ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ސަރުކާރު ދިފާއު ކުރަން ފަސް ޖެހޭ ނަމަ އެ މަގާމުތަކުގައި ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރު ދިފާއު ކުރުމަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ހުރިހާ ފަރާތްތަކަށް ވެސް ލާޒިމް ކުރާ ކަމެއް ކަމަށެވެ. އެކަން ކުރަން ފަސް ޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިއްބަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
ހަސަން މިހެން ވިދާޅުވި އިރު މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު މައްސަލަ ސަރުކާރާއެކު އޮތް ޕާޓީ އަދާލަތުން ވަނީ ކުށްވެރިކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އިތުރު އެއްޗެއް ނުބުނެ އެ ޕާޓީން އޮންނަނީ ހިމޭނުންނެވެ.
އޭގެ އިތުރުން ތިން ވަޒީރަކު ވަކި ކުރަން އުޅޭ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވި ކަމަށް ބުނެ ވަކި ކުރަން އުޅޭ ތިން ވަޒީރުންނަކީ ފިޝާރީޒް މިނިސްޓަރު ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީއެން މައްސަލާގައި ސަރުކާރު ހޫނުފެނުގައި އޮތް އިރު އެމްޑީޕީން މިއަދު ވަނީ އިދިކޮޅު ހަރަކާތްތަކަށް ހިތްވަރު ލިބޭ ފަދަ ކަންކަން އެ ޕާޓީގެ މެންބަރު ނުކުރުމަށް ވެސް އެދިފަ އެވެ.