މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެން ދިފާއުކުރުމުގައި ނަޝީދު ހައްދުފަހަނަ އަޅައިފި: ޖަމީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ދިފާއުކުރުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ދީނީ ހަރުކަށި ފިކުރު އޮތް މިންވަރުގެ މައްޗަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ އަސްލު އޮޅުވާލައި، އެ ރިޕޯޓު މިހާރު ބަޔަކު ބޭނުން ކުރަމުންދަނީ މި ސަރުކާރަށް ހަމަލާއެއްގެ ދިނުމަށް ހަތިޔާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޖަމީލް ވިދާޅުވީ އެމްޑީއެން ދިފާއުކުރުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އެ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"މަޖިލިސް ރައީސް މި ވަނީ އެމްޑީއެން ދިފާއު ކުރުމުގައި ހައްދު ފަހަނަ އަޅާ ގޮސްފައި. އެ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން. ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމާ މެދު ޝައްކު ނުކުރައްވާ." ޖަމީލް ވިދާޅުވިއެެވެ.

މަޖިލިސް ރައީސް މި ވަނީ އެމްޑީއެން ދިފާއު ކުރުމުގައި ހައްދު ފަހަނަ އަޅާ ގޮސްފައި. އެ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން. ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމާ މެދު ޝައްކު ނުކުރައްވާ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

އެމްޑީއެންއަށް ފިޔަވަޅު ނާޅައި ސަރުކާރުން ރައްޔިތުންނަށް ފިލައިގެން އުޅޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް، އެ ރިޕޯޓުގެ އަސާސް މިހާރު ގެއްލިފައިވާ ކަމަށެވެ.

"އެ ރިޕޯޓުގައި ހުރި އެހެން ވާހަކަތަކެއް ފާހަގަނުކުރެވޭ. ސީރިއާއަށް ދިވެހިންގެ ބަޔަކު ދަނީ ކޮން ބަޔަކު މެދުވެރިވެގެންތޯ. އެ ރިޕޯޓާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުންދާތަން މި ފެންނަނީ ސީރިއާ މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން. އެހެންވެ އެ ރިޕޯޓުގެ އަސްލު އަސާސީ ވާހަކަ ގެއްލިދަނީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ އިޝާރަތް ކުރެއްވީ ދީނުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ހަރަކާތްތެރިވާކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައި އޮތް އޮތުމަށެވެ. އެ ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ އަޑުއުފުލަމުންނެވެ.

ނަޝީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީއެންގެ ރިޕޯޓު މިހާރު ބަޔަކު ބޭނުންކުރަމުންދަނީ މި ސަރުކާރަށް ހަމަލާއެއްގެ ދިނުމަށް ހަތިޔާރެއްގެ ގޮތުގަ އެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައްވެސް ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.