ދިވެހި ފިލްމަށް މީހުން ނުދާ ސަބަބެއް އޮވެ އެވެ. އެއީ އެ ފިލްމެއް ތަފާތުނުވާނެ ކަމާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި މީހުން އުފައްދާ ފެންވަރާ އަޅާ ކިޔާލެވޭ ފެންވަރުގެ ފިލްމަކަށް ނުވާނެކަން އެނގޭތީ އާއި އާންމުކޮށް ދިވެހިން މި ބަލާ ހޮލީވުޑް ނުވަތަ ބޮލީވުޑްގެ ފިލްމެއްހާ ރީތި ފިލްމަކަށް އެ ފިލްމެއް ނުވެދާނެތީ އެވެ.
ދެން މި އޮތީ ދިވެހި ފިލްމެއް ބަލަން ޖެހޭ ސަބަބެކެވެ. އެއީ "މިކޮއެ ބައްޕަ ބައެ ބައެ" އެވެ.
ޑައިރެކްޓަރު ރަވީ ފާރޫގް އާއި ސްކްރީންރައިޓަރު މަހުދީ އަހުމަދު "އިނގިލި" އޭ ކިޔުނު ފިލްމެއް 2013 ވަނަ އަހަރު ގެނެސްދިނެވެ. "މިކޮއެ ބައްޕަ ބައެ ބައެ" އަކީ "އެކްސްޕެރިމެންޓެއް" ގެ ގޮތުގައި ލޭބަލްކުރިޔަސް ފްލޮޕެއްގެ ގޮތުގައި މަޝްހޫރުވި އެ ފިލްމުގެ ދެ ވަނަ އިންސްޓޯލްމެންޓެވެ.
މަހުދީ އާއި ރަވީގެ ވިސްނުން ހުރީ އެމީހުންގެ މި އެކްސްޕެރިމެންޓް ސިލްސިލާގައި ތިން ފިލްމެއް އުފެއްދުމަށެވެ. ޖުމްލަ ގޮތެއްގައި މުޅި ފިލްމުގައި އެންމެ ސެޓިންއެއް ދައްކުވައިދީގެން ދެ ތިން މެއިން އެކްޓަރުން ބޭނުންކޮށްގެން ތަފާތު ތިން ތީމެއްގެ، ތިން ވާހަކައެއްގެ، ތިން ފިލްމު އުފައްދާށެވެ.
އެގޮތުން "އިނގިލި" ގެ ވާހަކަ އެ މީހުން ނިންމާލީ ފާޑުކިޔުންތެރިންގެ އަނގަމަތީގައި އިނގިލި އެޅުމަށް ފަހު އެވެ. ދެން މި އޮތީ "މިކޮއެ ބައްޕަ ބައެ ބައެ" ގެ ވާހަކަ އެވެ.
މުސްކުޅި ނާނާއެއްގެ ނަމުން ނަން ދީފައި އޮތަސް ނާނާއެއް އަޑުއިވިގެން ނިދިބޮޅަށް ވެއްޓޭ ގޮތަށް މި ފިލްމުގެ އޯޑިއެންސް ނިދިޖެހިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި މި ފިލްމު ބެލުމަށް ފަހު ނާނާއަކަށް ނިދަން ނުވަތަ ނާނާއަކަށް އަމިއްލަ ދަރިފުޅު ނިންދަވަން ވެސް ބައެއް މީހުން ބިރުގަތުން އެކަށީގެންވެ އެވެ.
ސަބަބަކީ "އިނގިލި" އިން ގެނެސްދިން ތްރިލް އޭގެ ދެ ގުނަ އިތުރުކޮށްލައިގެން މަހުދީ އާއި ރަވީ މިފަހަރު ގެނެސްދީފައި އޮތީމަ އެވެ.
މިއީ ފިރިމީހާ ދެކެ އިންތިހާ އަށް ލޯބިވާ އަންހެނަކާއި ދަރިފުޅު ހިމާޔަތްކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުންނަ މަންމައެއްގެ ވާހަކަ އެވެ. އަދި ތިމަންނަ އަކީ ކާކުކަން އެންމެ ރަނގަޅަށް ބުނެދޭން ނޭނގޭ ފިރިހެނެއްގެ ވާހަކަ އެވެ.
ފިލްމުގައި ދައްކުވައިދޭ އެކަހެރި ގެއެއްގައި ދިރިއުޅޭ އަންހެން މީހާ އާއި ފިރިހެން މީހާގެ ވާހަކަ ބެލުންތެރިންގެ ލޯމައްޗަށް ފިލްމުގައި ގެނެސްދީފައިވާ ގޮތަކީ މިއީ އެވެ.
