ހަބަރު

މަރުވެފައިވާ ބައެއްގެ ނަމުގައި އޮޅުވާލައިގެން ހިނގި ކެފޭއެއް ބަންދުކޮށްފި

މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ދެ މީހެއްގެ ނަމުގައި އޮޅުވާލައިގެން ހުއްދަ ހޯދާ، ކެފޭއެއް ހިންގަމުން ދަނިކޮށް އެތަން ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ފުލުހުންގެ އެހީތެރި ކަމާއެކު ބަންދު ކޮށްފައި ވަނީ މއ. ވާދޫގޭގައި ހިންގަމުންދިޔަ ކެފޭއެކެވެ. އެ ކެފޭ ހިންގަން މުހައްމަދު ޒަކީ ކިޔާ މީހަކު ހުއްދައަށް އެދި ހުށައަޅާފައިވަނީ ވާދޫގޭގެ ވެރިންގެ ނަން މަތީގައެވެ. އެ ގޭގެ ވެރިންނަކީ އިބްރާހިމް ރަޝީދާ، ހައްވާ މުހައްމަދެވެ. އެއީ ދެމައިންނެވެ. އޭގެ ތެރެއިން ރަޝީދު ވަނީ މީގެ އަށް އަހަރު ކުރިން މަރުވެފައެވެ. ހައްވާ މުހައްމަދު މަރުވެފައި ވަނީ މީގެ 15 ކުރީންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ "މާލޭ ޓައުން ކެފޭ" ގެ ނަމުގައި ހިންގާ ކެފޭ ހުރި ބިމުގައި އެފަދަ މަސައްކަތެއް ކުރަން އެ ކައުންސިލްގެ ހުއްދައަށް އެދިފައިވަނީ އޮޅުވާލައިގެން ކަމަށެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ބައެއްގެ ނަމުގައި ފޯމް ފުރާ، އެމީހުންގެ ސޮއިކޮށް އަދި ޒަކީއަށް އެކަމުގެ ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށެވެ.

"އާންމު އުސޫލަކީ އެފަދަ ކަމަކަށް ހުއްދައަށް އެދި ގޭގެ ވެރިފަރާތުން ފޯމް ލުމުން އަޅުގަނޑުމެން އެ ހުއްްދަ މި ދެނީ. ނަމަވެސް އެކަން އޭނާ [ޒަކީ] ކޮށްފައިވަނީ އޮޅުވާލައިގެން ކަމަށްވާތީ މިއަދު އަޅުގަނޑުމެންވާނީ އެ ހުއްދަ ބާތިލްކޮށްފައި." ޒަމީރު ވިދާޅުވިއެވެ. "ހެލްތު މިނިސްޓްރީއާ ޓްރޭޑަށް ވެސް އެކަން އަންގާފައިވާނެ. އަދި ފުލުހުންނަށް ވެސް ވާނީ މައްސަލަ ތަހުގީގު ކޮށްދިނުމަށް ވެސް ހުށައަޅާފައި."

މައްޗަންގޮޅީ، ޖޯޝީ ހިނގުމުގައި ހުންނަ ވާދޫގޭގައި "މާލޭ ޓައުން ކެފޭ" ގެ ނަމުގައި މިވަގުތު ޚިދުމަތް ދެނީ ޒަކީ އަތުން ކުއްޔަށް ނަގައިގެން އެހެން މީހެކެވެ. ފުލުހުންނާއެކު ކައުންސިލަރު ވަނީ އެ ކެފޭއަށް ގޮސް ހުއްދަ ބާތިލްކޮށްފައިވާކަން އަންގާފަ އެވެ.

ޒަމީރު ވިދާޅުވީ މި މައްސަލައާ ގުޅިގެން އެ ކައުންސިލަށް ހާޒިރުވާން އެންގުމުން ޒަކީ ހާޒިރުވެފައިނުވާ ކަމަށެވެ.

މި މައްސަލަ ކައުންސިލަށް ހުށައަޅާފައިވަނީ ވާދޫގޭގެ ވެރިން ތެރެއިން އިބްރާހިމް ރަޝީދު ވާރުތަވެރިޔާ އަދި އޭނާގެ ދަރިފުޅު އަލީ ނިފާޒް ފަރާތުން އޭނާގެ ވަކީލުންނެވެ.