މީހަކު މުއްސަނދި ވާން ކިހާ ވަގުތެއް ބޭނުންވާނެހެން ހީވޭ ހެއްޔެވެ؟ އަދި މި މުއްސަނދި ކަމަކީ ފަޓުލޫނުގެ ޖީބުން ފައިސާ ފުރިގެން ބަންޑުންވާފަދަ މުއްސަނދި ކަމެއް ނަމަ އެފަދަ މުއްސަނދިކަމެއް ހޯދަން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟
ގިނަ މީހުންނަށް ހަމަ ގައިމުވެސް އުމުރު ދުވަހުން ވެސް މާ ބޮޑު މުއްސަންޖަކަށް ނުވެވެ އެވެ. ނަމަވެސް އުމުރުން އެންމެ 24 އަހަރުގެ އެރިކް ޓިސޭ ވަރަށް ތަފާތެވެ. އެރިކް އަކީ ޗައިނާގެ ފާމަސޫޓިކަލްސް ކުންފުންޏެއްގެ ދެ ޑިރެކްޓަރުންގެ ދަރިއެކެވެ. އެހެންވެ އޭނާއަކަށް މުއްސަނދިވާކަށް މާ ގިނަ ވަގުތެއް ނުނެގި އެވެ.
އޭނާގެ މަންމަ ޗިއުންގް ލިންގް ޗެންގް އާއި ބައްޕަ ޓިސޭ ޕިންގްގެ ދީލަތިކަމުން އެރިކް އަށް މުއްސަނދިކަން ލިބުނީ އިރުއަރާފައި އޮއްސުނުހާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެރިކްގެ މައިންބަފައިން އެމީހުންގެ ސިނޯ ފާމަސޫޓިކަލްސް ނަމަކަށް ކިޔާ ކުންފުނީގެ ފަސްބައިކުޅަ އެއްބައި އެރިކްގެ ނަމަށް ބަދަލު ކުރުމާއެކު އެރިކް ވަނީ ބިލިއަނަރަކަށް ވެފަ އެވެ. އަދި އޭނާއަކީ މިހާރު އޭޝިއާ ބައްރުގައި ހުރި އެންމެ މުއްސަނދި އެކަކެވެ. އޭނާގެ މުއްސަނދިކަމުގެ އަގު 3.8 ބިލިއަން ޑޮލަރަށް އަރަ އެވެ.
އެރިކްގެ މުއްސަނދި ކަމަކީ އޭނާ މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވުރެ ވެސް މުއްސަންޖެވެ. ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ޓްރަމްޕްގެ އަމިއްލަފުޅު މުއްސަނދިކަމުގެ އަދަދު 3.1 ބިލިއަން ޑޮލަރަށް އަރަ އެވެ.
އެރިކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުނު މިހާގިނަ ފައިސާ އާއެކު ވަރަށް ގިނަ ޒިންމާ ތަކެއް ވެސް ބޮލުގައި އެޅުނެވެ. އޭނާއަކީ މިހާރު ކުންފުނީގެ އެންމެ އިސް އެއް މަގާމު ފުރާ މީހާ އެވެ. ބިލިއަނަރަށް ވުމަކުން އެރިކްގެ އުފާ ތަކަކަށް ހުރަހަކަށް ނުވެ އެވެ. ކުންފުނީގެ މަސައްކަތާއެކު އޭނާގެ މުނިފޫހިފިލުވުމުގެ ކަންތައް ވެސް ވަރަށް މައްޗަށް އޮވެ އެވެ. ހޮލީވުޑް މަޝްހޫރު ތަރިންނާއި ޕޮޕް ލަވަކިޔުންތެރިންގެ ތެރޭގައި އެރިކްގެ އެކުވެރިން ގިނަ އެވެ. ރީހާނާ އާއި ބެލާ ހަދީދް އަކީ ވެސް އެރިކްގެ އެކުވެރިންނެވެ.
އެރިކް އުފަންވީ އެމެރިކާގެ ވޮޝިންޓަނުގެ ސިއެޓަލްގަ އެވެ. ކިޔެވީ ހޮންގްކޮންގާއި ބީޖިންގުންނެވެ. އޭނާ ދާދިފަހުން ވަނީ ވާޓަން ސްކޫލް އޮފް ޔުނިވަސިޓީ އޮފް ޕެންސިލްވީނިޔާ އިން ގްރެޖުއޭޓް ވެފަ އެވެ. މިހާރު އެރިކް ކުރިޔަށްދާ ބާރު މިނުން ދާދި އަވަހަށް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި އޭނާ ހިމެނިދާނެކަމަށް ގަބޫލު ކުރެވެ އެވެ.