(24 އޮކްޓޯބަރ 2019 އާ ގުޅޭ)
"ވަރަށް އެހެންކަހަލަ ކަމެއް ފެނިގެން... ލުކް ބަޑީ... އަހަރެން ބުނަން މިއުޅެނީ އަހަރެންގެ ލޮލަށް ފެނުނު މަންޒަރެއް، ހޭޒަލް ޤަބޫލުކުރާނެކަމެއްނޭނގެ، އަހަންނަކީ ވެސް މާރަނގަޅު މީހެއްނޫންވިއްޔަ" ބޮލުގެ ފުއްކިބަ ކަހާލަމުން ހުސެން ބުންޏެވެ.
"ހުސެން!..." ހޭޒަލް ގޮވާލީ ވާހަކަ ދިގުނުކޮށް ބުނަން އުޅޭ އެއްޗެއް ބުނާށޭ ބުނާ ފަދައަކުންނެވެ. އެހެންވިޔަސް ހުސެންގެ މޫނުން ފާޅުވަނީ އޭނާ ޖެހިލުންވެފައި ހުރި ކަމެވެ. ހުސެންއަށް ދައްކަން ނުކެރޭނެ ވާހަކައެއް އޮންނާނޭކަމަށް ހޭޒަލްއަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާއަކީ ހޭޒަލްއަށް އަލަށް ފެނިގެން އުޅޭ މީހެއްނޫނެވެ. ހުސެންގެ ވާހަކަތަކާއި އެ ވާހަކަތައް ދެއްކުމުގެ ބަހުރުވަ ހުންނަ ގޮތް ވަރަށް ރަނގަޅަށް ހޭޒަލްއަށް އެނގެއެވެ. ނަމަވެސް މިހާރު މި ފެންނަނީ ހުސެންގެ ފުށުން ދުވަހަކުވެސް ފެނިފައިނުވާ އަސަރެކެވެ.
"ގަލޮޅުގަ ހުރި ގެސްޓުހައުސްއަކަށް ހޭޒަލްގެ ހަޒްބަންޑްދާތަން ފެނިގެން..." ހުސެން ބުންޏެވެ. އޭނާ ފަރުވާތެރިކަމާއެކު ހޭޒަލްގެ މޫނަށް ބަލަން ހުރި ގޮތުން ހީވަނީ އޭނާގެ ވާހަކަތަކަށް ހޭޒަލް ރައްދުދޭނޭ ގޮތަކާމެދު ހިސާބަކަށް ހާސްވެފައި ހުރި ހެންނެވެ.
"ދެން..." ހުސެން އިތުރު އެއްޗެއް ބުނޭތޯ މަޑުކޮށްލުމަށްފަހު ހޭޒަލް ބުނެލިއެވެ.
"އެއީ އެހާ ރަނގަޅުތަނެއްނޫން، އައި މީން... ގިނަ މީހުން އެތަނަށް ދަނީ ރަނގަޅު ބޭނުމަކުނޫނޭ، ދެފަހަރަކު ފެނިއްޖެ... އެއްދުވަހު ފެނުނީ ހެނދުނު، އަނެއްދުވަހު މެންދުރު އެތަނުން ނުކުންނަނިކޮށް... އެތަން ހުޅުވާނީ ހެނދުނު ދިހައެއް ޖަހާއިރު، ގެސްޓުހައުސްގެ އިތުރުން ސްޕާ ޚިދުމަތް ވެސް ދޭނެ... ނިކަން ސަޅި ތައި ކުދީން އުޅޭނެ... ހޭޒަލްއަށް އަހަރެން ބުނަން އުޅޭ އެއްޗެއް އެނގެއެއްނު... ޔޫގެ ހަޒްއަށް އަހަންނެއް ނުފެންނާނެ، ކައުންޓަރު ދޮށުގައި އަހަރެން ހުއްޓަ ނިކަން އަވަހަށް އޭނާނުކުމެގެން ދިޔައީ..." ހުސެން ޒާތެއްގެ ހިނިގަނޑެއް ޖަހާލައި އަނެއްކާ ވެސް ބޯކަހާލިއެވެ. ބުނެވުނީ ވަރަށް ބޮޑު އެއްޗަކަށް ވިޔަސް އެކަން އާދައިގެ ކަމަކަށް ހަދާލަން ހުސެންގެ ގަސްދު ހުރި ކަހަލައެވެ.
"އޭތް!... ރުޅި އައީތަ؟... އަހަރެން ކަޑަ އެއްޗެކޭ ބުނާކަށްނޫނޭ އުޅުނީ، ހޭޒަލްއަކީ މަގޭ ފްރެންޑެއްވީމަ ފެނުނު ކަންތައް ބުނަން ބޭނުންވީ، އެހެން ކޮންމެ ފިރިހެނަކު ފެނުނުނަމަ އަޅާ ވެސް ނުލާނަން، އަހަރެން ވެސް ބުނިންތާ އަހަންނަކީ ރަނގަޅު މީހެއްނޫނޭ، އަހަރެން ވެސް އެތަނަށް ދިޔައީ ރަނގަޅުކަމަކުނޫންވިއްޔަ.... އެތަނަކީ ގިނަބައެއްގެ ތެރޭ މަޝްހޫރުތަނެއްވީމަ" ހުސެން ބުންޏެވެ.
"ލިއަމްއަކީ ފުލުހެއް... އޭނާ އޮފީސް ކަމަކު ދިޔައީކަމަށްވެދާނެ، އެކަހަލަ ވިޔަފާރިތަކުގެ ފަރުދާގެ ފުރަގަހުގައި ހިނގާ ހުއްދަނޫންކަންކަން ހުއްޓުވަން އެމީހުން މަސައްކަތްކުރޭ، ހުސެން ވެސް ބަލައިގެން އުޅޭތި... އެކަހަލަ ތަނަކަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރާއިރު ހުސެން އެކަހަލަ ކަމެއްގަ ބެދިއްޖެއްޔާ ކިހާ ދެރަ" ހުސެންގެ ވާހަކައިން ސިކުނޑީގައި އުފެދިފައިވި ސުވާލުތަކާއި ހައިރާންކަން އެއްފަރާތްކޮށްލައި ހޭޒަލް ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުއެވެ. ލިއަމް އެބުނާ ތަނަކަށް ދިޔައީ ކޮންމެ ބޭނުމަކު ނަމަވެސް ހުސެން ގާތު އެކަމާ މަޝްވަރާކުރާކަށް ހޭޒަލް ބޭނުމެއްނޫނެވެ.
"އޯ... އެއީ ޕޮލިހެއްތަ؟... އޭތި ކަޑައޭ، ދެން ތިޖެހުނީ އެތަނަށް ދިއުން ހުއްޓާލަކަށްނު" ލިބުނު ހައިރާންކަމާއެކު ހުސެންއަށް ބުނެލެވުނެވެ.
"ސޮރީ އިނގޭ ބަޑީ... ނުބައިގޮތަކަށް ހީނުކުރައްޗޭ" ހުސެން ނިކަން އަވަހަށް ބުނެލިއެވެ. އޭނާ ހޭޒަލް ދެއްކި ވާހަކަ ޤަބޫލުކުރީ ކަހަލައެވެ.
ހުސެންއާ ވަކިވެ ސުޕަމާކެޓާ ދިމާއަށް ހިނގަމުން އައި ހޭޒަލްގެ ޠަބީޢަތް ވަނީ މުޅިން ބަދަލުވެފައެވެ. ހުސެން ދެއްކި ވާހަކަތައް ސިކުނޑީގެ ކޮންމެ ދިމާއެއްގަ ބިންވަޅުނެގިފައިވާ ކަހަލައެވެ. ތަކުރާރުކޮށް އެ ވާހަކަތައް ކަންފަތަށް އިވޭ ކަހަލައެވެ. ވިޔަފާރިކޮށްގެން އެނބުރި އެޕާޓްމެންޓަށް ހޭޒަލް އައީ ވެސް ގަބުވެފައި ހުރި މީހަކުހެންނެވެ.
ކާމޭޒުމަތީ އަތުގައި އޮތް ކޮތަޅުތައް ބެހެއްޓުމާއެކު މޭޒުގައި ދެއަތް ވިއްދާލައިގެން މޭޒުގެ ކޮޅުގައި ހޭޒަލްއަށް މަޑުކޮށްލެވުނެވެ. އިސްޖަހާލައިގެން ހުރުމަށްފަހު ފުންނޭވާއެއް އަނގައިން ބޭރުކޮށްލިއެވެ. އަމިއްލަ ހިތާއި ޟަމީރާ ތަކުރާރުކޮށް ހޭޒަލް ސުވާލުކުރިއެވެ. ހުސެން އެބުނާ ފަދަ ތަނަކަށް ލިއަމް ދާނީ އޮފީހާ ގުޅުންހުރި ކަމަކުއޭ ހޭޒަލްގެ ހިތް ބުނެއެވެ. ނަމަވެސް ސިކުނޑީގެ ކަނަކުން އެކަމާ ދެކޮޅު ހަދަމުން ދިޔައީ ހޭޒަލްގެ އެ ނިންމުން މުޅިއަކުން ހަމަނުޖެހެއޭ ބުނާ ފަދައިންނެވެ. ނިތްކުރީގައި ކަނާއަތްތިލައިން ފިރުމާލެވުމާއެކު ނިތްކުރިއަށް އިނގިލިތަކުގެ ކޮޅުން އޮބާލިއެވެ. ހުސެންގެ ވާހަކަތަކާމެދު ވިސްނި ވަރަކަށް ހޭޒަލްގެ ބޮލުގައި އުފެދުނު ރިހުންވީ ގަދައެވެ.
