ހަބަރު

އިދިކޮޅު ހަރަކާތުގައި އެމްޑީޕީގެ މެންބަރުން ބައިވެރި ނުވާން އެދިއްޖެ

އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ބާރު ލިބޭ ފަދަ ކަންކަމުގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރި ނުވާން އެ ޕާޓީން މިއަދު އަންގައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެއްވެސް މެމްބަރަކު އަދި އާންމު މެމްބަރަކު ވެސް ބޭނުން ނުކުރަން ދަންނަވާ ކަމަށެވެ.

އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ އަދި ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަން ހަނދާކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އިން މިހެން ބުނީ، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ރާއްޖޭގެ ގިނަ ކައުންސިލްތަކުން އެކަން ކުށްވެރިކޮށް ބަޔާން ނެރެފައި ވަނިކޮށެވެ. އަދި ގިނަ ރަށްތަކުގައި ވެސް އެ މައްސަލާގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ އެ މައްސަލާގައި ހިފާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެ މައްސަލާގައި އެމްޑީޕީން ވަނީ އެމްޑީއެން ފަދަ ޖަމާއަތްތައް އުވާލުމަށް ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ.