މިޒަމާނުގައި ބުރަކަށީގައި ރިއްސާތީ އުޅޭ މެދު އުމުރުގެ މީހުންނާއި ޒުވާނުން މަދެއް ނޫނެވެ. އަދި ވަރަށް ކުޑަ ކުދިން ވެސް ބުރަކަށީގައި ރިއްސާތީ ޝަކުވާ ކުރާ އަޑު އިވެ އެވެ. ނަމަވެސް ކުރީ ޒަމާނުގައި ބުރަކަށީގައި ރިއްސުމަކީ އުމުރާ ގުޅިފައި އޮންނަ ކަމެކެވެ. ބުރަކަށީގައި ރިއްސާނީ މުސްކުޅި ވީމަ ކަމަށް އޭރު މީހުންނަށް އޮންނަނީ ގަބޫލު ކުރެވިފަ އެވެ. މަދު ހާލެއްގައި ބައްޔެއްގެ ސަބަބުން ބުރަކަށީގައި ރިއްސާ މަދު ބަޔަކު ތިބި ނަމަވެސް ބުރަކަށީގައި ރިއްސުން ކުރީގައި އޮންނަނީ އުމުރުން ދުވަސްވުމާ ގުޅިފަ އެވެ.
ނަމަވެސް މިޒަމާނުގައި 20 އަހަރުގެ ޒުވާނުން ވެސް ބުރަކަށީގައި ރިއްސާތީ އުޅޭތަން ފެނުން ވަނީ އާއްމު ވެފަ އެވެ. ކުރީ ޒަމާނަށް ވުރެ އަވަހަށް މިޒަމާނުގެ މީހުންގެ ބުރަކަށީގައި ރިއްސަނީ ކީއްވެ ހެއްޔެވެ؟ މީގެ ހަގީގީ ސަބަބަކީ އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކަށް އައިސްފައިވާ ބަދަލެވެ. ލައިފްސްޓައިލް ހުންނަ ގޮތެވެ.
އުމުރުން ދުވަސް ނުވަނީސް ބުރަކަށީގައި ރިއްސަން ފަށަން މެދުވެރިވާ މައިގަނޑު ހަތަރު ސަބަބެއް ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ ސްމާޓް ފޯނު ބޭނުންކުރާ މިންވަރު އިތުރު ވުމެވެ. ދުވާލެއްގެ އެތައް ގަޑިއިރަކު ކަރު ދަމައިގެން ސްމާޓް ފޯނަށް ބަލަހައްޓައިގެން އެޔާ ކުޅެލަ ކުޅެލަ އިނުމަކީ ކަނދުރާ އަށާއި ބުރަކައްޓަށް ވަރަށް ބާރު ކުރާނެ ކަމެކެވެ.
ކަނދުރާ އަށާއި ކޮނޑަށް ޕްރެޝަރު ބޮޑުވުމުން ކަނދުރާގެ މަސްތައް ހަރުވެ އެވެ. މިއީ "ޓެކް ނެކް" ކިޔާ ސިންޑްރޯމެކެވެ. މީގެ ސަބަބުން 20 އަހަރުގެ ޒުވާނުންގެ މައިބަދަ 30 އަަހަރާއި 40 ވަރަކަށް އަހަރުވީ މީހުންގެ މައިބަދަޔާ އެއްވަރަށް ބަލިކަށި ވެއެވެ. މިއީ ހަމައެކަނި ފޯނުން ވާކަމެއް ނޫނެވެ. ލެޕްޓޮޕާއި ގޭމް ކުޅެން ސްކްރީނަށް ބަލަން އިނުމުން ވެސް މި ގޮތަށް ދިމާވެ އެވެ. ދުވާލެއްގެ އެތައް ގަޑީއެއް މުނިފޫހިފިލުވުމާއި މަޖާ ކުރުމުގެ ދުނިޔެއަކަށް ގެނބިގެން ތިބޭއިރު މީގެން ހަށިގަނޑަށް ލިބޭނެ ގެއްލުމާ މެދު ވިސްނައެއް ނުލެވެ އެވެ.
ވަޒީފާ އަދާކުރާ މީހުންނަށް ވެސް ބުރަކަށީގައި ރިއްސުމުގެ މައްސަލަތައް ކުރިމަތިވާލެއް އިތުރެވެ. ސަބަބަކީ ހެނދުނު ނުވައެއް ޖެހީއްސުރެ ހަވީރު ފަހެއް ޖަހަންދެން މިފަދަ ގިނަ މީހުން ތިބެނީ މޭޒު ދޮށުގައި ގުޑާ ނުލެވިފަ އެވެ. ހުސް ވަގުތުކޮޅެއް ލިބުނަސް ތެދުވެ ހިނގާލާ ހެދުމުގެ ބަދަލުގައި ގިނަ މީހުން ބަލާނީ ފޭސްބުކް ފަދަ ކޮންމެވެސް ސޯޝަލް މީޑިއާ އެއް ބޭނުންކޮށްލަން އިން ތަނުގައި އިންނާށެވެ. ގިނައިރު އިށީނދެ އިނުމުން ކަނދުރާއި ކޮނޑު އަދި ބުރަކައްޓަށް ލިބިފައިވާ ސްޓްރެސް ފިލުވާލެވޭނީ ތެދުވެ ހިނގާލާ ސްޓްރެޗް ކޮށްލުމުން ކަމެއް ނުވިސްނަ އެވެ. ގިނައިރު މިހެން ތިބުމުގެ ނަތީޖާއަކަށް ވަނީ ބުރަކަށީގައި ރިއްސަން ފެށުމެވެ.
ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ފިޓްނަސް އަށް ވެސް ސަމާލުކަން ދެއެވެ. ނަމަވެސް ޖިމް އަކަށް ގޮސް ނުވަތަ ކްލާހަކަށް ގޮސް އިންސްޓްރެކްޓަރެއްގެ ލަފާ އާއެކު ކަސްރަތު ކުރުމުގެ ބަދަލުގައި އެމީހަކަށް ރަނގަޅުވާނެ ހެން ހީވާ ގޮތް ގޮތަށް އަތާއި ފައި އަދި ގައިގެ އެކި ތަންތަން ކަސްރަތު ކުރާ މީހުން ވެސް ފެނެ އެވެ. އަތާއި ފައި އަދި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް ކަސްރަތު ދޭން ޖެހޭ ވަކި ގޮތްތަކެއް ހުރެ އެވެ. އެ ގޮތްތައް ދަސްކޮށްގެން އެގޮތަށް ކަންތައް ނުކުރާނަމަ ބުރަކައްޓަށް އަނިޔާވެ ބުރަކަށީގައި ރިއްސަން ފެށުމަކީ ގާތް ކަމެކެވެ.
ބުރަކަށިގައި ރިއްސުމާ ނިދާ ގޮދަޑި އާ ވެސް ގުޅުމެއް އޮވެދާނެ އެވެ. އެމީހެއްގެ ހަށިގަނޑާ ނުގުޅޭ ގޮދަޑިއެއްގައި ނިދާނަމަ ބުރަކަށީގައި ރިއްސަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބުރަކަށީގައި ކުރިން ވެސް ރިއްސާ މީހެއްނަމަ އިތުރަށް މި މައްސަލަ ގޯސް ވުމަކީވެސް ވަރަށް ގާތް ކަމެކެވެ. މާ މަޑު ގޮދަޑި ނުވަތަ މާ ހަރު ގޮދަޑި ވެސް ކަމަކު ނުދެ އެވެ. އަދި ރަނގަޅަށް ބެލެންސް ވެފައިވާ ގޮދަޑިއެއްގައި ނިދުން ވެސް މުހިއްމެވެ.
އެހެންކަމުން ބުރަކަށީގައި އެއްވެސް ވަރަކަށް ރިއްސާނަމަ މިކަންކަމަށް ސަމާލުކަން ދޭށެވެ. ތަންތަނުގައި އިށީނދެގެން އިންނައިރު ރީއްޗަށް ބުރަކަށި ސީދަލަށް ބައިންދައިގެން އިންނާށެވެ. އަދި އިރުއިރުކޮޅުން ތެދުވެލާ ހިނގާލާ ސްޓްރެޗް ކޮށްލާ ހަދާށެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރާށެވެ. ސްމާޓް ފޯނު ފަދަ އެއްޗެއްސާ ކުޅެން ދުވާލުގެ ގިނަ ވަގުތު ހޭދަ ނުކުރާށެވެ. އަދި މިހާރު ނިދާ ގޮދަޑި ކަމު ނުދާނަމަ ގޮދަޑި ބަދަލުކޮށްލާށެވެ.