ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ދިވެހިން ހަނގުރާމަތަކަށް ފޮނުވާ ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.
ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ބޭރު ގައުމުތަކުގައި ހިނގާ ހަނގުމަތަކަށް ދިވެހިން ފޮނުުވައި އެ ފަދަ ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ބުނެ ފުލުހުން މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން މިއަދު ބުނީ އެ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހަައްޔަރުކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި ދިވެއްސެއް ކަމަށްވާ މުހައްމަދު އަމީން އެވެ. އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އޭނާ ހައްޔަރު ކުރަމުން އުޅުމުން އޭނާ ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އޭނާ ހޯދަން އިންޓަޕޯލް ނޯޓިސް ވެސް އޭރު ނެރުނެވެ.
ފަހުން ލަންކާއިން އޭނާ ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. އެއީ 2012 ވަނަ އަހަރުގަ އެވެ.