ހަބަރު

މަރު ކޮމިޝަނުން މީހަކު ހޯދަން އިއުލާން ކޮށްފި

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން މީހަކު ހޯދުމަށް އާއްމުންގެ އެހީ އަށް އެދިއްޖެ އެވެ.

މަރު ކޮމިޝަނުން މިއަދު އިއުލާން ކުރި ފޮޓޯގައި ބުނެފައިވާ ގޮތުން މ. ކުރިރުއްގެ އިރުފާން ރުޝްދީ އަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އަދި ނުފެނިގެން ހޯދުމަށް އިއުލާން ކޮށްފައިވާ އިރުފާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

އެ މީހަކީ ކޮން މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމެއް ކޮމިޝަނުން ނުބުނެ އެވެ.

އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގެ ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.

މަރު ކޮމިޝަނުން ގެންދަނީ ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން އެންމެ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ބޮލްގާ ޔާމީން ރަޝީދު އަދި ބޯޓު ކެޕްޓަނެއް ކަމަށްވާ އަނަސް މަރާލި މައްސަލަ އެވެ.