްވާ ރެކްސް ޗެޕްމަން ދާދި ފަހުން ސޯޝަލް މީޑިއާގައި ޝެއާކުރި ވީޑިއޯއަކަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ވީޑިއޯއިން ފެންނަނީ ކަންފަތަށް އިވުމުން މަހްރޫމްވެފައިވާ މީހަކު އޭނާއަށް އަލަށް ލިބުނު ތުއްތު ދަރިފުޅާ ސައިން ލޭންގްއޭޖުން ވާހަކަ ދައްކާ ތަނެވެ.

މިހާތަނަށް މި ވީޑިއޯ 5.8 މިލިއަން މީހުން ބަލާފައިވެ އެވެ. އަދިވެސް ގިނަ ބަޔަކު ދަނީ މި ވީޑިއޯ ބަލަމުންނެވެ. މި ވީޑީއޯ ބެލި ގިނަ ބަޔަކަށް އެންމެ ބޮޑަށް އަސަރު ކުރީ ބައްޕައަކާއި އޭނާގެ އަލަށް އުފަންވި ދަރިފުޅުގެ މެދުގައި މި ކުރެވުނު މުއާމާލާތުގެ އަސަރު ގަދަކަމުންނެވެ.

ސާޅީސް އެއް ސިކުންތުގެ މި ވީޑިއޯގައި ތުއްތު ކުއްޖާގެ ދެލޯ އޭނާގެ ބައްޕައާ އަމާޒުވެފައި ހުރިކަން ގިނަ ބަޔަކަށް ފާހަގަ ކުރެވުނެވެ. ތުއްތު ދަރިފުޅު ގައިގަ ޖައްސާލައިގެން ހުރެ އެމީހާ އަތުގެ އިޝާރާތުން ދަރިފުޅާ ވާހަކަ ދެއްކިއިރު ތުއްތު ކުއްޖާ ބަލަން އޮތީ އެ ހުރިހާ ވާހަކައެއް އެނގޭ ހެން ހީވާ ފަދަ ގޮތަކަށެވެ.

ސައިން ލޭންގްއޭޖަކީ އަޑު ނީވޭ މީހުންނަށް އަތުގެ ހަރަކާތުން ވާހަކަ ދައްކައިގެން ދައްކާ ވާހަކަ އޮޅުން ފިލުވައިދޭ ބަހުރުވަ އެވެ. ބައްޕަ ދަރިފުޅު ދެކެ ވާ ލޯބި ދަރިފުޅަށް ބަޔާންކޮށްދޭ މި މަންޒަރަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައި ވެއެވެ.

ސައިން ލޭންގްއޭޖް އެނގޭ ބައެއް މީހުން ވަނީ ފިރިހެންމީހާ ދެއްކި ވާހަކަ ތަކުގެ ތަރުޖަމާ ވެސް ހިއްސާ ކޮށްފަ އެވެ.

"... އަހަންނަކީ ދަރިފުޅުގެ ބައްޕަ. ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. ދަރިފުޅަކީ ވަރަށް ރީތި އަންހެންކުއްޖެއް. ދަރިފުޅުގެ ލޮލުގައި ހުރީ ވަރަށް ރީތި ކުލައެއް. އެންމެ ވިދާ ފެހިކުލަ. ދަރިފުޅުގެ ހިނިތުންވުން ވެސް ހާދަ ލޯތްބޭ. އައި ލަވް ޔޫ. ދަރިފުޅަކީ ހަމަ ލޯބިކޮޅެއް. މި ރަޖާގަނޑުން ދަރިފުޅަށް ހޫނު ލިބޭނެ،" ޖުމްލަކޮށް އެ ބައްޕަ ބުނީ މިހެން ކަމަށް މި ވާހަކަތައް ތަރުޖަމާކޮށްދިން މީހެއްގެ ކޮމެންޓްގައި ލިޔެފައި ވެއެވެ.

އެހެން މީހެއްގެ ކޮމެންޓްގައި ލިޔެފައި ވެއެވެ. "ބޮޑެތި މީހުން ހުވަފެނަކުން ވެސް ނުދެކޭހާ މިންވަރަށް މި ތުއްތު ފުރާނައަށް އެނގޭނެ. އަހަރެން އުފަންވެ މުސްކުޅި އުމުރަށް ދާންދެން ދުނިޔޭގައި ތިބެއްޖެނަމަ އަހަރެމެންނަށް ކޮންމެވެސް ވަރަކަށް ކަންކަން އެނގުނު ނަމަވެސް ތުއްތު ކުދިން އުފަންވާއިރު އެ ތުއްތު ފުރާނައިގެ ބަހުރުވައެއް އަހަރެމެންނަކަށް ނޭނގޭ."