ރައްޔިތުންގެ މަޖިލިސް

މަޖިލިސް ރައީސްގެ އިސްތިއުފާއަށް މެންބަރު ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވަން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގޮވާލައިފި އެވެ.

މޮސްޓާ މިކަމަށް ގޮވާލެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ދިފާއުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްވިޓާ މެދުވެރިކޮށް މޮސްޓާ ވަނީ އެމްޑީއެންއަށް އަޅާ ކޮންމެ ފިޔަވަޅެއް ރައީސް ނަޝީދަށް ވެސް އެޅުމަށް ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީއެންއަކީ ރައީސް ނަޝީދު އުފެއްދެވި ޖަމިއްޔާއެއްކަން މިހާރު ހާމަވަމުންދާ ކަމަށެވެ. އަދި އިސްލާމް ދީނާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމާއަތުން ނެރުނު ރިޕޯޓަކީ ވެސް ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ނެރުއްވާފައިވާ ރިޕޯޓެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެމްޑީއެންއަކީ ރައީސް ނަޝީދުގެ އެއްޗެއްކަން މިދަނީ ފެނި ހާމަވަމުން. ރިޕޯޓް ނެރުނީވެސް މީނާ [ރައީސް ނަޝީދު] އަޑީގައި ހުންނަވައިގެންކަން ސަތޭކަ ޕަސެންޓް ޔަގީން ކުރެވިއްޖެ. އެމްޑީއެންއަށް އަޅާ ކޮންމެ ފިޔަވަޅެއް އޭނާ [ރައީސް ނަޝީދަށް] އަށްވެސް އަޅަން ގޮވާލަން. އަދި މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލަން." މޮސްޓާ ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލިސް ފެށުނުނު ފަހުން މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް މެންބަރަކު ގޮވާލެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެ އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެ ގޮވާލުމުގެ އިސް ސަފުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ތިއްބެވިއިރު، މިހާތަނަށް 114 ކައުންސިލަކުން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާ ވަގުތުން އުވާލުމަށް ގޮވާލާފައެވެ.

މީގެ އިތުރުން މާލެއާ ބައެއް ރަށްރަށުގައި މުޒާހަރާކޮށްފައި ވެއެވެ. އެފަދަ އެއްވުންތަކުގައި ބައިވެރި ނުވުމަށް އެމްޑީޕީއާއި ރައީސް ނަޝީދު ވަނީ ގޮވާލާފަ އެވެ. އަދި ބަޔާންތައް ނެރުމުގައި އެމްޑީޕީގެ ކައުންސިލަރުން ބައިވެރި ނުވުމަށް ވެސް އަންގާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ރައީސް ނަޝީދު ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާފައިވާ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައްވެސް ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.