ވިޔަފާރި

ރަހުނު ނެތި ކުދި ވިޔަފާރިތަކަށް ލޯނު ލިބޭނެ ސްކީމްތަކެއް ހުޅުވާލަނީ

Aug 15, 2015
1

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރި ތަރައްގީ ކުރަން ނަގާ ލޯނުގެ ރަހުނަށް ގެރެންޓީ ދޭނެ ސްކީމަކާއި ޝަރިއްޔާ ހުއްދަކުރާ ފައިނޭންސިން ފެސިލިޓީއެއް ރާއްޖެއަށް ތައާރަފު ކުރަން އިކޮނޮމިކް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމެންޓް (އީޑީ) ގެ ބިޒްނަސް ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އަށް މުޅިން އަލަށް ތައާރަފު ކުރާ ޝަރިއްޔާ ހުއްދަކުރާ ފައިނޭންސިން ފެސިލިޓީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންގުގެ އެހީގައި ތައާރަފު ކުރާ މި ފައިނޭންސިން ފެސިލިޓީގެ ދަށުން 30 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ.

"މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރާ ފެސިލިޓީއެއް. މީގެ ދަށުން މި ދޫކުރަނީ ފައިސާއެއް ނޫން. މި ފެސިލިޓީގެ ދަށުން ދޫކުރާނީ އެކަމެއް ކުރަން ބޭނުންވާ ސާމާނު. މިސާލަކަށް ކޮމްޕިއުޓަރެއް ނޫނީ އޮފީހެއް ހަދަން ބޭނުންނަމަ އެ އޮފީހެއް ހަދައި ދޭނީ. އެ ތަން ނިމުމުން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކަން ޖެހޭނީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީ މަސްވެރިކަމާއި ދަނޑުވެރިކަން، ކޮންސްޓްރަކްޝަނާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ފަދަ ދާއިރާތަކަށް ދޫކުރާނެ ކަމަށެވެ.

"މި ދާއިރާތަކުގެ އިތުރުން ވެސް އިތުރު އެހެން ދާއިރާތައް ހިމެނޭ. މީގައި ވަރަށް ގިނަ ސަބް ކެޓަގަރީތަކެއް ވެސް ހިމެނޭ،" ފިރުޝާން ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ ޝަރިއްޔާ ގަބޫލުކުރާ ފައިނޭންސިން ފެސިލިޓީގެ އިތުރުން، ލޯނު ނަގާ ފަރާތްތަކަށް ދިމާވެފައިވާ ރަހުނު ބެހެއްޓުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން "ކްރެޑިޓް ގެރެންޓީ ސްކީމެއް" ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"ބޭންކަކުން ލޯނު ނަގާއިރު މިހާރު ބޭނުންވޭ ރަހުނެއް ބަހައްޓަން. މިއީ ފަށައި ގަންނަ ވިޔަފާރިތަކާއި ހިނގަ، ހިނގައި ހުންނަ ވިޔަފާރި ތަކަށް ވެސް ދަތި ކަމަކަށް ވެފައި އޮންނަނީ ރަހުނުގެ މައްސަލަ. އެހެންވެ މި ތައާރަފު ކުރާ ސްކީމުގެ ބޭނުމަކީ ލޯނު ނަގާ ފަރާތްތަކަށް ގެރެންޓީ ދިނުން،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްކީމްގެ ސަބަބުން ވިޔަފާރިވެރިން ނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ސްކީމް އައުމުން ރަހުނަށް މުދާލުމުގެ ބަދަލުގައި ބޭންކުން މި ފޮނުވަނީ މި ސްކީމަށް. ސްކީމުން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ނިންމާނީ ލޯނުގެ ކިހާ އަދަދެއް ތޯ މި ސްކީމުން ގެރެންޓީ ކޮށްދޭނީ. އޭރުން މި ގެރެންޓީއަށް ބިނާކޮށް އެ ފަރާތްތަކަށް ލޯނު ދޫކުރާނީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން މިހާރު ދޫކުރާ ލޯނުތަކަކީ ދޫކުރުމަށްފަހު، "އަތް ދޫކޮށްލާނެ" ލޯނުތަކެއް ނޫން ކަމަށެވެ.

"މި ލޯނު ނޫނީ ފައިނޭންސިން ފެސިލިޓީ ދޫކުރުމަށްފަހު ވެސް އަޅުގަނޑުމެންގެ އެހީތެރިކަން ދެމުން ގެންދާނެ. ކުރިން ވާގޮތަށް މިހާރަކު ނުވާނެ. ލޯނު ދޫކުރުމަށްފަހު އެ ވިޔަފާރިއެއް ރަނގަޅަށް ހިނގައި ގަންނަންދެން އެހީތެރިކަން ލިބޭނެ،" ފިރުޝާން ވިދާޅުވި އެވެ.