މި ދެ ރޯލް ކުޅެނީ ރިޝްމީ އާއި މަނިކު އެވެ. ފިލްމުގައި ދެ މީހުންނަށް ދެ ނަމަކުން މުހާތަބުކުރެވެ އެވެ. ރިޝްމީ އަށް ނިޝާ އަދި ޝިފާގެ ނަމުންނެވެ. މަނިކު އަށް ފަޒީލް އަދި ސަލީމްގެ ނަމުންނެވެ.
މިހެން ވަނީ ފިލްމުގައި މަނިކު ކުޅެފައިވާ ކެރެކްޓާ އަކީ ހަނދާން ނެތޭ ބަލި ޖެހިފައިވާ މީހަކަށް ނުވަތަ ޕޯސްޓް ޓްރޯމެޓިކް އެމްނީޒިއާ ހުންނަ މީހެއް ކަމަށް ދައްކުވައިދީފައިވާތީ އެވެ.
ދެން ފެނިގެން ދަނީ ހަގީގަތް ހޯދުމަށް އަދި ފަޒީލް އަކީ ކާކުކަމާއި ސަލީމް އަކީ ކާކުކަން ހޯދުމަށް ފިލްމުގެ ޕްރޮޓޭގަނިސްޓް ކުރާ މަސައްކަތުގެ ތެރެއިން އަދި މާ ފުން ވަޅުގަނޑެއްގެ ތެރެއަށް އޭނާ ވެއްޓިގެންދާ ގޮތެވެ.
މީގައި އެންމެ މޮޅީ އޭތި ފިލްމެއްގެ ގޮތުގައި ގަތައިފައި އޮތް ގޮތެވެ. މި ފެންވަރަށް އޭގެ ހުށަހެޅުން ތަރައްގީކޮށްފައިވާ އެހެން ފިލްމެއް ދިވެހި ސިނަމާއިން މީގެ ކުރިން ފެނިފައެއް ނުވެ އެވެ. ޔަގީނަށް ވެސް އޭތި ނިސްބަތްވާ ޖޮންރާ އަށް ބަލާއިރު މިއީ މި ކޮލިޓީގެ ފުރަތަމަ ދިވެހި އުފެއްދުމޭ ބުނެވިދާނެ އެވެ.
"މިކޮއެ ބައްޕަ ބައެ ބައެ" އަކީ އޭގައި ނިކަން ހާމަކަން ބޮޑު ޕްލޮޓަކާއި ނިކަން ރަނގަޅަށް، ވިސްނުންތެރިކަމާ އެކު ފޮރުވާފައިވާ ޕްލޮޓެއް ހިމެނޭ ފިލްމެކެވެ. މިސާލަކަށް އެހެން ގޮތަކަށް ބުނަނީ ނަމަ ފިލްމު ލިޔެފައި އޮތީ އޭގެ އެކި ހިސާބުތަކުގައި މައިނުތައް ވަޅުލައިގެންނެވެ.
ކުރިއަށް ފިޔަވަޅު އަޅަމުންދާއިރު މި ދެވެނީ ކޮން ދިމާލަކަށް ކަމެއް ނުވަތަ ފިޔަވަޅު މި އެޅެނީ ނުރައްކަލެއްގެ މަތީގައި ކަމެއް ބެލުންތެރިޔާ އަށް އަދި ފިލްމުގެ ޕްރޮޓޭގަނިސްޓަކަށް ވެސް އިހްސާސެއް ނުކުރެވޭހާ މޮޅަށެވެ. ފިޔަވަޅެއް އަޅާލެވޭ ގޮތަކުން ޕްލޮޓުން ތަންގަނޑެއް ގޮވައިގެން ދަނީ އެވެ.
މަހުދީގެ މި ސްކްރީންޕްލޭ ތަންފީޒުކުރަން ރަވީ އާއި ކެމެރާމަން އަލީ ޝިފާއު އަދި އެމީހުންގެ އެކްޓަރުން ކޮށްފައިވާ މަސައްކަތާ ނުލައި މި ފިލްމަށް މި ކޮލިޓީ ނުލިބޭނެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.
ފާހަގަކޮށްލަން ޖެހެނީ މި ޓީމުގެ ހުނަރެވެ. މިއީ ކޮލިޓީ ސާބިތުކޮށްދީފައިވާ ޓީމެކެވެ. މަހުދީ އާއި ރަވީ އެމީހުންގެ ކޮލިޓީ ދެއްކީ "އިނގިލި" އިންނެވެ. ކެމެރާމަނަކަށް ވެސް އަދި ޑައިރެކްޓަރަކަށް ވެސް ފައްކާ އަލީ ޝިފާއުގެ ކުރީގެ މަސައްކަތްތަކަށް ބަލާއިރު "ހޭލާ" އާއި އިހަކަށް ދުވަހު ބޮޑު ކާމިޔާބީއެއް ހޯދި "އެންމެ ފަހު ވިންދާ ޖެހެން ދެން" ފާހަގަކޮށްލެވެ އެވެ.
ދެން މި ތިބީ ފިލްމުގެ އެކްޓަރުންނެވެ. ރިޝްމީ އަކީ އެއްވެސް އިރެއްގައި އަޅުގަނޑަށް ކަމުދިޔަ އެކްޓިންއެއް ފިލްމެއްގައި ދެއްކުނު ބަތަލާއެއް ނޫނެވެ. ނަމަވެސް ރިޝްމީގެ ވީޑިއޯ ލަވައަކަށް މީހަކު ފޫހިނުވާ ވަރަށް އޭނާ ނަށައިދޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮވެ އެވެ.
އެހެންވީމަ އަޅުގަނޑަށް އަބަދުވެސް ވިސްނިފައި އޮތީ ރިޝްމީ އަކީ "ވީޑިއޯ ލަވަ" ކޮލިޓީގެ އެކްޓްރެސްއެއް ކަމަށެވެ. ފަހަރެއްގައި މި ފިލްމަކީ އެ ހިޔާލު ބަދަލުކުރަން މަޖުބޫރުކުރުވާ ފިލްމެކެވެ.
ރިޝްމީއާ އެކު މި ފިލްމުގައި ދެން ވެސް މި އުޅެނީ ދިވެހި ސިނަމާގެ ފެވަރިޓެއް ނޫނެވެ. ދިވެހި ސިނަމާގެ "ސުޕަސްޓާރުންނަކީ" ކޮން ބައެއްކަން އެންމެނަށް އެނގޭނެ އެވެ. އަދި މުހައްމަދު މަނިކު އަކީ ހުނަރުގެ ގޮތުން ކިތަންމެ މައްޗަށް އަރައިގެން ގޮސްފައިވީ ނަމަވެސް އެ އެކްޓަރެއްގެ އަގު އެންމެ ފުންމިނުން މިހާތަނަށް ވަޒަންކުރެވިފައިނުވާ އެކްޓަރެއްކަން ފާހަގަކޮށް މި ވާހަކައެއް ނިންމާލަމާ ހިނގާށެވެ.
އޭ އާރް ރަހްމާނާ އެއްވަރުކުރީމަ ބައެއް މީހުން މަލާމާތްކޮށްފާނެ އެވެ. ނަމަވެސް އިކްރާމްގެ ހުނަރުވެރިކަމާއި ދިވެހި ސިނަމާގައި އޭނާ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ރަނގަޅަށް ދިރާސާކޮށް ބަލައިފި ނަމަ ރާއްޖޭގެ ބޮޑު ސްކްރީނުގެ އެންމެ މޮޅު ކޮމްޕޯސަރަށް އިކްރާމް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
މި ފިލްމުގެ މޮޅުކަމުގެ ފަހަތުގައި ރަވީ އާއި މަހުދީ އާއި އަލީ ޝިފާއުގެ ހިއްސާ އޮތްވަރަށް އިކްރާމްގެ ވެސް ހިއްސާއެއް މީގައި އެބައޮތެވެ.
މި ފިލްމު ފެށިގެން އަންނަނީ މަނިކު ކުޅެފައިވާ ކެރެކްޓާ (ފަޒީލް) ކޮޓަރިއެއްގެ ތެރެއަށް ހޭލެވޭ ހިސާބުންނެވެ. މި ކޮޓަރިއަކީ އޭނާއާ ބީރައްޓެހި ކޮޓަރިއެކެވެ.
ދެން އޭނާއާ ބައްދަލުވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްގެން ހުންނަ ޝިފާއާ އެވެ. މިއީ ރިޝްމީ ކުޅެފައިވާ ކެރެކްޓާއެވެ. މި އަންހެން މީހާ ބުނާ ގޮތުން އޭނާ އަކީ ފަޒީލްގެ އަނބިމީހާ އެވެ. އަދި ފަޒީލް އަކީ އެކްސިޑެންޓަކަށް ފަހު ސިކުނޑި އަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ހަނދާނަށް ގޮތެއްވެފައިވާ ބަލި މީހެކެވެ.
