ހަބަރު

މިދިޔަ ހަފްތާގައި 763 ވެހިކަލެއްގައި ސްޓިކާ ޖެހި

Oct 27, 2019
2

މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން 763 ވެހިކަލެއްގައި ޕާކިން ސްޓިކާ ޖަހައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުލުހުން މިދިޔަ ހަފުތާގައި ވަނީ މާލެ ސަރަހައްދުން 819 ވެހިކަލެއް ބަލައި ފާސްކޮށްފަ އެވެ. އޭގެ ތެރެއިން 763 ވެހިކަލެއް ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ޕާކިން ސްޓިކާ ޖެހިއިރު، 48 އުޅަނދެއް ޓޯ ކޮށްފަ އެވެ.

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ އެކްސިޑެންޓްތަކުގައި 11 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓްތަކާ ގުޅިގެން ފަސް މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަަށް ފުލުހުންގެ ތަފާސްހިސާބުގައިވެ އެވެ.

މާލެ ސަރަހައްދުގައި މިދިޔަ ހަފުތާގައި ޓްރެފިކް ގަވާއިދަށް ނުބަލައި ދުއްވި 20 މައްސަލައެއް ފާހަގަވިއިރު، ރޯޑްވާދިނަސް ނެތި ދުއްވި 35 ވެހިކަލަކާއި އަހަރީ ފީ ނުދައްކައި ދުއްވި 23 ވެހިކަލެއްގެ މައްސަލަ ފާހގަ ކުރެވިފައިވެ އެވެ.

އޭގެ އިތުރުން ލައިސަންސް ނެތި ދުއްވި 53 މައްސަލައަކާއި ލައިސަންސް ނުނަގާ ދުއްވި 111 މައްސަލައެއް މިދިޔަ ހަފުތާގައި ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުގައިވެ އެވެ.

ފޯނު ނުވަތަ ހެޑް ސެޓް ބޭނުން ކުރަމުން ދުއްވި 29 މައްސަލައަކާއި ހެލްމެޓް އަޅައިގެން ދުއްވަން ޖެހޭ ސަރަހައްދުގައި ހެލްމެޓް ނަޅާ ދުއްވި 13 މައްސަލައެއް ވެސް ފާހަގަ ކުރެވިފައިވެ އެވެ. ގަވާއިދާ ހިލާފަށް ޓެކްސީ ކުރި 13 މައްސަލައެއް ވެސް ފާހަގަ ކުރެވުނު ކަމަށް ތަފާސް ހިސާބުގައިވެ އެވެ.