އެންމެ ފަހުން ކުޅެން އޮތް ދެ މެޗު ނުކުޅެ ދޫކޮށްލި ވިކްޓަރީ ސްޕޯޓްސް ކުލަބުން މައްސަލަ ތަކުރާރު ކުރުމުން އެ ޓީމަށް ދިން އަދަބު އެފްއޭއެމުން ބޮޑު ކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގްގައި އެންމެ ފަހުން ކުޅެން އޮތް ދެ މެޗު ކަމަށްވާ، ށ. ފޯކައިދޫ އަދި ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމަ ނުކުރެވުނެވެ. އެ މައްސަލަ އެފްއޭއެމްގެ ޑިސްޕލިނަރީ ކޮމިޓީން ބެލުމަށް ފަހު ނިންމި ގޮތް މީޑީއާއަށް ހާމަ ކުރުމަށް އެފްއޭމުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ދިވެހި ޕްރިމިއާ ލީގްގެ 2019 ގެ ގަވާއިދުގެ 11.4 މާއްދާއަށް ރިއާޔަތް ކުރުމަށް ފަހު އެފްއޭއެމްގެ ޑިސޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުށް ތަކުރާރު ކުރުމުން 50 ޕަސަންޓް އިތުރުވާ ގޮތުގެ މަތިން ވިކްޓަރީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ރިޕޯޓްގައި ހިމަނާފައި ނުވެ އެވެ.
ލީގްގެ ފުރަތަމަ ބުރުގައި ކުލަބު ގުރީން ސްޓްރީޓާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީގެ ޓީމު ހާޒިރު ވެފައެއް ނުވެ އެވެ. އެ މެޗު ދޫކޮށްލުމުން، ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ ގުރީން ސްޓްރީޓަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ދިނުމަށް ފަހު ވިކްޓަރީ 40،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ބެލެވޭ ގޮތުގައި، އެންމެ ފަހުން ކުޅެން އޮތް ދެމެޗު ދޫކޮށްލުމުންވެސް ފޭސް ވެލިއުގެ ޖޫރިމަނާގެ އަދަކީ 40،000 ރުފިޔާ އެވެ. އެއަށް 50 ޕަސަންޓް އިތުރު ކުރުމުން ކޮންމެ މެޗަކަށް ޖޫރިމަނާގެ ގޮތުގައި 60،000 ރުފިޔާ ވިކްޓަރީ ދައްކަން ޖެހޭނެ އެވެ. އެހެން ކަމުން ދެ މެޗު ދޫކޮށްލުމުން ޖޫރިމަނާގެ ގޮތުގައި 120،000 ރުފިޔާގެ ޖޫރިމަނާއެއް ވިކްޓަރީ އަންނާނެ އެވެ.
ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް އެ ޓީމުގެ އެންމެ އިސްވެރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. މިދިޔަ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ މުބާރާތުގައި ވިކްޓަރީގެ ބައެއް ކުޅުންތެރިން ޒުވާން ގައުމީ ޓީމުގައި ހިމެނޭތީ ޓީމު ހަމަ ކުރުމުގައި ގޮންޖެހުން ހުރި ކަމަށް އެ ޓީމުން ބުންޏެވެ. ގައުމީ 19 އަހަރުން ދަށުގެ ޓީމު މުބާރާތް ނިންމާފައި މާލެ އައިތަންވެސް މިހާރު 15 ދުވަސް ވެއްޖެ އެވެ.
ލީގްގައި، މިރޭ ވިކްޓަރީ ނުކުންނާނީ ފ. ނިލަންދުއާ ދެކޮޅަށެވެ. މިރޭގެ މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމަވާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.