މިއީ އަޅުގަނޑު ދެންނެވި ފިލްމުގެ މަތީ ފަށަލާގައި އަޅާލާފައިވާ ޕްލޮޓް ލައިނެވެ. ނަމަވެސް ފިލްމުން ފީޑްކޮށްދޭ މި ޕްލޮޓަށް ފަރުވާ ބަހައްޓައިގެން ކުރިއަށް ގެންގޮސްފި ނަމަ މިއީ ހަމަ ދައްކާލުމެއްކަން ފާހަގަކުރެވޭނެ އެވެ. ނުވަތަ އެންމެ ފުރަތަމަ ހީވާނީ ޕޯސްޓް ޓްރޯމެޓިކް އެމްނީޒިއާ ހުންނަ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ބަލާފައި މި ފިލްމު ވަރަށް ހަމަނުޖެހޭ ކަމަށެވެ.
އަޅުގަނޑަށް އެންމެ ފުރަތަމަ ހީވީ އެހެންނެވެ. އެއީ ޕޯސްޓް ޓްރޯމެޓިކް އެމްނީޒިއާ ހުންނަ މީހެއްގެ ފަރާތުން ފެންނަން ޖެހޭ ސިފަތަކަށް ފަޒީލްގެ ކެރެކްޓާ ސެޓްނުވާތީ އެވެ.
ކޮންމެއަކަސް މިހެން އިރުގަނޑެއްވުމަށް ފަހު ދެން ގޮވާ ބޮންތަކާ އެކު ފިލްމުގެ އަސްލު ޕްލޮޓް ހާމަވާން ފަށަނީ އެވެ. ފަޒީލް އަކީ ޝިފާގެ ފިރިމީހާ ނޫންކަން އެނގި އަދި ޝިފާ އަކީ ޝިފާއެއް ނޫންކަން އެނގޭ ހިސާބުން ދެން މީހަކަށް ގޮނޑީގައި ހަމައެއްނުޖެހިލެވެ އެވެ. އަނެއްކޮޅުން ފިލްމުގައި ކުއްޖެއްގެ ގޮތުގައި ޝިފާ ނުވަތަ މި ކެރެކްޓާގެ އަސްލު ނަމުން ނަމަ ނިޝާ، ގެންގުޅެނީ އަސްލު ކުއްޖެއް ނޫންކަމާއި އެއީ ބުދެއްކަން އެނގޭ ހިސާބަކީ ވެސް ގައިން ހީބިހިނަގައިގެންދާ ހިސާބެކެވެ.
ފިލްމު ނިމިގެންދާ ގޮތުން ނާނާ އާއި ކުޅޭކުޅޭ ބުދާއި ތުއްތު ކުދިންގެ ރުއިމުގެ ތޫނު އަޑާ ކުރިމަތިލާން ބައެއް މީހުން ބިރުގެންފާނެ އެވެ. އަދި ރަށަކަށް ގޮސް އުޅެނިކޮށް ފެންނަ އެކަނިވެރި އަންހެނެއްގެ ފަރާތުން އަރާމެއް ލިބިގަތުމަށް ވެސް ބައެއް ފިރިހެނުން ފަސްޖެހުން އެކަށީގެންވެ އެވެ.
އެކްޓަރުންގެ ވާހަކަ ދެއްކިއިރު މި ފިލްމުގައި ކުޑަކުޑަ ރޯލަކުން ފެނި ގެއްލިގެން ދިޔަ އަލީ ވަހީދުގެ ވާހަކަ އަދި މި އޮތީ ނުދެއްކި އެވެ. އޭނާ ފިލްމުން ފެންނަނީ އޭގެ ވަރަށް ފަހުންނެވެ. ބެލުންތެރިންނާ ބައްދަލުކުރަނީ ރިޝްމީގެ ކެރެކްޓާ (ނިޝާ/ޝިފާ) ގެ ރުންކުރު އަދި އަނިޔާވެރި ފިރިމީހާގެ ގޮތުގަ އެވެ.
އޭނާ ފެނިގެން ދަނީ ދެމަފިރިންގެ ޒުވާބެއްގެ ތެރެއިންނާއި ބަލިވެ އިންނަ އަނބިމީހާގެ ބަނޑުގައި ކޮޅުފައިން ޖަހާލާފައި ހޫރިގެން ދާ މަންޒަރަކުންނެވެ.
މި ރޯލަކުން އަލީ ވަހީދު ފެނުމުން ފިލްމުގައި ދެން ތިބި އެހެން އެކްޓަރުންގެ މަތިން ބެލުންތެރިޔާ ހަނދާންނައްތާލަ އެވެ. އަލީ ވަހީދުގެ މި ޕާފޯމެންސެއް ކިތަންމެ ކުރު ނަމަވެސް އޭގެ ބާރު އެހާ ވެސް ގަދަ އެވެ.
