ރައީސް މުހައްމަދު ނަޝީދު

އެމްޑީއެންގެ ރިޕޯޓާ ގުޅުވައި ނަޝީދުގެ އިތުރު ޓްވީޓެއް!

އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ޝިއާރަކަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް މި ސަރުކާރުން އަމަލު ކުރަން ޖެހޭނެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އިސްލާމްދީނާ މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އަޅަން ގޮވާލާ އިދިކޮޅު ޕާޓީތަކާއި ރަށްރަށުގެ އާންމުން ސިލްސިލާ އެއްވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތަ ސަރުކާރެއް އުފައްދަން ކަމަށެވެ. އެ ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށައެޅުން ކަމަށް އެމްޑީޕީން ގަބޫލު ކުރި ކަމަށެވެ.

"އޭގައި ޕީޕީއެމްގެ ސިޔާސީ ޝިއާރަކަށް ނުވަތަ 2015 ގައި ނެރުނު ރިޕޯޓަކަށް އަމަލު ކުރަން ޖެހޭނެ ކަމަކަށް ނެތް،" ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީން އެކަނި ކަމަށް ދޭހަވާ މޭރުމުން މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އިސްލާމްދީނާ މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ވެސް ގޮވާލާފައިވާއިރު، އެ ޖަމިއްޔާ އުވާލުމަށް އެންމެ ބޮޑަށް ގޮވާލަމުން ދަނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިންނެވެ.

އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ރައީސް ނަޝީދު މީގެ ކުރިން އެތައް ފަހަރަކު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދާދިފަހުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރު އޮތް މިންވަރުގެ މައްޗަށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ އަސްލު އޮޅުވާލައި، އެ ރިޕޯޓު މިހާރު ބަޔަކު ބޭނުންކުރަމުން ދަނީ މި ސަރުކާރަށް ހަމަލާ ދޭ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް، އެ ރިޕޯޓުގެ އަސާސް މިހާރު ގެއްލިފައިވާ ކަމަށެވެ.

"އެ ރިޕޯޓުގައި ހުރި އެހެން ވާހަކަތަކެއް ފާހަގަނުކުރެވޭ. ސީރިއާއަށް ދިވެހިންގެ ބަޔަކު ދަނީ ކޮން ބަޔަކު މެދުވެރިވެގެންތޯ. އެ ރިޕޯޓާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުންދާތަން މި ފެންނަނީ ސީރިއާ މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން. އެހެންވެ އެ ރިޕޯޓުގެ އަސްލު އަސާސީ ވާހަކަ ގެއްލިދަނީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު އެމްޑީޕީން ވަނީ އެމްޑީއެން އުވާލަން ތާއީދު ނުކުރާ ކަމަށް ބުނެފައެވެ. އަދި އެމްޑީއެންއާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރި ނުވާން ވެސް ގޮވާލާފައި ވެއެވެ.