ލައިފްސްޓައިލް

އަމިއްލަ ސިފަ ރޮބަޓަށް ދީގެން އެއްލައްކަ ޕައުންޑު

އެތައް ހާސް ރޮބަޓަކަށް ތިމާގެ މޫނުގެ ސިފަ ދޭން ތައްޔާރު ހެއްޔެވެ؟ މި ރޮބަޓްތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރެވޭނެ އެއްޗެހި ތަކެކެވެ. މިގޮތަށް ރޮބަޓަށް އެމީހާގެ މޫނުގެ ސޫރަ ދޭން އެއްބަސްވާ މީހުންނަށް އެއްލައްކަ ޕައުންޑް ލިބޭނެ ކަމަށް ވެއެވެ.

މުޅިން އާ ޓެކް ކުންފުންޏަކުން މިހާރު ދަނީ މިފަދަ މީހުން ހޯދަމުންނެވެ. މި ރޮބަޓްތައް ވާނީ އުމުރުން ދުވަސްވީ މީހުންގެ ވާޗުއަލް ނުވަތަ އަސްލު ނޫން އެކުވެރިންނަށެވެ.

ޖިއޯމިކް ޑޮޓް ކޮމްގައި މިހާރު ވަނީ ރޮބަޓްތަކަށް އަމިއްލަ މޫނުގެ ސޫރަ ދޭން ޝައުގުވެރިވާ މީހުންނަށް އިއުލާން ކޮށްފައި ކަމަށް އިންޑިއާ ޓުޑޭ ނޫހުން ބުނެފައި ވެއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި ރޮބަޓަށް އަމިއްލަ މޫނުގެ ސޫރަ ދޭން ބޭނުންވާ މީހުން ހޯދަނީ ރޮބަޓް އުފައްދާ މަޝްހޫރު ކުންފުންޏަކުންނެވެ. ޖިއޯމިކް އަކީ އެ ކުންފުންޏަށް މިފަދަ މީހުން ހޯދުމަށް އެހީތެރިވާ ބައެކެވެ.
ރޮބަޓް ބޭނުންވާ ކުންފުނީގެ ނަމެއް ޖިއޯމިކް އިން ހާމަ ކޮށްފައެއް ނުވެ އެވެ. އެއީ އެ ކުންފުންޏާއި ޖިއޯމިކް އާ ދެމެދު ވެފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށް އެ ވެބްސައިޓުން ބުނެ އެވެ.

އަންނަ އަހަރު މި ރޮބަޓްތައް އުފައްދަން ނިންމާފައިވާ ކަމަށް ވެއެވެ. ނަމަވެސް ޖިއޯމިކްގެ މި އިއުލާން ފެނިފައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއްބަޔަކު ބުނެފައިވަނީ ރޮބަޓް އުފައްދާ ކުންފުނިން "ސޯފިޔާ ރޮބަޓް" ފަދަ ޚިޔާލީ ރޮބަޓެއް ނޫފައްދައި އިންސާނުންގެ ހަގީގީ ސޫރަ ބޭނުންކުރާ ސަބަބެއް ނުވިސްނޭ ކަމަށެވެ. "ސޯފިޔާ" އަކީ ހޮންގްކޮންގްގެ ހެންސަން ރޮބޮޓިކްސް އިން އުފައްދާފައިވާ އިންސާނަކާ ވަރަށް އެއްވައްތަރު ރޮބަޓެކެވެ.

ކިތަންމެ ފައިސާ އެއް ދިނަސް މިފަދަ ރޮބަޓަކަށް އެމީހެއްގެ މޫނުގެ ސޫރަ ދޭން އެއްބަސް ވާނީ ކާކުތޯ ޓުވީޓާގައި ގިނަ ބަޔަކު ސުވާލުކޮށްފައި ވެއެވެ. އަނެއް ބަޔަކު ބުނަނީ މިއީ އޮޅުވާލައިގެން ހިންގާ ކޮންމެވެސް ކަންތައްގަނޑެއް ކަމަށެވެ.