އެކްޓަރެއްގެ ގޮތުގައި އަލީ ވަހީދަނީ އަބަދުވެސް މި ކޮލިޓީ ނެރޭ ފަރާތެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. މިސާލަކަށް މޫމިން ފުއާދުގެ "ލޫދިފާ" ގައި މި އެކްޓަރު އަދާކޮށްފައިވާ ރޯލަކީ ވެސް މި ދެންނެވި ކަހަލަ އާދަޔާހިލާފު ޕާފޯމެންސެކެވެ. ފިލްމުތަކުން ފެނުމުގެ ކުރިން އޭނާގެ މި ހުނަރުވެރިކަން ދައްކަމުން ގެންދިޔައީ ޓީވީ ޑްރާމާ އާއި އޮފީސް ޓެލެ ޑްރާމާ މުބާރާތުގަ އެވެ.
ފިލްމުގެ އަނެއް ބޮޑު މަންޒަރަކީ ރިޝްމީގެ ކޮނޑަށް މަނިކު ލައިގެން ސިޑިއަކުން މައްޗަށް އަރައިގެންދާ ސީން އެވެ. އެކްޓަރެއްގެ ގޮތުގައި ރިޝްމީގެ "ބާރުގަދަކަން" ކުރިން ފެނިފައި ނެތަސް މިފަހަރު އޭނާ މި ވަނީ އެކަން ވެސް ދައްކާލައިފަ އެވެ.
ކޮންމެ ފިލްމެއްގައި ވެސް ހުންނާނެ އެވެ. ނަމަވެސް މިއީ އޭގެ ގޯސް ކަންތަކަށް ވުރެ ރަނގަޅު ކަންކަމަށް ފާހަގަކޮށްލެވުނު ފިލްމެކެވެ.
ނަމަވެސް ފިލްމުގެ ކަމުނުދިޔަ ސިފަތަކެއްގެ ވާހަކަ ދައްކާ ނަމަ ފިލްމުގެ ފުރަތަމަ ވިއްސަކަށް މިނެޓްގެ ފޫހިކަން ފާހަގަކުރެވިދާނެ އެވެ. ފިލްމުގައި ދައްކުވައިދޭ "ވާނުވާ ނޭނގޭ" މެއިން ކެރެކްޓާ އަށް ފިލްމުގެ މި ފެށުން ކިތަންމެ ހައިރާންކުރުވަނިވި އަދި ޝައުގުކުރުވަނިވި ފެށުމަކަށް ވިޔަސް އެ ކެރެކްޓާ އަށް މި ފެށުން އިހްސާސްކުރެވުނު ގޮތަށް ބެލުންތެރިންނަށް އިހްސާސްކުރެވުނުހެނެއް ހީއެއް ނުވެ އެވެ.
އެހެން ގޮތަކަށް ބުނަނީ ނަމަ ފިލްމުގެ ފުރަތަމަ ވިއްސަކަށް މިނެޓްގައި މަނިކުގެ ޖިންސު ބާލައިގެން ޖިންސުލުން ފިޔަވައި އިތުރު މާ ބޮޑު ކަމެއް ނުހިނގަ އެވެ.
ފެށުން އެއަށް ވުރެ ވަރުގަދަ ކުރެވުނީސްކަން ޔަގީނެވެ.
އަނެއް ކަމަކީ ފިލްމުގެ ވީޑިއޯ ކޮލިޓީ އެވެ. ވަކިން ހާއްސަކޮށް އަނދިރި ނުވަތަ ރޭގަނޑުގެ ގޮތުގައި ދައްކުވައިދީފައިވާ މަންޒަރުތަކުގެ ހަމަހަމަކަން ގެއްލި ބައެއް ފަހަރަށް ލައިޓިން އެންމެ ފުރިހަމަ ނޫންކަން ފާހަގަކުރެވުނު މަންޒަރުތަކެއް ދިޔަ އެވެ.
އެކަމަކު ވެސް ދިވެހި ފިލްމެއް ބަލަން ޖެހޭ ނަމަ، "މިކޮއެ ބައްޕަ ބައެ ބައެ" އަކީ އޭގެ އެއް ސަބަބެވެ. އަނެއް ސަބަބަކީ "ރަވީ އާއި މަހުދީ" ކަން އެމީހުން މި ވަނީ ސާބިތުކޮށްދީފަ އެވެ.