ހަވީރު ފަސްގަޑި ބައިވާން އުޅެނިކޮށް ލިއަމް އޮފީހުން އައިސް ގެއަށް ވަނެވެ. ސޯފާގައި ދެފައިވަށްކޮށްލައިގެން އިށީނދެ ހޭޒަލް އިނެވެ. އޭނާގެ އުނގުގައި އޮތް ދެއަތްތިލައިގެ ތެރޭ ރިމޯޓު އޮތެވެ. ލިއަމް ވަނުމުން އޭނާއަށް ބަލާލަން ހޭޒަލްއަށް އުނދަގޫވިއެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުނީ ދައްކަން ހުރި ވާހަކަތައް ފަށާނީ ކޮންކޮޅަކުންކަން ނުވިސްނޭތީއެވެ.
"ބޭބީ... ކީއްވެފަ ތީނީ؟..." އޮފީސް ބޫޓު ބާލައި ދޮރުކައިރީ ހުރި ކަބަޑުގެ މަތީ ބެހެއްޓުމަށްފަހު ލިއަމް އައީ ހޭޒަލްއާ ދިމާއަށެވެ. ހޭޒަލް ވަކި އެއްޗެއް ނުބުނެ ޓީވީއަށް ބަލަން އިންގޮތަށް އިނެވެ. އޭނާގެ ގާތުގަ ސޯފާގެ ފުރަގަހުން ލިއަމް ހުއްޓިލިއެވެ. އަދި ހޭޒަލްގެ ދެކޮނޑުގައި އަތްޖައްސާލައި ހަރަކާތްކޮށްލީ މަސާޖުކޮށްލަ ދޭ ފަދައިންނެވެ.
"ކޯއްޗަކަށްތަ ތިހާ ވަރަށް ގެއްލިފަ ތިއިނީ" ލިއަމްގެ ނަޒަރު ޓީވީއަށް ހުއްޓުނެވެ.
"ބޫޓު ކުނިވަސް ދުވާ ދޯ؟... އަންނާނަން ފްރެޝްވެލައިގެން ޒެއްލުއާ ބެހިލަން" ލިއަމް މިހެން ބުނެ ގުދުވެލުމާއެކު ހޭޒަލްގެ ބޮލުގައި ބޮސްދީފިއެވެ. އަދި ހިންދެމިލި ގޮތަށް އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.
ލިއަމް ކޮޓަރިން ނުކުމެގެން އައީ ސޯޓުބުރި އެއްގައެވެ. މައްޗަށް އޮމާންކޮށްލެވިފައިވާ ތެތް އިސްތަށިގަނޑާއި އޭނާގެ ހަށިގަނޑުން ދުވާ ބޮޑީސްޕްރޭގެ މީރު ވަހުން އެއައީ ފެންވަރައިގެންކަން ހެކިދެއެވެ. އޭނާ އައި ގޮތަށް ސޯފާގައި އިން ހޭޒަލްގެ ގައިގާ ހިފައިގަތެވެ. ކޯތާފަތުގައި ބޮސްދެމުން އަނބިމީހާއާ ސަމާސާކޮށްލިއެވެ.
"އައި މިސްޑް ޔޫ... ކީއްތަކޮށްލީ މިއަދު، އާ!... ފެންވަރާލީމަ މާބޮޑަށް ހައިވެއްޖެ، ކޯއްޗެއް ކާން ހުރީ" ހޭޒަލް ގާތްކޮށްލައިގެން ސޯފާއަށް ވެއްޓިގަނެގެން އޮވެ ލިއަމް ވާހަކަދެއްކިއެވެ. އޭނާގެ ސުވާލުތަކަށް ޖަވާބެއް ނުދީ ހޭޒަލް ދުރަށް ޖެހިލައި ސޯފާއިން ތެދުވެއްޖެއެވެ. އަދި ޓީވީގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުއްޓިލަމުން ހޭޒަލް ބަލާލީ ލިއަމްއަށެވެ.
"ގަލޮޅުގައި ހުރި ގެސްޓުހައުސްއަކަށް ލިއަމް ދިޔައިންތަ؟ މަސާޖުކޮށްދޭކަހަލަ" އެއްވެސް ހަމައެއްނެތި ބާރުބާރަށް ހޭޒަލްގެ ހިތް ތެޅެމުންދިޔައެވެ. އެސްފިޔަ ވެސް ޖަހާނުލަން ހޭޒަލް ހުރީ ލިއަމްގެ ފަރާތުން ފާޅުވާ ހުރިހާ އަސަރެއް ދުށުން ބޭނުންވެފައި ހުރީމައެވެ. ލިއަމްގެ ދުލުން ހަޤީޤަތް ހާމަނުކުރިޔަސް އެ މޫނުން ހޭޒަލްއަށް ހުރިހާ ވާހަކައެއް ހާމަކޮށްދޭނެކަން އެނގޭތީއެވެ. ލިއަމްގެ ދެ ލޯ ހޭޒަލްއާ ވާހަކަދައްކާނޭކަން ޔަގީންވާތީއެވެ.
"ކިހިނެއްވީ؟" ހައިރާންކަމާއެކު ލިއަމް ވަގުތުން ސޯފާއިން ތެދުވެ އިށީނެވެ.
"ދިޔައީންތަ؟" ހޭޒަލް ބުނެލިއެވެ.
"އާން! ދިޔައިން..." ފުންނޭވާއެއް ދޫކޮށްލުމާއެކު ލިއަމް ބުނެލިއެވެ.
"ކީއްކުރަން؟... މަސާޖު ކުރަން" ހޭޒަލް ބުނެލިއެވެ.
"ވަޓް ދި.. އާ ޔޫ އައުޓް އޮފް ޔޯ މައިންޑް، ވަޓް އާ ޔޫ ޓޯކިން އަބައުޓް" ލިއަމްގެ ނިތަށް ރޫގިނަވެލިއެވެ. ހޭޒަލް ދެއަތް އުރާލުމާއެކު ލިއަމްއަށް ބަލަހައްޓައިގެން ހުރީއެވެ.
"އެތާ އުޅޭ މީހަކާ ބައްދަލުކުރަން ދިޔައީ، ހުއްދަނޫންކަންކަން ހިނގަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން..." ހޭޒަލްގެ މޫނަށް ބަލަން އިނދެ ލިއަމް ބުންޏެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ހޭޒަލް އިސްޖަހާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ.
"ޒެއްލު... ކިހިނެއްތަވީ؟، އޮފީހުގައި ހިނގާ ހުރިހާކަމެއް ޚިއްޞާ ނުކުރެވޭނެކަން ޒެއްލުއަށް އެނގެއެއްނު، ދެން އެންމެ ރަނގަޅޭ، ކިހިނެއް ޒެއްލުއަށް އެނގުނީ އަހަރެން އެތަނަކަށް ދިޔަކަން... މީހަކު ބުނީތަ؟" ލިއަމް އެއްސެވެ. އޭނާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
"ފްރެންޑަކަށް ފެނިގެން" ހޭޒަލް ބުނެލިއެވެ.
"ކޮންފްރެންޑެއް، ކޮންއިރަކު ޒެއްލުއާ ދިމާވީ... ކީކޭ އޭނަ ކީ" ލިއަމް ނިކަން އަވަހަށް އެއްސެވެ.
"ލިއަމްއަކަށް ނޭނގޭނެ، އެއީ ތަންކޮޅެއް ކުރީގެ ފްރެންޑެއް.... މާޖިދެއް ކިޔަނީ، މާބޮޑު އެއްޗެއް ނުބުނޭ، އެތަނުން ފެނުނު ވާހަކަބުނީ" ހޭޒަލް ގަސްދުގައި ދޮގު ހެދިއެވެ. އޭނާއަށް ވެސް އެހެން ކަންތައްކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެހެންވިޔަސް އެފަދައިން ކަންތައް ކުރެވުނީ ބޭއިޚްތިޔާރުގައި ކަހަލައެވެ. މިފަހަރު ހޭޒަލްއަށް އަމިއްލަ ނަފްސަށް ކުށްވެރިކަމުގެ އިޙްސާސެއް ވެސް ނުކުރެވުނެވެ. އެއަށްވުރެ އަމިއްލަ ޟަމީރާ ސުވާލު ކުރެވެމުންދިޔައީ ހޭޒަލްއަށް ލިއަމް ކަމެއް ސިއްރުކޮށްފާނެބާއެވެ.
"މީހަކު އެއްޗެކޭ ބުނެލާއިރަށް ޒެއްލު ކޮންމެފަދަ އެއްޗެއް ވެސް ޤަބޫލުކޮށްފާނެ" ލިއަމް ބުނެލިއެވެ.
"ދެން މޫޑީ ނުވެބަލަ، އަހަރެން ދޯ ލިއަމްގެ ކަންކަމާ ބެހެން ވެސް ހުންނާނީ، ސުވާލު ވެސް ކުރާނީ... އެހެން އަހާލީ ކަމެއް ޤަބޫލުކޮށްގެންނެކޭ ނުބުނަމެންނު، މިހާރު ދެން ލިއަމް ތިބުނީނު ދިޔައީމޭ، އަދި ދިޔައީ ކޮންކަމަކުކަން ވެސް" ހޭޒަލްގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އޭނާ އެކަމެއް ލިއަމްއަކަށް ނުދެއްކިއެވެ. ހަމަޖެހޭ ގޮތް ފާޅުކޮށްލަމުން ލިއަމް ރުއްސަން އުޅުނެވެ.
"އަހަރެން މޫޑީކޮށްލަން ބޭނުންވީ ޒެއްލުއެއްނު... އޮފީހުގެ ވާހަކަތައް ގެއަށް ހިފައިގެން އަންނަ މީހެއްނޫނެއްނު އަހަންނަކީ، މީ އަހަންނާއި ޒެއްލުގެ ވަގުތުކޮޅު... އިތުރު އެއްވެސްކަމަކާ އަހަރެން ވިސްނަން ބޭނުންނުވާ ވަގުތެއް" ލިއަމް ބުންޏެވެ. ހޭޒަލް ހިނިތުންވުމެއް ބަދަލުކޮށްލަމުން އައިސް ލިއަމްގެ ގާތުގައި ސޯފާގައި އިށީނެވެ. އޭނާގެ ކަނާއަތުގެ މުލައްދަނޑީގައި ދެއަތުން ހިފާލަމުން ކޯތާފަތުގައި ހޭޒަލް ބޮސް ވެސް ދީފިއެވެ.
"ދެން އޯކޭވެބަލަ... މިބުނީނު ހިތުގައި އެއްޗެއް ލައިގެން ދެއްކި ވާހަކައެއްނޫނޭ، ހިނގާ ކާން... މާބޮޑަށް ބަނޑުހައިވެގެން ތި ރުޅިގަދަވަނީ" ހޭޒަލް ތެދުވެ ލިއަމްގެ އަތަށް ދަމަންފެށިއެވެ.
އެރޭ ނިދަން އޮތްއިރު ހޭޒަލްއަށް ވަރަށް ގިނަ ކަންކަމާމެދު ވިސްނުނެވެ. އެ ހުރިހާކަމެއް ގުޅިފައިވީ ލިއަމްއާއެވެ. ކައިވެނިކުރިއިރު ލިއަމްއަކީ ޑިއުޓީ އަދާކުރާ ފުލުހެކެވެ. ވަޒީފާގެ ކުރިއެރުމާއެކު މަސައްކަތްކުރާ ތަން ބަދަލުވެ އިހުނަށްވުރެ ބުރަކޮށް ލިއަމް އުޅެންފެށިއެވެ. އެހެންނަމަވެސް ލިއަމް ވަރަށް ގިނައިން ހޭޒަލްއަށް ގުޅާ ހަދައެވެ. ގުޅެން ނެތްނަމަ މެސެޖު ވެސް ކުރާނެވެ. ލިއަމް ގޭގައި ނެތިއްޔާ ހޭޒަލް އެކަނިވެ ފޫހިވެދާނެތީ އެވަރު ވެސް ލިއަމް ބަލައެވެ. އޮފީހުގެ ކަންކަން ނިންމާލުމާއެކު ހޭޒަލްގެ ގާތަށް އަންނަން އަވަސްވެގަންނަކަން ހޭޒަލްއަށް އެނގެއެވެ. އެ ކޯލުތަކާއި މެސެޖުތައް މަދުވާން ފެށީ އަހަރެއްހާ ކުރީންނެވެ. އެއީ ދެހާސްސަތާރަވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ. ކުއްލިއަކަށް ފުލުހުން ޖައްސާ އޮޕަރޭޝަންތަކުގައި ލިއަމް ޝާމިލްވާން ޖެހޭލެއް ގިނަވެފައި ގެއިން ބޭރުގައި އުޅޭ ވަގުތުތައް ގިނަވިއެވެ. އެއާއެކު އޮފީހުގެ ވާހަކަދެއްކުން ވެސް ހުއްޓިއްޖެއެވެ. އެއްވެސް ވަރަކަށް އޮފީހުގައި ހިނގާ ކަންކަމުގެ ވާހަކަ ހޭޒަލްއާ ލިއަމް ޚިއްޞާއެއް ނުކުރެއެވެ. މިހެންވުމުން ލިއަމް އޮފީހަށް ނުކުތުމަށްފަހު ގެއަށް އަންނަންދެން ހިނގާ އެއްވެސް ކަމެއް ހޭޒަލް ނުދެނަހުއްޓެވެ. މަޤާމުގެ މަސްޢޫލިއްޔަތާއެކު ސިއްރުކުރަންޖެހޭ ކަންކަން ފުލުހަކަށްވާތީ ހުންނާނޭކަން ލިއަމް ބުނާތީ ހޭޒަލް ވެސް ހުރީ އެކަން ޤަބޫލުކޮށްލައިގެންނެވެ. އެއްވެސް ކަމަކާ މިހާތަނަށް ސުވާލުކޮށްފައެއް ނުވެއެވެ. ލިއަމް އޮފީހުގެ ކަމެއްގައި ބޭރަށް ނުކުމެއްޖެނަމަ އެއީ އޮފީހުގެ ރައްޓެހިންނާއެކު ކޮފީއަކަށް އެރުން ކަމުގައި ވިޔަސް ލިއަމްއަށް ހޭޒަލް އުނދަގުލެއް ނުކުރެއެވެ. އެހެން އަނބިންހެން އިރުއިރުކޮޅާ ފިރިމީހާ ވީތަނެއް ބަލާކަށް ނުގުޅައެވެ. ނޫނީ ފިރިމީހާ ގެއަށް އައުމުން "އިންވެސްޓިގޭޓް" އެއް ނުކުރެއެވެ. ލިއަމްގެ ދުލުން ބުނެލާ އެއްޗެއް ޤަބޫލުކޮށްގެން ހުންނަނީއެވެ. އެކަމަކު އެއީ އެންމެ ރަނގަޅުގޮތްބާއޭ ހޭޒަލްގެ ޟަމީރާ އޭނާއަށް ސުވާލުކުރެވުނު މީ ފުރަތަމަ ފަހަރެވެ. އޮފީހުގެ ކަންކަން ގެއާ ހަމައަށް ނުގެންނާށޭ ބުނާ އަޑު އަހަމެވެ. އެކަމަކު އެއީ ހަމަ ރަނގަޅު ބުނުމެއްބާއެވެ. ނޫނީ ބައެއްމީހުން އެ ބުނުމުގެ އަސްލު އޮޅުވާލަނީ ބާއެވެ. އެކަމުން ވެސް ނާޖާއިޒް ފައިދާއެއް ނަގަން ގަސްދުކުރަނީ ކަންނޭނގެއެވެ. ހޭޒަލްއަކީ ބޭރުތެރޭ އުޅޭ އަންހެނަކަށް ނުވާތީ ހިނގާ ކަންކަން އެނގެނީ ޚަބަރުތަކުންނެވެ. އެހެންވެ ލޮލަށް މަންޒަރެއް ފެނުމަކީ ވެސް ދުރުކަމެކެވެ.
ދެއަތަށް ފުރޮޅިފުރޮޅި ހޭޒަލްއަށް އޮވެވުނީއެވެ. ފިކުރުތަކާ ހެދި ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ހޭވެރިކަމެއްވީ ފޯނުން އިވިގެންދިޔަ ބަންގީގެ އަޑުންނެވެ. އަމިއްލަ ދިރިއުޅުމާމެދު ދުވަހަކު ވެސް ކަންބޮޑުވެ ހާސްނުވާވަރަށް ހޭޒަލްވަނީ ނުތަނަވަސްވެފައެވެ. އަވަސް އަވަހަށް އެނދުން ފައިބައިގެން ފާޚާނާއަށް ހޭޒަލް ގޮސް ވަނެވެ. ތާޒާވެލައިގެން ވުޟޫ މަތީ އޭނާ ނުކުތީ ފަތިސް ނަމާދަށް އަރާށެވެ.
ނަމާދުގައި ހޭޒަލް ވަރަށް ދުޢާކުރިއެވެ. ލިއަމްއާއި އޭނާގެ ދެމެދުގައި ޝައްކާއިވަހުމް ނެތިގެން ދިއުމަށް ހޭޒަލްއަށް އެދެވުނެވެ. އެމީހުންގެ ކައިވެނީގައި ބަރަކާތްލެއްވުމަށާއި ލިއަމްއަކީ ޞާލިޙުންގެ ތެރެއިންވާ ފިރިއެއްގެ ގޮތުގައި ލެއްވުމަށް އެދި ދެންނެވިއެވެ. ލިއަމް ގޯސް މަގަކުން ދާނަމަ އޭނާއަށް ރަނގަޅު މަގު ދެއްކެވުމަށް އެދި ހޭޒަލް ދެންނެވިއެވެ. އެމީހުންގެ ދިރިއުޅުން ހަލާކުވެގެންދާކަށް ހޭޒަލް ނޭދެއެވެ. އޭނާ ލިއަމްދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ އެ ދެމެދަށް ޝައިޠާނާގެ ހިޔަނި އެޅިދާނޭފަދަ ހުރިހާ ކަމަކުން އެ ދެމަފިރިން ދުރުކޮށްދެއްވުމަށް އެދި ދެންނެވިއެވެ. ހޭޒަލްގެ ހިތަށް ކެތްނުވެގެން އޭނާ ނަމާދުން އަވަދިވުމާއެކު މުސައްލަ މަތިން ތެދުވެގެން އައިސް ލިއަމްއަށް ގޮވާލިއެވެ. ގަދަ ނިދީގައި އޮތް ލިއަމް ހޫންއެއް ލައްވާލުމާއެކު ހޭޒަލްގެ އަތްފޮޅުވާލިއެވެ.
"ލިއަމް ޕްލީޒް ހޭލަބަލަ" ލިއަމްގެ ކޮނޑުގައި ކޮއްޓަމުން އޭނާ ހޭލައްވަން ހޭޒަލް މަސައްކަތްކުރިއެވެ. ލިއަމްއަށް އުނދަގޫވެގެން ކުޑަކޮށް ލޯހުޅުވާލުމާއެކު ހޭޒަލްއަށް ސުވާލުކުރިއެވެ. ކިހިނެއްވީތޯ އެއްސެވެ.
"ފަތިސް ނަމާދުކޮށްލަން ތެދުވަންވީނު" ހޭޒަލް ބުނެލިއެވެ. އެއާއެކު ލިއަމް ލައްވާލީ ފޫހިކަމުގެ އަޑެކެވެ. އަދި އަނެއްފަރާތަށް އެނބުރެން އުޅުމުން ހޭޒަލް ގޮވާލިއެވެ.
