އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއަށް އެންމެ ބޮޑު ހުކުމެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.
އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފަ އެވެ.
ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދީބާއެކު ވެވުނު އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރައްވައިފަ އެވެ.
އެގޮތުން، ގުޅިގެން ހިންގޭ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން، ހިޔާނާތާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަކުރުމާއި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ފުލުހުންނަށް ދިނުމަށް އަދީބު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އަދީބާއެކު ހެދި ޑީލްގެ މައިގަނޑު ނުކުތާތައް
- އެނގިހުރި ހުރިހާ މައުލޫމާތު ހާމަކުރުން
- ދެމެހެއްޓެނެވި އެއްބާރުލުން ދިނުން
- އިއުތިރާފުވެ ތަހުގީގުގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުން
- ލިޔެކިޔުންތައް ކިޔައި ދިނުން
- މަންފާ ލިބުނު މީހުންގެ ތަފްސީލްތައް ހާމަކުރުން
- އެ ފައިސާއިން އަދީބަށް ލިބިފައިވާ މުދަލާއި ތަކެތި ދައުލަތާ އަނބުރާ ހަވާލުކުރުން
- ބޭރަށް ފުރައިގެން ނުދިޔުން
- ހުކުމް ކުރަން ނޫނީ ފިޔަވަޅު އަޅަން ދިން ފައިސާ ހާމަކުރުން
- ހަދިޔާތަކާއި ސްޕޮންސާޝިޕްގެ ނަމުގައި ފައިސާ ދިން ފަރާތްތައް ހާމަކުރުން
- އަތުގައި ހުރި ހުރިހާ ހެއްކާއި ގަރީނާ ހާމަކުރުން
އަދީބުގެ އެއްބާރުލުމުގެ ބަދަލުގައި ދައުލަތުގެ ފަރާތުން އަދީބަށް ލުއިތަކެއް ދޭން އެއްބަސްވެފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
"އަދީބަށް ދޭނެ ލުއިތަކެއް އެއްބަސްވުމުގައި ވާނެ. އެ ހަތް ދައުވާ ވެސް ކޮށްފައިވަނީ އެ އެއްބަސްވުމުގެ ދަށުން. އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް އެއްބަސްވެފައިވޭ،" ރިޔާޒް ހާމަކުރެއްވި އެވެ.
މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާއެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރި އެވެ.
އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށްދާއިރު އެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާ ބަހައްޓާފައި ހުރީ ގޭބަންދުގަ އެވެ.
އަދީބުގެ މައްޗަށް ހިޔާނާތުގެ ހަތް ދައުވާތައް އުފުލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އިންޑިއާއަށް ފިލައިގެން ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ރާއްޖެއިން ފިއްލަވަން މަސައްކަތް ކުރެއްވީ ވަކި ބަޔަކާ ދެކޮޅަށް ބަޔާން ދޭތީ އިންޒާރުތައް އަންނަ ކަމަށް ވިދާޅުވެ އެވެ.
އަދީބު ވަނީ ފިލި މައްސަލާގައި ކުށަށް އިއުތިރާފުވެ މާފަށް އެދިވަޑައިގެންފަ އެވެ. އެހެންވެ އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ބައްލަވާ ފިލި މައްސަލާގައި އަދީބަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބު ވަނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުންދީ އޭގައި ޝާމިލްވި ފަރާތްތަކަށް ހާމަކުރުމަށެވެ. އަދީބު ފިއްލެވިއިރު ވެސް އެ އެއްބަސްވުމުގެ ދަށުން އޭނާ ގެންދެވީ މައުލޫމާތުތައް ފޯރުކޮށްދެއްވަމުންނެވެ.
އިންޑިއާއަށް ނާރުވައި އަދީބު ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުން އަދީބުގެ ރާގު ބަދަލު ކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތާއެކު އެއްބާރުލުން ދިނުމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އިންޑިއާގެ ބަނދަރުގައި ހުންނަވަނިކޮށް ބޭރުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ.