އަބްދުﷲ ޝާހިދު

ނާމް ސަމިޓްގައިވެސް ރާއްޖެ އުފުލީ ފަލަސްތީނުގެ އަޑު

އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (ނާމް) ގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 18 ވަނަ ސަމިޓްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

މި ސަމިޓްގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ މަންދޫބެއްގެ ގޮތުގައެވެ.

މިނިސްޓަރު ޝާހިދުގެ ތަގުރީރުގައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުުރުމުގެ މުހިންމު ކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ. ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދާ ސިޔާސަތަކީ އެ އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމްކުރުން ކަމަށާ އެކަމަށް ވަކާލާތު ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނަށް ސުލްހަ ނުލިބި ގިނަ އަހަރުތަކެއް ވަމުންދާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިނިސްޓަރު ވަނީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިންތިޒާރު ކުރަންވީ ކިހާ ދުވަހަކަށްތޯ ސުވާލު ކުރައްވާފައެވެ.

ފަލަސްތީނަށް އަދި އިޒްރާއީލަށްވެސް ހަމަޖެހުން އޮތީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށްވެސް މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިފަހުން ބައިނަލްއަގްވާމީ ގޮތުން ބޭއްވޭ ބޮޑެތި ބައްދަލްވުންތަކުގައި ރާއްޖެއިން ދަނީ ފަލަސްތީނުގެ ހައްގުގައި ވަރުގަދައަށް އަޑު އުފުލަމުންނެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާ، އިޒްރާއީލުގެ މައްސަލާގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފަ އެވެ. އަދި މީގެ ކުރިން ވެސް ފަލަސްތީނުގެ މައްސަލާގައި ދިވެހި ރާއްޖެ ނަގާފައިވާ ސްޓޭންޑް އާ ކުރައްވާ އެކަން ވަނީ މުޅި ދުނިޔެއަށް ވަނީ އިއުލާނު ކޮށް ދެއްވާފަ އެވެ.

މީގެ އިތުުރުން ނާމް ސަމިޓްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ނާމްގެ ގައުމުތަށް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ގާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި ދުނިޔެއަށް ކުރިމަތި ވަމުންދާ ޓެރަރިޒަމާއި، މޫސުމީ ބަދަލުތައް ފަދަ މައްސަލަ ތަކަށް ނާމް ފަދަ ޖަމްއިއްޔާ ތަކުން އަހުލުވެރިވާން ޖެހޭކަމަށާއި، މިމައްސަލަ ތަކަށް ހައްލު ހޯދޭނީ ގައުމުތައް ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެތުމަށް އަމާޒު ހިފައިގެންކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އާއި، އެމްބެސެޑާ އެޓް ލާޖް އަހުމަދު މާހިރުގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްއެވެ.

120 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ނަން-އެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމާއަތެވެ. ރާއްޖެ ނާމްގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރުއެވެ.