މަންމަގެ މަސައްކަތަކީ ބުރަ ވަޒީފާއެކެވެ. މަންމައަކު ވިސްނަންޖެހޭ ވަރަށް މާ ގިނަ ކަންތައް ހުންނާތީ އެވެ. ގޭގައި ކުރަންޖެހޭ މަސައްކަތުގެ އިތުރުން ވަޒީފާއަކަށް ދާ މީހެއްނަމަ އެކަމާ ވެސް ގިނަ މަންމައިން ބޯގާނަން ޖެހެ އެވެ.
މަންމައިންގެ ގުރުބާނީ ވަޒަންކުރަނީ އަދި އެކަމާ ޝުކުރުވެރިވަނީ މަދު ދަރިއެކެވެ. އިންޑިއާގެ މައިސޫރަށް އުފަން މި ފިރިހެން މީހާއަކީ މަންމަގެ ގުރުބާނީގެ އަގު ވަޒަން ކުރުމުގައި ލާމަސީލު ނަމޫނާ އެކެވެ. އަދި އޭނާ މަންމައަށް ކޮށްދިން ކަންކަމުގެ ފޮނި މޭވާ ލިބުނީ ވެސް އެހާމެ ފުރިހަމައަށެވެ.
ޑީ ކްރިޝްނާ ކުމާރު ނަމަކަށް ކިޔާ 39 އަހަރުގެ މި ފިރިހެންމީހާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑީއާގައި ވައިރަލް ވެފައިވާއިރު މި ވީޑިއޯގައި ކްރިޝްނާ ބުނަނީ އޭނާގެ 70 އަހަރުވީ މަންމަ މީގެ ކުރިން ދުވަހަކު ވެސް ގެއިން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. އޭނާގެ ބައްޕަ އާއިލާގައި ގިނަ އަދަދެއްގެ މީހުން ތިބުމާއެކު މަންމަ މުޅި އުމުރު ހޭދަކޮށްފައި ވަނީ އިރު އެރީއްސުރެ އިރު އޮއްސެންދެން އެ އެންމެންނަށް ކައްކާ ކާން ދިނުމާއި އެއްޗެތި ދޮވުމާއި ކުނިކަހާ ސާފުކުރުން ފަދަ މަސައްކަތް ތަކުގަ އެވެ.
ކްރިޝްނާ ބުނީ ހަތަރު އަހަރު ކުރިން އޭނާގެ ބައްޕަ މަރުވުމާ ގުޅިގެން މަންމަ ވަރަށް އެކަނިވެރިވި ކަމަށެވެ. ކްރިޝްނާ އަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަށް ވެފައި ކްރިޝްނާ ވަޒީފާ އަދަކުރަމުންދިޔައީ ބެންގަލޫރުގައި ކަމުން މައިސޫރުގައި މަންމަ ފަހުން ދިރިއުޅުނީ އެކަންޏެވެ.
"އަހަރެން ބެންގަލޫރުގައި ހުރެފައި އެއްދުވަހު މަންމަ އާ ގުޅައިގެން ވާހަކަ ދެއްކި ދުވަހެއްގައި އަހަރެން އިންޑިއާގެ ބައެއް ރަށްރަށުގެ ނަންތައް ކިޔާފައި ބުނިން އޭގެން އެއްވެސް ތަނެއް ނުދެކެމެއް ނޫންހޭ. ބުނީމަ މަންމަ ބުނި އެ ރަށްރަށަށް ނޫނަސް ގެޔާ ކައިރީގައި ހުރި އެއްވެސް ތަނެއް ވެސް މަންމަ ނުދެކެމޭ. އަހަރެން އެ ވަގުތު ވަރަށް ދެރަވި. މަންމަ ގޮވައިގެން ދަތުރެއް ކުރަން ނިންމީ އެހެންވެ،" ކްރިޝްނާ ބުންޏެވެ.
ހަގީގަތުގައި ކްރިޝްނާގެ މަންމަ ބޭނުންވީ ހަމްޕީ ކިޔާ ރަށެއް ބަލާލާށެވެ. ދުވަހަކު ވެސް ގެއިން ބޭރަށް ނުކުމެ އުޅެފައިނެތް މަންމަ ގޮވައިގެން އިންޑިއާގެ ހުރިހާ ހިސާބެއްގައި ބުރުޖަހާލަން ކްރިޝްނާ ނިންމީ މަންމަ ބޭރަށް ނުކުމެ ނޫޅޭތީ އެވެ.
ކްރިޝްނާ ބުނި ގޮތުގައި އޭނާގެ ގޭގައި އާއިލާގެ ގިނަ ބަޔަކު ދިރިއުޅެ އެވެ. އަދި ބައްޕަ މަރުވުމާ ހަމަޔަށް ވެސް މަންމައަށް އޮތީ ބަދިގޭ ވަޒީފާ އެވެ. އެހެންވެ ކައްކާފައި މަންމައަށް ގެއިން ބޭރަށް ނުކުންނާނެ ވަގުތު އޮތީ ނުލިބި އެވެ.
ބޭންކްގައި އަދާކުރަމުންދިޔަ ވަޒީފާއިން މިއަހަރުގެ ޖެނުއަރީ މަހު ކްރިޝްނާ އިސްތިއުފަ ދިނެވެ. އަދި ސައިކަލުގައި މަންމަ ގޮވައިގެން ދަތުރު ފެށި އެވެ.
އެގޮތުން 48،100 ކިލޯ މީޓަރު އޭނާ ވަނީ މަންމަ ގޮވައިގެން ދުއްވާފަ އެވެ. މަންމަ ބޭނުންވާ އެކި އެކި ތަންތަނަށް ޒިޔާރަތް ކުރުމަށެވެ. އިންޑިޔާގެ ގިނަ ސްޓޭޓްތަކެއްގެ ގިނަ ރަށްރަށަށް ކްރިޝްނާގެ ދެ މައިން މިހާރު ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ބޭރު ތިން ގައުމަކަށް ވެސް ގޮސްފައި ވެއެވެ. އެއީ އެއްގަމު މަގުން ސައިކަލުގައި ދެވެން އޮންނަ މިޔަންމާ އަށާއި ނޭޕާލަށް އަދި ބޫޓާނަށެވެ.
ކްރިޝްނާ އޭނަގެ މަންމަ ގޮވައިގެން ސައިކަލުގައި ދަތުރު ކުރަނިކޮށް ނާންޑީ ފައުންޑޭޝަންގެ ސީއީއޯ މަނޯޖް ކުމާރަށް ފެނިގެން ވީޑިއޯކޮށްފައި ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ. މަނޯޖް ލިޔެފައިވާ ގޮތުގައި މިއީ އޭނަ ވެސް ވަރަށް ކުރަން ބޭނުންވާ ކަމެކެވެ.
ކާރު އުފައްދާ މަޝްހޫރު ކުންފުނި މެހެންދުރަ އެންޑް މެހެންދުރަގެ ޗެއާމަން އާނަންދް މެހެންދުރަ އަށް ކްރިޝްނާގެ ވާހަކަ ސޯޝަލް މީޑިއާ އިން ފެނުމުން ވަރަށް އަސަރު ކުރި އެވެ. އަދި އޭނާ ވަނީ ކްރިޝްނާ އަށް ކާރެއް ހަދިޔާ ކޮށްފަ އެވެ.
"މަންމައަކު ދެކެ ދަރިއަކު ވާ ލޯބީގެ ވަރަށް ރީތިވާހަކައެއް. އަދި މީގެން ގައުމަށް އޮތް ލޯބިވެސް ހާމަވޭ. އެހެންވެ އަހަރެން އަމިއްލަ ހައިސިއްޔަތުން ކްރިޝްނާ އަށް ކާރެއް ހަދިޔާކޮށްފިން. އޭރުން މަންމަ ގޮވައިގެން އޭނާއަށް އަރާމުގައި ދަތުރު ކުރެވޭނެ" މަހިންދުރަގެ ޓުވީޓެއްގައި ބުނެފައި ވެއެވެ.
މި ވީޑިއޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ ކްރިޝްނާއަށް ވަރަށް ތައުރީފުކޮށްފަ އެވެ.
"އަހަރެމެންނަށް މަންމަގެ އަގު ވަޒަނަށް ނުކުރެވޭ. އެކަމަކު ހަނދާން ކުރާތި ވަގުތެއް އެއްވެސް މީހަކަށް އިންތިޒާރެއް ނުކުރާނެ. އެހެންވީމަ އަހަރެމެންގެ މަންމަ އަހަރެމެންނާއެކު ދުނިޔޭގައި ހުރި ދުވަސްތަކުގައި އޭނާއަށް އަރާމާއި އުފާ ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެ. އެމީހުން އަހަރެމެންނަށް ކަންތައް ކޮށްދިން ފަދައިން،" ކޮމެންޓެއްގައި ވެއެވެ.
ކްރިޝްނާ އަކީ ރަނގަޅު ދަރިއެއްގެ މިސާލެއް ކަމަށް އެހެން މީހެއްގެ ކޮމެންޓުގައި ވެއެވެ.