"ދެން ޒެއްލު ގޮސް ކޮށްލަބަލަ" ލިއަމް ބުންޏެވެ. ހޭޒަލް މާގިނައިން ގޮވަން ފެށުމުން ލިއަމް ގާތަށް އައީ ރުޅިއެވެ. އެއާއެކު ހޭޒަލް އެނބުރި އައިސް މުސައްލަ މަތީ އިށީނެވެ. ލިއަމް ދީނީކަންކަމާ އަހުލުވެރިކުރުވަން ހަދާނީ ކިހިނެއްބާއޭ ހޭޒަލްގެ ހިތަށް އަރަމުންދިޔައެވެ. އެހާ ދީނާ ދުރުވާނަމަ ރަނގަޅުކަމެއް ވެސް މެދުވެރިއެއް ނުވާނޭ ހޭޒަލްގެ ހިތަށް އެރިއެވެ. ޝައިތާނާއަށް ވެސް އެ ދެމެދަށް ވަންނަން ފަސޭހަވަނީ އެހެންވެކަން ހޭޒަލްގެ ޟަމީރު އެއްބަސްވެއެވެ.
* * * * *
ހަމަޖެހެން މަސައްކަތްކުރިޔަސް ހޭޒަލްއަށް އުނދަގޫ އިޙްސާސެއް ހުންނަނީ ކުރެވިފައެވެ. އެހެންވިޔަސް އޭނާ އެކަން ފާޅެއްނުކުރެއެވެ. ނޭނގޭ ހިތްބިރުގަތުމެއް އޭނާގެ ނަފްސު ވަށާލަމުން އަންނަ ކަހަލައެވެ. އެ އިޙްސާސްތައް ބަޔާންކުރާކަށް އޭނާއަކަށް ފަސޭހައެއްނޫނެވެ. ލިއަމްގެ ކަންތައްތައް ހުންނަ ގޮތާމެދު މާބޮޑަށް ފިކުރުކުރެވޭހެން ހީވުމުން ހޭޒަލް ބެލީ އެހެން ކަންކަމުގައި މަސްއޫލުވެ އުޅެވޭތޯއެވެ. އޭނާގެ އަމިއްލަ ޚިޔާލުތަކާމެދު ވެސް ހޭޒަލް ބިރުގަންނަން ފަށައިފިއެވެ.
ދާރިއަންއާއެކު "ޕްރޮޖެކްޓް"ގެ ކަންކަމުގައި ހޭޒަލް ބައްދަލުކުރާލެއް ގިނައެވެ. ހަފްތާއަކު ދެތިން ދުވަހު ނަޝާމެންގެއަށް ހޭޒަލް ގޮސް ހަދައެވެ. އޭނާ އެކަނި ހުންނަން ބޭނުންނުވަނީއެވެ. އެކަނިވުމުން ވިސްނަން ބޭނުންނުވާ ކަންކަމާ މާބޮޑަށް ވިސްނޭގޮތްވާތީއެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކާ ހޭޒަލް ޚިއްޞާއެއް ނުކުރެއެވެ. މުހުސިނާ ގުޅާލިޔަސް އެގެއަށް ދާން ހޭޒަލް ހުންނަނީ ތައްޔާރަށެވެ.
އެގާރަޖަހާ ހިނގައްޖެއެވެ. ހޭޒަލް އޮތީ ސޯފާގައެވެ. ރޭގަނޑު ދިހައެއްގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އޮފީހަށް ލިއަމް ދާތީ އެކަން ހޭޒަލްއަށް ބޮޑުކަމަކަށްވެއެވެ. އެހެންވިޔަސް ހޭޒަލް އެހުމުން ލިއަމް ކޮންމެ ފަހަރަކު ވެސް ބުނަނީ އޭނާ ކުރަން ހުންނަ މަސައްކަތް ކުރެވެން އަންނަނީ އެހާއިރު ކަމަށެވެ. އެބުނާ މަސައްކަތެއްގެ މާބޮޑު ތަފްޞީލެއް ނުދެއެވެ. ހެނދުނަށް ނިމިފައި ހުންނަންޖެހޭތީ ރޭގަނޑުގެ އެހާއިރަށްކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަވާނީ ލިއަމް ބުނެއެވެ. އެގަޑިއަށް އޭނާ ދަނީ އެހެންވެ ކަމުގައި ބުނެއެވެ.
ތާއްޔާ ޖެހެން ފެށުމުން ވެސް ހޭޒަލް ނިދާކަށް ބޭނުމެއްނުވިއެވެ. ޢާންމުކޮށް ލިއަމް އެހެން އޮފީހަށް ގޮސްފައި އަންނަނީ ކިހާ އިރަކުކަމެއް ހޭޒަލްއަކަށް ނޭނގެއެވެ. އެކަމަށް ތަންކޮޅެއް ބޮޑަށް ސަމާލުވާންޖެހިއްޖެކަމުގައި ހޭޒަލްއަށް ޤަބޫލުކުރެވުނެވެ. އެހެންވެ އޭނާ ކޮޅަށް ތެދުވެ ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. ގާތްގަނޑަކަށް އެކެއް ޖެހިފަހުން އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި ލިއަމް ވަދެއްޖެއެވެ. އޭނާއަށް ހޭޒަލް ފެނުމާއެކު ފުރަތަމަ ވެސް އަހާލީ ނުނިދަން ހެއްޔެވެ. ލިއަމް އަންނަންދެން މަޑުކޮށްލީކަމުގައި ހޭޒަލް ބުންޏެވެ. ލިއަމްއާއެކު ނިދަން ދާންވެގެންކަން ވެސް ހޭޒަލް ބުންޏެވެ. ލިއަމް ބުނީ އޭނާގެ އަދި ނިންޖެއް ނެތްކަމަށެވެ. އެހެންވިޔަސް ހޭޒަލްއާއެކު ގޮސް އޮވެދާނަން ކަމަށެވެ.
ނިދިފައި އޮތް ހޭޒަލްއަށް ހޭލެވުނީ ފާޚާނާއަށް ދާން ޖެހިގެންނެވެ. ހޭލެވުމާއެކު ގަޑިންވީއިރެއް ބަލާލުމަކީ ހޭޒަލްގެ އާދައެކެވެ. އެނދުމަތީގައި ލިއަމް ނެތްކަން ފާހަގަވީ ދެނެވެ. ހޭޒަލް ތެދުވެ އެނދުގެ އަރިމަތީ އިށީނެވެ. ސައިޑްކަބަޑް މަތީ އޮތް ފޯނު ނަގައި ގަޑިން ވީއިރެއް އޭނާ ބަލާލިއެވެ. ދެގަޑި ބައިވެ ބޮޑު ވެއްޖެއެވެ. ހެނދުނު އޮފީހަށް ދާން ޖެހޭއިރު އަދިވެސް ލިއަމް ނުނިދަނީބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. ފާޚާނާއަށް ވަންނަން އުޅެފައި ވެސް ލިއަމް ހޯދަން ހޭޒަލް ބޭނުންވިއެވެ. އޮފީހަށް ދާންޖެހޭއިރު ނުނިދާ އޭނާ އިންނާނީ އިނގިރޭސި ފިލްމެއް ނޫނީ ސީރިއަސްއަކަށް ގެއްލިފައިކަން ހޭޒަލްގެ ހިތަށް އެރިއެވެ. އެހެންވެ ގަދަކަމުން ލިއަމް ގޮވައިގެން އަންނަން ގަސްދުކޮށް ހޭޒަލް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
ދޮރުހުޅުވުމާއެކު ކޭބަލް ޓީވީގެ އަޑު ހޭޒަލްގެ ކަންފަތުގައި ޖެހުނެވެ. ހިންދީލަވަ ޗެނެލެކެވެ. ދެން އިވުނީ ލިއަމް ވާހަކަދައްކާއަޑެވެ. ރަކިހުނުމަކާއެކު ތަފާތު ގޮތަކަށް ވާހަކަދައްކާއަޑެވެ. އެއާއެކު ހޭޒަލްގެ ހަނދާނަށް އައީ ލިއަމްއާ ރައްޓެހިވެގެން އުޅުނު ދުވަސްތަކުގެ ހަނދާނެވެ. ލިއަމް ހީނލަމުން މަޑުމަޑު އަޑަކުން ސަމާކާކަން އެކުލެވޭ ފަދަ އަސަރަކާއެކު ވާހަކަދައްކާ ގޮތެވެ. އެފަދަ ގޮތަކަށް ދަންވަރުގެ އެގަޑީގައި ލިއަމް ވާހަކަދައްކަނީ ކާކާބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. އަންހެނެއްގެ ނަންކީ އަޑު އިވުމާއެކު ހޭޒަލް ކުރިއަށް ފިޔަވަޅު އަޅާލިއެވެ.
"އޭތް! ބޭއްވީ އިނގޭ... ފަހުން ގުޅާނަން" ހޭޒަލް ފެނުމާއެކު ކުއްލިއަކަށް ލިއަމް ބުނެއްޖެއެވެ.
"ކިހިނެއްވީ ހޭލެވުނީ..." ލިއަމް އެއްސެވެ.
"ކާކާ މިގަޑީގަ ތި ވާހަކަދައްކަނީ" ހޭޒަލް ވެސް ކުރީ ސުވާލެވެ.
"އެއީ... އޮފީހުން... ޑިއުޓީގަ އިންކުއްޖާ" ލިއަމް ބުންޏެވެ.
"ފަރަހަތަ ކިޔަނީ؟" ހޭޒަލް އެއްސެވެ.
(ނުނިމޭ)